ޓެލްއަވީވު (24 އެޕްރީލް 2024): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ކުރިމަތިލުމުގައި އިސްރާއީލަށް ކުރިމަތިވެފައިވާ ނާކާމިޔާބީތަކާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ވެރިއާ އަދި އާމީ ޗީފް އޮފް ޖެނެރަލް ސްޓާފް ހޭޒީ ހެލެވީ އާއި ޔަހޫދީ ސިފައިންގެ އިސް ޖެނެރަލުންތަކެއް މަގާމުން އިސްތިއުފާ ދޭން ތައްޔާރުވަމުންދާކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "ޔަދިއޯތު އަހްރަނޯތު" އިން ބުނެފިއެވެ.
އެ ނޫސް ބުނާގޮތުން މިދިޔަ އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދިންއިރު އެކަން ކުރިން އިސްރާއީލު ސިފައިންނަށް ނޭންގުމާއި އެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ހާހަކަށްވުރެ ގިނަ މީހުން މަރުވެ އާންމުންނާއި ސިފައިން ހިމެނޭގޮތަށް އެތައް ސަތޭކަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ޣައްޒާގެ ތެރެއަށް ގެންދިޔައިރު އިސްރާއީލު ސިފައިން ވާނުވާނޭންގި އިނދަޖެހިފައި އޮތް މައްސަލާގެ ޒިންމާ ނަގައި މަގާމުން އިސްތިއުފާ ދިނުމަށް ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ޖެނެރަލް ސްޓާފް ހޭޒީ ހެލެވީ އާއި ސިފައިންގެ އިސް ޖެނެރަލުންތަކެއް ގެންދަނީ ތައްޔާރުވަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް އިސްރާއީލުގެ އެތެރެއިން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ޣައްޒާގައި އިސްރާއީލު ހިންގާ ހަނގުރާމައަށް ހަ މަސްވެފައިވާއިރު ހަމާސްގެ މައްޗަށް އެއްވެސް ކާމިޔާބީއެއް ނުހޯދި އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރެއިން އެކަކުވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބޭ މައްސަލައިގެ ޒިންމާވެސް ސިފައިންގެ ވެރިޔާ ނަގަންޖެހޭނެ ކަމަށް ގޮވާލާ އަޑުތައް އިސްރާއީލުގެ އެތެރޭގައި ވަނީ ގަދަވެފައެވެ.
މިދިޔަ އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދިންއިރު އެކަން ކުރިން އިސްރާއީލު ސިފައިންނަށް ނޭންގުނު މައްސަލައިގެ ޒިންމާ ނަގައި އިސްރާއީލު ސިފައިންގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ އަހަރޫން ހަލީފާ މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
ޣައްޒާގެ ހަނގުރާމައިގާ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އާންމުން ހާހުން މަރައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ޣައްޒާގެ އާންމުން ބަނޑަށް ޖައްސައިގެން މެރުން ފިޔަވައި އެހެން ކަމެއް އިސްރާއީލުގެ ސިފައިންނަށް ނުކުރެވޭތީ އިސްރާއީލުގެ ސިފައިންގެ ގާބިލްކަމާ އަދި އެ މީހުންނަށް އިސްރާއީލުގެ ރައްޔިތުން ދިފާއު ކުރެވިދާނެތޯ މި ސުވާލު ވަނީ އެ ގައުމުގެ ތެރޭގައި އުފެދިފައެވެ.
އީރާނުން މި މަހުގެ 14 ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުން ވެސް އިސްރާއީލު ދިފާއުކޮށްދީފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުންނެވެ. އެ ތިން ގައުމު އަލާނުލިނަމަ އީރާނުގެ ގިނަ ހަމަލާތައް އިސްރާއީލަށް ދިފާއު ނުކުރެވުނީސްކަމަށާއި އީރާނުގެ ހަމަލާތައް އަރައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނީސްކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އީރާނަށް ދީފައިވަނީ ކުޑަ ކުޑަ ދެތިން ޑްރޯން ބޭނުންކޮށްގެން ވަރަށް ވަދު ހަމަލާއެކެވެ. އީރާނުގެ ބާޣީންގެ ބައަކު ލައްވައި އިސްރާއީލު ދިން އެހަމަލާގެ ޒިންމާ އުފުލަންވެސް އިސްރާއީލަށް ކެރިފައެއް ނުވެއެވެ. މިއީވެސް އިސްރާއީލު ސިފައިންގެ ބަލިކަށިކަން ހާމަވެގެން ދިޔަކަމެކެވެ.
އިސްރާއީލުގެ ވަޒީރެއް ކަމަށްވާ ބެންގަވިރު ވަނީ އިސްރާއީލުން އީރާނަށް ދިން ރައްދު ހަމަލާއަކީ ލަދުގަންނަވަރުގެ ބަލިކަށި ހަމަލާއެއްކަމަށް ސިފަކޮށްފައެވެ.