ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަން ޓްރާންސްޕޭރެންސީން އިލްތިމާސްކޮށްފި

މިއަދު ކުރިއަށްދާ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރާއި އޭގެ ފަހުން ވެސް ސުލްޙަވެރިކަން ގާއިމްކުރުމަށް ޓުރާންސްޕޭރެންސީން މިއަދު އިލްތިމާސްކޮށްފިއެވެ.

މިގޮތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮބްޒާވްކުރުމަށް ޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގެންދަނީ މާލެއާއ،ި އަތޮޅުތަކުގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބެހެއްޓިފައިވާ 205 ވޯޓު ފޮށި އޮބްޒާވް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަދި މި އޮބްޒަވޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ 270 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން، ހަރަކާތްތެރިވަމުންނެވެ.

ޓްރާންސްޕޭރެންސީން ބުނީ މި އިންތިޚާބުގެ މަރުހަލާގައި ހާމަކުރެވޭ މައުލޫމާތުތަކަކީ މުޅި ރާއްޖެއަށް ނިސްބަތްކުރެވޭނެ މައުލޫމާތުތަކެއް ކަމަށެވެ.

ޓުރާންސްޕޭރެންސީން ބުނީ އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމްތަކާއި އެކުގައި ކަމަށެވެ.

އަދި ވޯޓުލާން ފެށުނުއިރު ޖުމްލަކޮށް ހުރިހާ މަރުކަޒުތަކުގައި އޮފިޝަލުން ހަމަޔަށް ހާޒިރުވެ ތިބިކަމަށާއި ވޯޓުލުން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތަކާއި ހުސް ވޯޓު ފޮށިތައް ގުނާފައިވާކަމަށް ޓުރާންސްޕޭރެންސީން ބުންޏެވެ.

މީގެއިތުރުން ޓުރާންސްޕޭރެންސީން ބުނީ ޖުމްލަ ގޮތެއްގައި ހުރިހާ ވޯޓުލާ މަރުކަޒެއްގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރެވިފައިވާ ކަމަށެވެ. މިއަދު ވޯޓުލާން ފެށިއިރު ޖުމްލަ ގޮތެއްގައި ހުރިހާ ރަށެއްގެ ވޯޓު ފޮށިތަކުގެ ކައިރީގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް
އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާ ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިން ވަނީ މިއަދު މިކުރިއަށްދާ އިންތިޚާބުގައި ވެސް ވޯޓުލުމުގެ ހައްގުލިބިފައިވާ ވީހާ ވެސް ގިނަ ފަރާތްތަކުން ވޯޓުލުމަށް އެދިފައެވެ.

މިއަދުގެ އިންތިޚާބުގެ ބޭރުގެ އެކި އޮބްޒާވަރުން ވެސް ގެންދަނީ ބަލަމުންނެވެ.

comment ކޮމެންޓް