ހަމަލާތައް އެއްކޮށް ހުއްޓާލަން އެއްބަސްވުމުން ނޫނީ އަސީރުން މިނިވަން ނުކުރެވޭނެ: މުޖާހިދުން

އިސްރާއީލުގެ އަޅުވެތިިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން

ޣައްޒާ (18 އެޕްރީލް 2024): ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލައި ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުން ހިމެނޭ އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ނުކުރާނެކަމަށް އެޖަމާއަތުން ބުނެފިއެވެ.

ޣައްޒާގައި ހުންނަވާ ހަމާސް ޖަމާއަތުގެ މަދަނީ އިސްވެރިޔާ ޒާހިރު ޖައްބާރީން ވިދާޅުވީ "ހަގީގީ ޑީލެއް"ގެ ދަށުން ނޫންގޮތަކަށް އިސްރާއީލުގެ އަސީރުން މިނިވަން ނުކުރެވޭނެ ކަމުގައެވެ. މި ޑީލްގައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ ގިނަ ބަޔަކު މިނިވަންކުރުމާއި ޣައްޒާއަށް ދޭ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާއި ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުރަސްނޭޅުން ހިމެނަން ޖެހޭނެއެވެ. އަދި މި ނޫންގޮތެއް ހަމާސްއިން ގަބޫލެއް ނުކުރާނެއެވެ.

ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަންކުރުމަށް އިސްރާއީލު ކުރަމުންގެންދާ ހަނގުރާމައަށް ހަ މަސްވެފައިވާއިރު މިހަނގުރާމަވަނީ އިސްރާއީލަށް ނާކާމިޔާބު ވެފައެވެ. މިނާކާމިޔާބީ ފޮރުވުމަށްޓަކައި އިސްރާއީލު ސިފައިން މަރަމުން ގެންދަނީ ޣައްޒާގެ އާންމުންނެވެ. ކުޑަކުދިންނާއި އަންހެނުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ހަމަލާދީ ފުނޑާލަމުން ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސްކޫލްތަކާއި މިސްކިތްތަކެވެ.

އިސްރާއީލުން ޣައްޒާގައި ހަތް ހާހަށްވުރެ ގިނަ ގަތުލުއާންމު ހިންގައި 34 ހާހަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވިޔަސް އިސްރާއީލު އިއުލާނުކޮށްފައިވާ އަސްކަރީ އެއްވެސް މަގްސަދެއް އެގައުމަށް ހާސިލް ކުރެވިފައެއް ނުވެއެވެ. ހަމާސް ބަލިކޮށްލެވިފައެއް ނުވެއެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަން ކުރެވިފައެއްވެސް ނުވެއެވެ. ޣައްޒާއަކީ އިސްރާއީލަށް ރައްކާތެރި ތަނަކަށް ހެދިފައެއްވެސް ނުވެއެވެ. މިހާރުވެސް ޣައްޒާގެ ތެރެއިން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދެއެވެ.

މީގެއިތުރުން ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުގެ ބަދަލުގައި ޣައްޒާގައި އެހެން ސަރުކާރެއްވެސް އުފެއްދިފައެއް ނުވެއެވެ. އިސްރާއީލު ބޭނުންވަނީ ހަމާސްގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުގެ ބަދަލުގައި އިސްރާއީލަށް ވާގިވެރިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ސަރުކާރެއް ޣައްޒާގައި އުފެއްދުމަށެވެ. ނޫނީ އިސްރާއީލަށް ވާގިވެރިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ދަށަށް އިދާރީގޮތުން ޣައްޒާ ގެންދިޔުމެވެ.

މިކަމަށްޓަކައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އެހީގައި މުނިސިޕަލް ޚިދުމަތްތައްދޭ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ "ޕަލެސްޓިނިއަން އޮތޯރިޓީ"ގެ ބާރެއް މިދިޔަމަހު ވަނީ އިސްރާއީލުގެ އެއްބާރުލުމާއެކު ޣައްޒާއަށް ވަދެގެންފައެވެ. ނަމަވެސް ޣައްޒާގައި އޮންނަ ހަމާސްގެ ވެރިކަމުގެ ދާޚިލީ ވުޒާރާއިންވަނީ އެބާރަށް ނިސްބަތްވާ މީހުން ވަގުތުން ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެއީ މަހްމޫދު އައްބާސްގެ ސަރުކާރުގެ ޖާސޫސީ ވެރިޔާ މާޖިދު ފަރަޖް އުފެއްދެވި ބާރެކެވެ. މާޖިދު ފަރަޖް އަކީ އިސްރާއީލަށް އެއްބާރުލުންދިނުމުގެ ސަބަބުން އިސްރާއީލުގެ ރުހުން ވަރަށް ބޮޑަށް ލިބިފައިވާ ފަރާތެކެވެ.

"ޕަލެސްޓިނިއަން އޮތޯރިޓީ" ނުވަތަ ފަލަސްތީނުގެ ސަރުކާރަކީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އިސްރާއީލުގެ ބެލުމުގެ ދަށުން މުނިސިޕަލް ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ އިދާރާއެވެ.

ކުރިން ޣައްޒާވެސް އޮތީ މިއިދާރާގެ ވެރިކަމުގެ ދަށުގައެވެ. ނަމަވެސް 2007 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ އާންމު އިންތިޚާބު ހަމާސް ޖަމާއަތުން ކާމިޔާބުކުރުމުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ބޮޑުވަޒީރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ ޙަމާސްގެ އިސްވެރިއެއްކަމަށްވާ އިސްމާއީލް ހަނިއްޔާއެވެ.

ނަމަވެސް އެމެރިކާއާއި އިސްރާއީލާއި ޔޫރަޕުން މަހްމޫދު އައްބާސަށް ފިއްތުންތައް ކުރިމަތިކޮށް އިންތިޚާބީ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ މަގާމުން ދުރުކޮށް ހަމާސްގެ އިންތިޚާބީ ސަރުކާރު ވައްޓާލައި އިންތިޚާބު ނުކުރާ ބޮޑުވަޒީރަކު ފަލަސްތީނުގެ ސަރުކާރުގެ ވެރިއަކަށް އައްޔަން ކުރުމުން ހަމާސްވަނީ ޣައްޒާގައި އޮތް "ޕަލެސްޓިނިއަން އޮތޯރިޓީ"ގެ ވެރިކަން ވައްޓާލައި ޣައްޒާގައި ވެރިކަން ކުރުމަށްޓަކައި ހަމާސްގެ ސަރުކާރެއް އުފައްދާފައެވެ. ޣައްޒާގައި މިހާރުވެސް ވެރިކަންކުރަނީ ހަމާސް ޖަމާއަތުންނެވެ.

comment ކޮމެންޓް