ސަސްޕެންޝަން އުވާލުމުން، މިފްކޯގެ ސީއީއޯ އަލުން ވަޒީފާއަށް ނުކުންނަވައިފި

މިފްކޯގެ ސީއީއޯ: އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައި --

މުސާރަ ހިނގާ ގޮތަށް، ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރި، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިކަން ހާމަކޮށް މިފްކޯގެ މީޑިއާ އޮފިޝަލަކު ކުރި މެސެޖެއްގައި ވަނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ސަސްޕެންޝަން އުވާލައި އިއްޔެ ސަމާހަށް އެކަން ލިޔުމުން އަންގާފައިވާ ކަމަށެވެ. ސަމާހު ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ކުންފުނީ ދުވަހުން ދުވަހަށް ހިންގުމަށް މިފްކޯގައި އުފެއްދި އިންޓެރިމް ކޮމިޓީ ވެސް ވަނީ އުވާލައިފައެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އެންމެހާ ކަންކަން މިފްކޯ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޕީބީސީން ސަމާހަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އޭނާ ވަގުތީ ގޮތުން މަގަމުން އެކަހެރިކުރީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ.

ނަމަވެސް، ޕީބީސީން ފަހުން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.

ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން ވަނީ މީސްމީޑިއާގައި ލީކް ވެސް ކޮށްލައިފައެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ. އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

ސަމާހު ސަސްޕެންޑު ކުރި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ.

comment ކޮމެންޓް