ކުރީގެ މިނިސްޓަރުންނަށް މެންބަރުކަން ނުލިބުނު

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިނިސްޓަރުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

މި އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރިއިރު އޭގެ ތެރޭގައި ކުރީ ސަރުކާރުގެ ފަސް މިނިސްޓަރަކު ހިމެނިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ - ހުޅުމާލެ ދެކުނު ދާއިރާއަށް

ހުޅުމާލެ ދެކުނު ދާއިރައިން 46 ޕަސެންޓް ވޯޓާއި 32 ޕަސެންޓް ވޯޓުން އެމްޑީޕީގެ އަހުމަދު ޝަމްހީދާއި ޕީއެންސީގެ ޝާނީޒް ހާޝިމް ކުރީގައި އުޅުއްވާއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ނަހުލާއަށް ލިބިފައިވަނީ ނުވަ ޕަސެންޓް ވޯޓެވެ.

  • އެމްޑީޕީން ވާދަކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު - ތުލުސްދޫ ދާއިރާއަށް

ތުލުސްދޫ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އަމީރު އުޅުއްވަނީ 28.16 ވޯޓާއެކު ރޭހުގެ ދެވަނައިގައެވެ. އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ 55.96 ޕަސެންޓް ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ނަސީމެވެ.

  • އެމްޑީޕީން ވާދަކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ކުޅުދުއްފުށީ ދެކުނު ދާއިރާއަށް

މީގެ ކުރިން ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަލީ ވަހީދަށް މިހާތަނަށް 43.8 ޕަސެންޓް ވޯޓު ލިބިފައިވާއިރު އެ ދާއިރާއިން ވެސް ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދެވެ. އެއީ 51.32 ޕަސެންޓް ވޯޓާއެކުގައެވެ.

  • ޖުމްހޫރީ ޕާޓީއިން ވާދަކުރި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން - އުނގޫފާރު ދާއިރާއަށް

އަމީންގެ ދާއިރާއިން ހަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު އޭނާއަކީ ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓެވެ. އެގޮތުން އޭނާއަށް ލިބުނީ 2.58 ޕަސެންޓް ވޯޓު ކަމަށްވާއިރު އެ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވީ ޕީއެންސީގެ އިބްރާހީމް ޝިފާޒެވެ. އެއީ 47.5 ޕަސެންޓް ވޯޓާއެކުގައެވެ.

  • އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - މަކުނުދޫ ދާއިރާއަށް

މަކުނުދޫގެ ރައްޔިތުންގެ ވެސް އެންމެ ގިނައިން ވޯޓު ދިނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ. އެގޮތުން އެ ޕާޓީގެ އާދަމް ޝަފީގަށް 48 ޕަސެންޓް ވޯޓު މިހާތަނަށް ލިބިފައިވާއިރު އިމްރާނަށް ލިބުނީ 32 ޕަސެންޓް ވޯޓެވެ.

މި އިންތިޚާބުގައި، ދިގު މުއްދަތަކަށް މަޖިލީހުގައި ޚިދުމަތް ކުރައްވާފައިވާ ބައެއް މެންބަރުންގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހަތަރު ދައުރަށް ފަހު ގޮނޑި ދިފާއުނުކުރެވުނު މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ތިން ވަނަ ދައުރެއްގައި މިހާރު ހުންނެވި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހިމެނެއެވެ.

comment ކޮމެންޓް