އަގަސްތިޔާއާއެކު، އަކްޝޭއަށް ބޮޑުބެ ކިޔާ ކުއްޖަކު ބޮލީވުޑަށް

އަގަސްތިޔާ، ސިމަރު ބާޓިއާ އަދި އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފުވި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ދެވަނަ ފިލްމުން އާ ޒުވާނަކު ބޮލީވުޑަށް ތަޢާރަފުވާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަގަސްތިޔާގެ ކެރިއަރުގެ ދެވަނަ ފިލްމު "އިއްކީސް"އިން ބޮލީވުޑަށް ތައާރަފުވާ ޒުވާނާ އަކީ އެކްޓަރު އަކްޝޭ ކުމާރަށް ބޮޑު ބޭބެ ކިޔާ ސިމަރު ބާޓިއާއެވެ. ފިލްމު "އިއްކީސް"އަކީ ސިމަރުގެ ފުރަތަމަ ފިލްމަށްވާއިރު މިއީ އަގަސްތިޔާ ވެސް ބެލުންތެރިންނަށް ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުން އަގަސްތިޔާއާ އެކު ފިލްމީ ދާއިރާއަށް ނުކުންނަ ސިމަރު ބާޓިއާ އަކީ އަކްޝޭގެ ދައްތަ އަލްކާ ބާޓިއާގެ ކުއްޖެކެވެ. މީގެކުރިން ވެސް ސިމަރު ވަނީ ފިލްމީ ދާއިރާއަށް ނުކުންނަން ތަފާތު އެކި އޮޑިޝަންތަކަށް ގޮސްފައެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ ފަދަ ޕްރޮޖެކްޓެއް ނުލިބޭތީ މަޑުކޮށްލައިގެން ހުރީ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އަގަސްތިޔާ ފިލްމު "ދަ އާޗީސް"ގެ ލީޑް ތަރިން ކަމަށްވާ ސުހާނާ ޚާން އަދި ޚުޝީ ކަޕޫރާއެކު--ފޮޓޯ/ލައިފްސްޓައިލްއޭޝިއާ
ސްރީރާމް ރާގަވަން ޑައިރެކްޓް ކުރާ މި ފިލްމަކީ، 1971ވަނަ އަހަރު އިންޑިއާގައި ހިނގި ތާރީޚީ އަސްކަރީ ހަނގުރާމަ އިންޑޯ-ޕަކްގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި އަގަސްތިޔާ ފެންނާނީ އެ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރި ލެފްޓިނެންޓް އަރުން ޚެތްރަޕާލްގެ ރޯލްއިންނެވެ.

އަގަސްތިޔާއާ އެކު ކުރީގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދްރަ ވަރަށް މުހިއްމު ރޯލްއަކުން ފިލްމުން ފެންނާނެއެވެ. އަގަސްތިޔާ ފިލްމުގައި ކުޅޭ ރޯލާ ބެހޭ މައުލޫމާތު ހާމަކޮށްފައިވީ ނަމަވެސް އަލަށް ތައާރަފުވާ ސިމަރު ބާޓިއާ ކުޅޭ ރޯލާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަމަށް އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10ވަނަ ދުވަހެވެ.

comment ކޮމެންޓް