މަޖިލިސް އިންތިޚާބާ ގުޅޭ 16 މައްސަލައެއް އޭސީސީއަށް

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: -- ފޮޓޯ/ އޭސީސީ

އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން މިހާތަނަށް 16 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ، 16 މައްސަލައިގެ ތެރެއިން ކޮމިޝަނުން ބަލަނީ 14 މައްސަލަ ކަމަށެވެ. އަދި ދެ މައްސަލައެއް ރެޖިސްޓާ ނުކޮށް ދޫކޮށްލާފައި ވާކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭސީސީން ނުބަލަނީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭކަމަކާ ގުޅޭ މައްސަލަތައް ނުވަތަ އެކަށީގެންވާ ވަރަށް އެކަމަކާ ގުޅޭ މައުލޫމާތު ލިބިފައިނުވާ މައްސަލަތައް ކަމަށެވެ.

މީގެ ކުރިން ހަސަން ވިދާޅުވީ، އޭސީސީއަށް އެންމެ ގިނައިން ހުށަހަޅަނީ، ކެމްޕެއިން ކުރުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ކަމަށެވެ.

"ސްޕެސިފިކްކޮށް ދަންނަވާލަން ދަތި، އެކަމު އާންމުކޮށް ހުށަހެޅިފައި ހުރީ ކެމްޕޭނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަތަކާއި ދޮގު ވައުދުވުމާ ގުޅޭ މައްސަލަތައް،" ހަސަން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ވަނީ ގިނަ މައްސަލަތަކެއް ހުށަހެޅިފައެވެ. އެގޮތުން، މިދިޔަ އާދިއްތަ ދުވަހު އީސީން ބުނިގޮތުގައި އެ ކޮމިޝަނަށް 41 މައްސަލަ ހުށަހަޅާފައި ވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވޯޓު ލުމުގެ ހައްގާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ކަމަށް ވެސް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް