800 ކިލޯވޮޓްގެ އިންޖީނެއް ގެނެސް، ކުޅުދުއްފުށީ ކަރަންޓު މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 800 ކިލޯވޮޓުގެ އިންޖީނެއް ގެނެސް، މައްސަލައަށް މިއަދު ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ފެނަކަ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި މަމްދޫހު އަލީ ވިދާޅުވީ، މައްސަލަ ހައްލު ކުރުމަށް 800 ކިލޯވޮޓްގެ އިންޖީނެއް ގެނެސްފައި ވާކަމަށެވެ. އަދި އިންޖީނާއި އިންޖީނު ގުޅުމަށް ބޭނުންވާ ސެޓަޕް ޓްރާންސްފޯމަރު އިންސްޓޯލްކޮށް ވެސް ނިމިފައި ވާކަމަށާއި، މިހާރު ކުރަނީ ނެޓްވޯކާ ގުޅާލުމުގެ ގޮތުން ޓްރާންސްފޯމަރު އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް މަމްދޫހު ވިދާޅުވިއެވެ.

"އިންޝާﷲ މިއަދު މި މައްސަލައަށް ހަމަ ދާއިމީ ހައްލެއް ލިބޭނެ ކަމަށް މި ބަލަނީ،" މަމްދޫހު ވިދާޅުވިއެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ، މި މަސައްކަތް ކުރުމުގެ ތެރެއިން ރަށުގެ ލޯޑު ބޮޑުވެ 09:40 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑުނު ކަމަށެވެ. އަދި މި މައްސަލަ ދިމާވާތާ މިހާރު މަސްދުވަސް ވެފައި ވާކަން އޭނާ ފާހަގަކުރިއެވެ.

ވޭތުވެދިޔަ ދެ ދުވަހު، ފެނަކައިން ވަނީ ރަށުގެ ލޯޑު ބޮޑުވިޔަ ނުދިނުމަށްޓަކައި އެރަށުގެ ކަރަންޓު ވަކި ވަގުތުތަކެއްގައި ކަނޑާފައެވެ.

ކުޅުދުއްފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވީ، އެ ސިޓީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުމުންނެވެ.

ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަކަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް