ބޯޓް ދަތުރުކުރުމަށް ދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ދޫކުރި، ސީފެއަރާސް އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްސް(އެސްއައިޑީ)ގެ މައްސަލަ ޖޫން މަސް ނިމުމުގެ ކުރިން ހައްލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ބޯޓު ދަތުރުކުރާ މީހުންނަށް މިދިޔަ ސަރުކާރުން އެސްއައިޑީ ދޫކުރިއެވެ. ނަމަވެސް އެ އެސްއައިޑީ ބޭރު ގައުމުތަކުން ބަލައިނުގަންނަ ކަމުގެ ޝަކުވާތައް އޭރު ފެންމަތިވިއެވެ.
ރޭ ބޭއްވި 'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ވަރަށް ގިނަ ދުވަސް ވެފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ސަރުކާރަށް އައުމުގެ މަގުމަތީގައާއި ސަރުކާރާ ހަވާލުވުމަށްފަހު ވެސް މި ކަމުގެ ޝަކުވާތައް ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ކރުިން ދޫކޮށްފައިވާ އެސްއަޑީތައް ހަދާފައި ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައެމްއޯ)ގެ ގަވާއިދާ އެއްގޮތަށް ނޫންކަމަށެވެ. އަދި މި ޑޮކިއުމަންޓް އައިއެމްއޯގެ ގަވާއިދަށް ފެއްތުމަކީ އެހާ އުނދަގޫ ކަމެއް ނޫންކަން މި ސަރުކާރުން ބެލި ބެލުމުން އިނގުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ޑިޒައިންކޮށްފައި މިހާރު އައިއެމްއޯއަށް ފޮނުވީމައި އޭގެ ސޭފްޓީ ޗިޕްގައި ހުންނަ ހުރިހާ ޑީޓެއިލްސްއެއް އައިއެމްއޯއިން މިހާރު ވަނީ ސަރުކާރުން ފޮނުވި ގޮތަށް އެ އެސްއައިޑީ އައިޑެންޓިފިކޭޝަސްއަކީ، އެ މިންގަނޑަށް ފެތޭ އެއްޗެއްކަމަށް ގަބޫލު ކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެން ޖެހޭނީ އެ ކާޑު ރާއްޖޭގައި ރެޖިސްޓާ ކޮށްފައި މީހުންނަށް ދޭން ކަމަށެވެ. ނަމަވެސް މި ކަމަށް ކޮންމެ ވެސް ޚަރަދެއް ހިނގާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މިކަން ބަޖެޓުގައި ހިމަނައިގެން، އެސްއަޑީ ހެދުމަށް އޮސްޓްރިއާގެ ކުންފުންޏަކާއެކު އެއްބަސްވުން ހަދާފައިވާކަމަށް އަމީން ވިދާޅުވިއެވެ.
"އިރަދަކުރެއްވިއްޔާ ދިގުލައިގެން މިދިޔަ މައްސަލަ ޖޫންމަސް ނިމޭއިރު ހައްލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ އެސްއައިޑީ ނުލިބުމުގެ ސަބަބުން ރާއްޖޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާ އެއްކޮށް އުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ މީގެ ކުރިން ބޯޓު ދަތުރުކުރާ މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.