އެޑްވަޓޯރިއަލް: އަލައިކާ ދައްކައިދެނީ ޖުމުލަ ހައްލެއް

ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާ އާއިޝަތި އަލައިކާ އަދުނާން --

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް އަދި މުޅީން ކަށަވަރުވެފައެއް ނެތެވެ. ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭ އަސާސީ ހައްގުތަކާއި ޒަރޫރީ ބޭނުންތައް ފުއްދުމުގައި އަދި ވެސް ބަރޯސާވާން ޖެހިފައި އޮތީ ސަރުކާރަށެވެ. ރައްޔިތުންގެ މަޖިލީހަށެވެ.

ރާއްޖޭގައި އުމްރާނީ ތަރައްގީގެ ކުލަ މަޑުމަޑުން ޖެހެމުން އައި ނަމަވެސް، އެންމެ އަސާސީ ކިތަންމެ ހައްގެއް އަދި ވެސް އޮތީ ނުލިބިއެވެ.

އުމްރާނީ ތަރައްގީއަށް ރައްޔިތުން ފެންބޮވައިގަނެފައިވާ މިންވަރުން، ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކޮށް، ވޯޓު ދެނީ އެ ފަދަ ސިޔާސަތުތައް ހިފައިގެން އަންނަ ކެންޑިޑޭޓަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުުރައްވާ ކެންޑިޑޭޓު، އާއިޝަތު އަލައިކާ އަދުނާންގެ ސިޔާސަތުތައް ބައްޓަންވެފައި އޮތީ "ރައްޔިތުމީހާ"އަށެވެ. "ރައްޔިތުމީހާ"އަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކުގެ މައްޗަށެވެ. ގާނޫނުގެ ތެރެއިން އެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ވަކާލާތުކުރައްވާނޭ ކަމުގެ ޔަގީންކަމުގެ މައްޗަށެވެ.

ދަތި ހާލުގައި މާޔޫސްކަމުގައި އުޅޭ އެތައް ރައްޔިތުންނެއް ރާއްޖޭގައި އެބަ ތިއްބެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުދިކުދި ތަންތަންކޮޅުގައި އުޅެން ޖެހިފައިވާ މީހުންނާއި، މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ބޭސްކުރުމަށް ސަލާންޖަހަން ޖެހިފައިވާ މީހުންނާއި ތައުލީމާއި ތަޖުރިބާއާއެކު ވެސް ވަޒީފާއެއް ނުލިބިގެން ގަނަތެޅެންޖެހޭ މީހުންނާއި މިހެން ގޮސް އެތައް ބައެކެވެ.

އަލައިކާގެ ވަކާލަތަކީ ނިކަމެތި މީހާގެ ހައްގުތައް ރައްކާތެރިކޮށް، އެ މީހާއަށް ދިމާވެފައިވާ މައްސަލަތަކަށް ގާނޫނުން ފަރުވާ ހޯދައިދިނުމެވެ. ދިރިއުޅުމުގެ ހާލަތު އިހުނަށްވުރެން ރަނގަޅުވުމަށް އެންމެ ބޮޑަށް އެދެމުންދާ މީހާގެ އަޑު މަޖިލީހުގައި އިއްވައިދީ، އޭނާއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، އޭނާ ތަނަވަސްކޮށްދިނުމެވެ.

"ދައުލަތުން ލިބިދެވޭ އެއްވެސް ހިދުމަތެއް، މުދަލެއް ނުވަތަ އެހީއެއް ހޯދުމަށް ސަލާން ޖަހަން މަޖުބޫރުކުރުވާ ކުރުވުން އަޅުގަނޑަށް އޯކޭ އެއް ނޫން. ރައްޔިތުމީހާގެ އާމްދަނީ އިތުރުކުރެވޭނެ ދޮރުތައް ބަންދުކޮށް ސަރުކާރުގެ ވެރިންނާއި ނުފޫޒުގަދަ ފަރާތްތަކުގެ ބާރުގެ ދަށުގައި ރައްޔިތުން ފިއްތާލައިގެން ބައިތިއްބާ ބޭތިއްބުން އަޅުގަނޑަށް އޯކޭއެއް ނޫން," ރާޅުގަނޑުގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްކަމުން އަލައިކާ ވިދާޅުވިއެވެ.

މަޖިލީހުގައި ކުރައްވާނެ މަސައްކަތް

  • ބޯހިޔާވަހިކަމުގެ ޤާނޫނެއް ވުޖޫދުކޮށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން
  • ފަސޭހަ ވިޔަފާރީގެ ޤާނޫނުގެ ތެރެއިން އާންމު ރައްޔިތުމީހާއަށް އާމްދަނީ އިތުރިކުރެވޭނެ މަގު ޤާނޫނީ އޮނިގަނޑަކުން ކަށަވަރުކޮށްދިނުން
  • އެކިއެކި އަނިޔާގެ ޝިކާރައަށްވެ ސަލާމަތްވާނެ ގޮތެއްނެތިފައި ތިބި މީހުންނަށް އިޖުތިމާއީ އަދުލުގެ ޤާނޫނު ވުޖޫދުކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން
  • ހައްދެއް ނެތް މިންވަރަށް ހަރަދު ބޮޑުވެފައި އޮންނަ މަތިބަރު ސަރުކާރު ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ގާއިމްކުރުން
  • ދިވެހިންގެ އާބާދީއާ ނުބައްދަލު، މެންބަރުން ގިނަ ރައްޔިތުންގެ މަޖިލީސް ކުޑަ މަޖިލީހަކަށް ހެދުން
  • ރާއްޖެއާ އެހެން ގައުމުތަކާ އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށް ރަހުމަތްތެރި ރާއްޖޭގެ ސިޔާސަތު ނެގެހެއްޓުން
  • ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭނެހެން ބައްޓަންކޮށްފައި އޮތް ނިޒާމު ބަދަލުކޮށް، މެންބަރު މީހާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނެ ނިޒާމެއް ވުޖޫދުކުރުން

"އަޅުގަނޑު މަޖިލީހަށް ހޮވަންވީ އަޅުގަނޑަކީ އާންމު މީހާގެ ސިޔާސަތު ހެދުމުގެ ދާއިރާއާއި އިސްލާމީ ޝަރީއާއާއި ޤާނޫނީ ދާއިރާއިން ތައުލީމާ ތަޖުރިބާ ހާސިލްކޮށްފައިވާ މީހަކަށްއިރު، އާންމު ގިނަ ރައްޔިތުން އުފުލާ ތަކުލީފު އަޅުގަނޑު ވެސް އުފުލާ މީހާކަށްވާތީ، ރައްޔިތުމީހާ އުފުލާ ވޭނާ ބުރަ އިހުސާސް ކުރެވި އެކަން ހައްލުކުރެވޭނެ ސިޔާސަތު އެކުލަވާކާ އެ ވަކާލާތު އެންމެ ރަނގަޅަށް ކުރެވޭނެ މީހާއަކީ އަޅުގަނޑުކަމުގައިވާތީ،" އަލައިކާ ވިދާޅުވިއެވެ.

comment ކޮމެންޓް