ވޯޓު ގަނެވިއްކުން އާންމު، ނަމަވެސް ރިޕޯޓެއް ނުކުރޭ: ހަބީބު

އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު: ވޯޓު ގަނެވިއްކުން އާންމު ނަމަވެސް އެއްވެސް މައްސަލައެއް ރިޕޯޓުނުކުރާ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިޚާބުތަކުގައި ވޯޓު ގަނެވިއްކުން އާންމުވެ، އެ ވާހަކަތައް ގިނަ ބަޔަކު ދެއްކި ނަމަވެސް މައްސަލަތައް ރަސްމީކޮށް ރިޕޯޓުނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބު އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓު ގަނެވިއްކާ ވާހަކަ ކެންޑިޑޭޓުންނާއި އާންމު ރައްޔިތުން ވެސް ދައްކާ ކަމަށާއި އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަލަން އަންނަ ބޭރުގެ އޮބްޒާވަރުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ޔޫރަޕިއަން ޔޫނިއަނުން އައި އޮފިޝަލުން ތިން ހަތަރު މަސް ކުރިން ރާއްޖެ އައިސް، ވަރަށް ފުޅާކޮށް އިންތިޚާބު އޮބްޒާވް ކުރި ކަމަށެވެ. އެގޮތުން އެ މީހުން އެކި ތަންތަނަށް ދަތުރުކޮށް، ހާލަތު ދެނެގަނެ، މީޑިއާއާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރި ކަމަށް ހަބީބު ވިދާޅުވިއެވެ.

https://sun.mv/190908

"އީޔޫގެ ރިޕޯޓުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި އޮތް ކަމަކީ ދިވެހިރާއްޖޭގައި މިހާރު ވޯޓު ގަނެވިއްކުމުގެ އާދަ މިހާރު އަށަގަންނަމުންދާ ވާހަކަ ވަރަށް ބޮޑަށް، އެ ނުބައި ބަލި ރާއްޖޭގައި ފެތުރެމުންދާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ބައެއް ކެންޑިޑޭޓުން ވަރަށް ނަޒާހާތްތެރި ކަމަށެވެ. އެގޮތުން އެފަދަ ކެންޑިޑޭޓުން ވޯޓު ގަނެގެން ހޮވެން ބޭނުންނުވާ ކަމަށާއި، އެހެންވެ އެ މައްސަލައާ މެދު އެފަދަ ކެންޑިޑޭޓުން ކަންބޮޑުވުން ފާޅުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކެންޑިޑޭޓުންނަށް މީހުން ތާއިދު ކުރާ މިންވަރު މަދު ކަމަށާއި ކެމްޕެއިނަށް ބޮޑެތި ޚަރަދުތައް ކުރުމަށް ކެންޑިޑޭޓުންގެ ފަރާތުން ޕާޓީތަކުގައި އިސްކޮށް އުޅުއްވާ މެންބަރުން ވެސް އެދޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އެއަށް ވުރެ މާ ގޯސްކަމެއް އެނގޭތޯ، ވޯޓުލާ މީހުން ގަބޫލުކުރަނީ އެއްޗެއް ނުދޭ ކަމަށްވަންޏާ ވޯޓު ނުއެއްލާނަމޭ، ވޯޓުލާކަށް ނުޖެހެއޭ، ވޯޓުލާނީ އެއްޗެއް ދިން މީހާއަށޭ،" އޭނާ ވިދާޅުވިއެވެ.

ފައިސާ ދޭ މީހަކަށް ވޯޓު ދިނުމުގެ ބަދަލުގައި، މަޖިލީހުގައި މީހުންގެ ފަރާތުން ވަކާލާތު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރެވޭ، ތަޖުރިބާކާރު، ނަޒާހާތްތެރި ބަޔަކު ހޮވުމަށް ހަބީބު އިލްތިމާސްކުރެއްވިއެވެ. އަދި ރިޝްވަތުގެ މައްސަލަތައް ރިޕޯޓުކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ދުވަހަކު މީހަކު ރިޝްވަތު ދީގެން، މީހަކަށް އެހީއެއް ވެގެން އެ ވާހަކައެއް ބޭފުޅަކު ރިޕޯޓުކޮށްފައެއް ނެތް،" ހަބީބު ވިދާޅުވިއެވެ.

މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ މަޖިލިސް އިންތިޚާބަށް ވޯޓު ގަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޖަމިއްޔާއިން ހެދި ދިރާސާއެއްގައި އިންޓަވިއު ކުރި ހުރިހާ ފަރާތްތަކުން ވެސް، މަޖިލިސް އިންތިޚާބުގެ ކެމްޕެއިންތަކުގައި ވޯޓު ގަތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބުނެފައެވެ.

https://sun.mv/190886

މިއަދު 5:30އާ ހަމައަށް ކުރިއަށްދާ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

comment ކޮމެންޓް