އަހަރުތަކަކަށް ފަހު ސަނީއާއި ޕްރިތީ އެއް ފިލްމަކުން

ޕްރިތީ އާއި ސަނީ ފިލްމު "ދަ ހީރޯ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންޓްރެސްޓް

ދިގު މުއްދަތަކަށް ފަހު އެކްޓަރު ސަނީ ޑިއޯލާ އެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން ބަތަލާ ޕްރިތީ ޒިންތާ ހާމަކޮށްފިއެވެ.

ޕްރިތީ ސޮއިކޮށްފައިވަނީ އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު "ލާހޯރު 1947"އަށެވެ. ޕްރިތީގެ އިތުރުން ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް މި ފިލްމުން ފެންނާނެއެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމަށް ސޮއިކުރިކަން އިއުލާނުކޮށް ޕްރިތީ ވަނީ ރާޖް ކުމާރު ސަންތޯޝީއާ އެކު ފިލްމު ސެޓުގައި ނަގާފައިވާ ފޮޓޯއެއް ވެސް އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ފިލްމު "ދިލް ސޭ"އިން ބޮލީވުޑަށް ތަޢާރަފުވުމަށް ފަހު ޕްރިތީވެފައިވަނީ 90އިގެ އަހަރުތަކުގެ ތެރޭ އާއްމުންގެ މަގުބޫލުކަން ހޯދި ފިލްމީ ތަރިއަކަށެވެ.

ޕްރިތީ ފިލްމު "ކަލް ހޯ ނަ ހޯ"ގެ މަންޒަރެއްގައި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

ސަނީއާއި ޕްރިތީ އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރެއިން 2003ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ހީރޯ:ލަވް ސްޓޯރީ އޮފް އަ ސްޕައި"އަށް ފަހު ޕްރިތީ އާއި ސަނީގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ. މި ފިލްމަށް ފަހު ދެ ތަރިން އެކީގައި އެންމެ ފަހުން ފެނިފައިވަނީ 2018ވަނަ އަހަރު ރިލީޒްކުރި ފިލްމަކުންނެވެ.

ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން ޕްރިތީ ފިލްމުތަކުން ފެނިފައިވަނީ ވަރަށް މަދުންނެވެ. ޕްރިތީގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭ "ކިޔާ ކެހެނާ"، "ވީރް ޒާރާ"،"ކަލް ހޯ ނަ ހޯ"، "ކޮއި މިލްގަޔާ"، "ދިލް ޗާތާ ހޭ" އަދި "ކަބި އަލްވިދަނާ ކެހެނާ" ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް