މިހާރު ކުރިއަށްދާ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށްފަހު, ވޯޓުލާ މަރުކަޒުގައި ބާރުބޮޑުވާ ގޮތަށް މަޑުނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.
ވޯޓުލާ މަރުކަޒެއްގައި ހުންނަވައިގެން "ސަން"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މިއަދު 8:00ގައި ފެށި އިންތިޚާބުގައި މިހާތަނަށް ބޮޑު މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ.
ނަމަވެސް ބައެއް ކަހަލަ ކުދިކުދި އޮޅުން އެރުން ފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް އީސީން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.
"ޖުމްލަ ގޮތެއްގައި ވަރަށް އޮމާންކޮށް އަމާންކޮށް، އެއްވެސް ދިމާލެއްގައި މާ ބޮޑު ކިއުއެއް ނެތި، އެހެންނަމަވެސް އެއްވެސް ހުއްޓުމެއް ނައިސް ވޯޓުލުމުގެ މަސައްކަތް ވަރަށް ރަނގަޅުކޮށް ފެންނަނީ،" ފުއާދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ ވޯޓުލާ ފަރާތްތަކުން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ވޯޓުލުމަށް ދާ ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓުލުމަށް ފަހު މީހުން ބޭރުގައި މަޑުކުރާނަމަ މަސްރަހު ގޯސްވެދާނެ ކަމަށެވެ.
"ބޭރުގައި މަޑު ކުރައްވާއިރު ތަފާތު ޕާޓީތަކުގެ ބޭފުޅުންނާ ނޫނީ ތަފާތު ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާ ބޭފުޅުން އެއްތަނުގައި ތިއްބަވައިގެން ބަހުން ހަމަލާ ދިނުން ފަދަ ކަންތައް އުފެދިގެން ބޮޑެތި އަރާރުމަށް ބަދަލުވެ މަސްރަހު ނުބައިވާތަން އަންނަނީ،" ފުއާދު ފާހަގަކުރެއްވިއެވެ.
އީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10:00އާ ހަމައަށް 47,296 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ ވޯޓުލެވޭ އާބާދީގެ 16.61 އިންސައްތަ މީހުން ކަމަށްވާއިރު އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން، 29,411 ފިރިހެނުން ވޯޓުލާފައިވާއިރު، 17,885 އަންހެނުން ވަނީ ވޯޓުލައިފައެވެ.
ވޯޓުލާ ކިއޫތައް ހަވީރު 5:30 ވުމާއެކު ބަންދުކުރާނެ ކަމަށާއި ވަގުތު އެއަށްވުރެ އިތުރުނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.