ބޮޑު މައްސަލައެއް ނެތް، ހުރިހާ ކަމެއް ތައްޔާރު: އީސީ

ކުރިން ބޭއްވި ރިޔާސީ އިންތިޚާބެއްގައި ވޯޓް ގުނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މާދަމާ ނަގާ ވޯޓަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ތައްޔާރީތަކާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރަކަށް ދާދި ފަހުން އައްޔަން ކުރެއްވި ހަސަން ޒަކަރިއްޔާ ވިދާޅުވީ މާދަމާ ވަގުތަށް ވޯޓް ނަގަން ފެށުމަށްޓަކައި ވޯޓްލާ ހުރިހާ މަރުކަޒެއްގައި ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.

އެގޮތުން ރަށްރަށަށް ފޮނުވަން ޖެހޭ ހުރިހާ އެއްޗެއް ފޮނުވައި ޗެކްކުރަން ޖެހޭ ހުރިހާ އެއްޗެއް ޗެކް ވެސް ކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަން ވޯޓު ލާން ފެށުން އޮތީ ދެން. އެހެން ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެ،" ކުރިން އީސީގެ ސެކެޓްރީ ޖެނެރަލްއަކަށް ހުންނެވި ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮފިޝަލުންނާ ގުޅޭގޮތުން ކުދިކުދި ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އިންތިޚާބަށް ހުރަސް އެޅޭފަދަ ކަމެއް ނޫޅޭ ކަމަށް ހަސަން ވިދާޅުވިއެވެ.

މާދަމާ ވޯޓްލުން އޮތީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.

އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

comment ކޮމެންޓް