39 އަހަރަށް ފަހު، ޑިފެންސް ޗީފް ޢަބްދުއްރަޙީމް ރިޓަޔާކުރައްވައިފި

ޑިފެންސް ޗީފް އަބްދުއްރަހީމް ރިޓަޔާކުރެއްވުން --

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ ޚިދުމަތަށް ފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔާކުރައްވައިފިއެވެ.

ޢަބްދުއްރަޙީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައެވެ.

އޭނާ ރިޓަޔާކުރެއްވުމަށް ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު އަދި، އިޚުލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު، ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ޢަބްދުއްރަޙީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ. ސިފައިންގޭގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި:

  • ޗީފް އޮފް ޑިފެންސް ފޯސް
  • ވައިސް ޗީފް އޮފް ޑިފެންސް ފޯސް
  • ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަން
  • ކޯ ކޮމާންޑަރުކަން
  • އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން
  • ސިފައިންގެ ތަރުޖަމާނުކަން
  • ސިފައިންގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު

ޢަބްދުއްރަޙީމްގެ ޚިދުމަތާ ގުޅިގެން 12 މެޑައްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާތީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމު ވެސް 2021 ވަނަ އަހަރު ހާސިލުކުރެއްވިއެވެ.

comment ކޮމެންޓް