އެމްކިއުއޭގެ ހުއްދަ ނެތި، ހުއްދަ އޮތް ކަމަށް ބުނެ ލަންކާގައި ކޯސްތަކެއް އިޝްތިހާރުކުރަނީ

އެމްކިޔުއޭގެ ވެބްސައިޓް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެމްކިއުއޭގެ ހުއްދަ ނެތި، ހުއްދަ އޮތް ކަމަށް ބުނެ ލަންކާގައި ކޯސްތަކެއް އިޝްތިހާރުކުރާތީ ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައި -- ފޮޓޯ/ އެމްކިޔުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަލިބިފައިނުވާ ކޯސްތަކަކަށް، ހުއްދަ ލިބިފައިވާ ކަމަށް ބުނެ ސްރީލަންކާގައި އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނީ ސްރީލަންކާގެ މަތީ ތައުލީމްދޭ މަރުކަޒެއް ކަމަށްވާ "އެޕެކްސް އެޑް"އިން އެ މަރުކަޒުގައި ހިންގަމުން އަންނަ ކޯސްތަކެއް "އެމްކިއުއޭ އެޕްރޫވަލް" ޖަހައިގެން އިޝްތިހާރުކޮށްފައިވާތީ އެކަން ނުކުރުމަށް އެ އޮތޯރިޓީން ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

"އެޕެކްސް އެޑް"އަކީ ސްރީލަންކާގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެޓް) އިން ވެސް ހުއްދަ ނުދޭ ސަނަދެއް ދޫކޮށްގެން ސަސްޕެންޑްކޮށް އަލުން ހުއްދަ ދީފައިވާ ތަނެއް ކަމަށް އެ އޮތޮރީޓިން ބުންޏެވެ.

އެމްކިއުއޭއިން ބުނިގޮތުގައި އެ މަރުކަޒުން ދަނީ އެ އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަން ދެއްކުމަށްޓަކައި، ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުންނެވެ.

އެ އޮތޯރިޓިން ދޫކުރާ ޕްރޮގްރާމް ގަބޫލު ކުރުމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެ ދަރިވަރަކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކްކުރުމަށްފަހު ސީދާ އެ ދަރިވަކަށް ދޫކުރާ ލިޔުމެއް ކަަމަށް އެމްކިއުއޭއިން ބުންޏެވެ. އަދި، އެ ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ފޮނުވާ ލިޔުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

"ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، މި އޮތޯރިޓީން ލިޔުން ދޫކުރުމުގައި އެމަރުކަޒަކީ އެ ގައުމުގެ މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ދަރިވަރުން ހުށަހަޅާ ލިޔުންތަކަށްބަލައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްއަށް ޝަރުތު ހަމަވާ، އަދި ކޮން ލެވެލެއްގެ ޕްރޮގްރާމެއްކަން ކަށަވަރު ކޮށް ދަރިވަރުންނަށް ލިޔުން ދޫކުރެވެއެވެ." އެމްކިއުއޭއިން ބުންޏެވެ.

އެހެންކަމުން، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ކިޔަވަން ފެށުމުގެ ކުރިން ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ސަމާލުވުމަށް އެމްކިއުއޭއިން އެދެއެވެ.

comment ކޮމެންޓް