އިންތިޚާބު ތެރޭ ފުލުހުންގެ ބޮޑީވޯން ކެމެރާއިން މަންޒަރުތައް ވަގުތުން ކޮމާންޑް ސެންޓަރަށް ފެންނާނެ

ފުލުހުންގެ ބޮޑީވޯން ކެމެރާއެއް: މަޖިލިސް އިންތިޚާބުގެ ތެރޭ ފުލުހުންގެ ބޮޑީވޯން ކެމެރާއިން މަންޒަރުތައް ވަގުތުން ކޮމާންޑް ސެންޓަރަށް ފެންނާނެ އިންތިޒާމު ވަނީ ހަމަޖައްސައިފައި -- ފޮޓޯ/ ފުލުހުން

މާދަމާ އޮންނަ މަޖިލިސް އިންތިޚާބުގައި ބޮޑީވޯން ކެމެރާއިން މަންޒަރުތައް ވަގުތުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމާންޑަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބު ކުރިއަށް ދާއިރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަނީ ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް އެތަނަކަށްގޮސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެތީ ކަމަށެވެ. އަދި ވޯޓުލުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ހިންގާ ނަމަވެސް އެކަންތައްތަކަށް އެޓެންޑުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ފުލުހުންގެ އެލާޓް ސްޓޭޓަސް އިއްޔެއިން ފެށިގެން އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން ފުލުހުން ދާން ޖެހޭ ހުރިހާ ސަރަހައްދަކަށް ފުލުހުން ފޮނުވާ ނިންމައިފައިވާ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދާއިރުގަ އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން މި އިންތިޚާބަށްވެސް ހަމަ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށް ހަމަ ގާތްގަނޑަކަށް 322 ފުލުހުން އިތުރަށް ފޮނުވިފައި ވާނެ. ހަމައެގޮތަށް މާލޭގައި ހިންގާ އޮޕަރޭޝަނަލީ ދާއިރާތަކަށް 266 ފުލުހުން އިތުރު ކުރެވިފައިވާނެ،" ޝަރީފް ވިދާޅުވިއެވެ.

މާދަމާ އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ.

އިންތިޚާބުގެ ވޯޓުލުން އޮންނާނީ 8:00އިން 5:30އަށެވެ. ވޯޓުލުން ނިންމާ ގަޑިއަކަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 4:00އަށް ނަމަވެސް، ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން މަޖިލީސް އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީން އެދުމުން ގަޑި އިތުރުކުރީއެވެ.

https://sun.mv/191084

މެޓް އޮފީހުން ވަނީ މާދަމާ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް