މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި މުލަކު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ނައުފަލް (ރެޑްވޭވް އިބޫ)އަށް ދާއިރާގެ ރަށްތަކުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އިންތިޚާބުން ކާމިޔާބު ވުމާއެކު، އުފާފާޅުކޮށް ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ނައުފަލް ގެންދަވަނީ ދާއިރާގެ ރަށްތަކަށް ދަތުރުކުރަމުންނެވެ.
އެގޮތުން، އިއްޔެ، މުލަކަށް ވަޑައިގެންނެވިއިރު އެރަށުގެ ރައްޔިތުން ވަނީ މާފަތިތަކުން ނައުފަލަށް ޚާއްސަ މަރުހަބާއެއް ކިޔަފާއެވެ. އަދި، މިއަދު ނާލާފުއްޓާއި ކޮޅުފުއްޓަށް ވަނީ ވަޑައިގެންފައެވެ.
އިންތިޚާބުން ލިބުނު ކާމިޔާބު ފާހަގަކުރުމަށް ކޮޅުފުށިން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރަތްދޫލައިން މަރުޙަބާ ކިޔާފައިވާއިރު ހަރުބީޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ނައުފަލަށް މަރުޙަބާ ކިޔުމަށް މުލަކު ދާއިރާގެ ރައްޔިތުން ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މޫސާ ނަދީމް
ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށްތަކުން ނައުފަލަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މުލަކު ދާއިރާ ނައުފަލް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އިންތިޚާބުގައި 1185 މީހުންގެ ވޯޓާއެކުގައެވެ.
ނައުފަލް ވިދާޅުވި ގޮތުގައި ދާއިރާ ކުރިއަރުވަން ކުރަންޖެހޭނެ އެންމެ ފުރަތަމަ ކަމަކީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުން ކަމަށާއި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމަށެވެ.

ނައުފަލަށް މަރުޙަބާ ކިޔުމަށް މުލަކު ދާއިރާގެ ރައްޔިތުން ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/މޫސާ ނަދީމް
އެކަންތައް ފުރިހަމަކޮށްދިނުމަށް ޓަކައި ކުރަންޖެހޭ ކަންތައް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރާ ގުޅިގެން ތަރުތީބުން ކުރައްވާނެ ކަމަށް ނައުފަލް ވިދާޅުވިއެވެ.
"މި ކަމުގައި ދެން ބަލަން ޖެހޭނީ ހަގީގަތުގައި ރައްޔިތުންގެ ބޭނުމަކީ ކޮބައިތޯ ބެލުމުގައި ކައުންސިލްތައް ބާރުވެރި ކުރުވައި، ކައުންސިލްތަކުގެ މަސައްކަތްތެރިކަން ވެސް އޭގެތެރޭގައި ހިމަނައިގެން އަދި ޑަބްލިއުޑީސީގެ އެހީތެރިކަން ވެސް ހޯދައިގެން، އެންޖޯއީސްތަކުގެ އެހީތެރިކަން ވެސް ހޯދައިގެން، ދާއިރާގެ ކޮންމެ ރަށެއްގެ ވެސް އިހުސާސްތައް ހޯދައިގެން، މިގޮތަށް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނީ. ވަރަށް ރޭވިގެންދާ ގޮތަކަށް،" އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަން ދެއްވާނީ ހުއްޓިފައި ހުރި ޕްރޮޖެކްޓުތައް ކުރިއަށްގެންދިޔުމަށާއި ދާއިރާގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށެވެ.

ނައުފަލަށް މަރުޙަބާ ކިޔުމަށް މުލަކު ދާއިރާގެ ރައްޔިތުން ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/މޫސާ ނަދީމް
މުލަކު ދާއިރާގެ ރައްޔިތުން ބޭނުންވަނީ އެ މީހުންނާއެކު ކުރިއަށްދާނެ ލީޑަރެއްކަން ފާހަގަކޮށް ނައުފަލް ވިދާޅުވީ މަޖިލީސް އިންތިޚާބުގައި މި ދާއިރާ ޚިޔާރު ކުރެއްވީ އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"ކުރިއްސުރެ މި ދާއިރާއަށް ޝައުގުވެރިކަން ހުރޭ. މަޖިލީސް އިންތިޚާބު ކާމިޔާބުވުމުން އެކަން ސިފަކުރާނީ ރައްޔިތުންގެ އުންމީދު ހަގީގަތަކަަށް ހަދަން ބޭނުންވާ މިންވަރު. ރައްޔިތުން ގޮވައިގެން ކުރިއަށްދާނެ ލީޑަރަކަށް ބޭނުންވެފައިވާ މިންވަރު," އޭނާ ފާހަގަކުރެއްވިއެވެ.

ނައުފަލަށް މަރުޙަބާ ކިޔުމަށް މުލަކު ދާއިރާގެ ރައްޔިތުން ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/މޫސާ ނަދީމް
އަދި، އިންތިޚާބުން ކާމިޔާބުވުމުން ހާމަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަންތައް ނިންމަން ބޭނުންވާ ކަމުގެ ސިގްނަލް ކަމަށާއި ރައްޔިތުން ބުނާގޮތަށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީސް އިންތިޚާބުގައި ނައުފަލްގެ އިތުރުން އޭނާގެ ބައްޕާފުޅު އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ.