ކަރިސްމާއާއި މާދުރީގެ މަޝްހޫރުވި ނެށުން 'ޑާންސް ދިވާނާ'އަށް

ލޯބީގެ ރީތި ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ޔަޝް ރާޖް ފިލްމްސްގެ މަގުބޫލު ފިލްމު "ދިލް ތޯ ޕާގަލް ހޭ"ގެ ހަނދާންތައް 27 އަހަރުފަހުން އަނެއްކާ ވެސް ބެލުންތެރިން އާކޮށްފިއެވެ.

ބަތަލާ ކަރިސްމާ ކަޕޫރާއި މާދުރީ ޑިކްސިޓް މުހިއްމު ރޯލެއް ކުޅުނު މި ފިލްމުގައި ދެ ތަރިން އެކީގައި ފެންނަ ވާދަވެރި ނެށުން ދައްކުވައިދިން މަންޒަރަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި މަންޒަރެކެވެ. 'ދަ ޑާންސް އޮފް އެންވީ'ގެ ނަމުން މަޝްހޫރުވި މި މަންޒަރުގެ ހަނދާން އާކޮށް އަލުން ސްޓޭޖްގައި ދެ ތަރިން ވަނީ މި މަންޒަރު ކުޅެފައެވެ.

ކަލާސް ޓީވީން ދައްކަމުން އަންނަ މަގުބޫލު ޓެލެންޓް ޝޯވް 'ޑާންސް ދިވާނޭ"ގެ އެންމެ ފަހު އެޕިސޯޑުގައި ކަރިސްމާ ވަނީ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.

މާދުރީ އާއި ކަރިސްމާ ކަޕޫރު މުހިއްމު ރޯލް ކުޅުނު ކާމިޔާބު ފިލްމު "ދިލް ތޯ ޕާގަލް ހޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

މާދުރީއެކޭ އެއްގޮތަށް ބަތަލާ ކަރިސްމާ ކަޕޫރަކީ ވެސް ހުނަރުވެރިކަމާ އެކު ތަފާތު އެކި ނެށުންތައް ހުށަހަޅައިދޭ މޮޅު ނެށުންތެރިއެކެވެ. ފިލްމު އިންޑަސްޓްރީގެ 90އިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ދެ ތަރިން އެއް ސްޓޭޖަކުން ފެނުމާ އެކު ބެލުންތެރިންގެ ހަނދާނަށް "ދިލް ތޯ ޕާގަލް ހޭ"ގެ މަންޒަރުތައް ސިފާވާނެ ކަމަށް ބުނަމުން ޝޯގެ ހޯސްޓުން ވަނީ ދެ ތަރިންގެ އައިކޮނިކް ނެށުމުގެ މަންޒަރުގެ ހަނދާން އާކޮށްދިނުމަށް އެދިފައެވެ.

"ދިލް ތޯ ޕާގަލް ހޭ" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. މި ފިލްމުން އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް މާދުރީއަށް ލިބިފައިވާއިރު މި ދެ ތަރިން ވެސް މިހާރު ވަނީ އެނބުރި ފިލްމީ ދާއިރާގައި މަސައްކަތްކުރަން ފަށާފައެވެ. ކަލަސްޓީވީގެ ޓެލެންޓް ޝޯ "ޑާންސް ދިވާނޭ" އާއްމުކޮށް ދައްކަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ މާލެ ގަޑިން 9:00 ޖަހާއިރެވެ.

comment ކޮމެންޓް