ދޮންނަ މެޝިން ސާފުކުރަން ސަމާލުކަން ދެންތަ؟

ދޮންނަ މެޝިނަކީ ސާފުތާހިރުކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭ އެއްޗެއް--ފޮޓޯ/ ދަ ޓުޑޭ ޝޯ

ގޭގައި ގެންގުޅޭ ދޮންނަ މެޝިނަކީ ދިރިއުޅުމުގައި މީހާ ސާފުތާހިރުކަން މަތީ ބެހެއްޓުމުގެ މުހިއްމު ރޯލް އަދާކުރާ އެންމެ މުހިއްމު އެއް ސާމާނެވެ. ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ އެކު މި ޒަމާނަކީ ދިރިއުޅުމުގެ ގިނަ ކަންކަން ލުއިފަސޭހަވެފައިވާ ޒަމާނެކެވެ. ދޮންނަ މެޝިނުން ތި ވަރަށް އެއްޗެހި ދޮވެ ހިއްކާއިރު އެއީވެސް ސާފުކޮށް ރީތިކޮށް ބަލަހައްޓަންޖެހޭ އެއްޗެއްކަން އެނގޭހެއްޔެވެ؟

އަންނައުނު ރީތި ސާފުކަންމަތީ ބެހެއްޓޭނީ ގެންގުޅޭ ދޮންނަ މެޝިނު ވެސް ސާފުތާހިރުކޮށް ބަހައްޓައިގެންނެވެ. ދިގު މުއްދަތަކަށް ސާފުނުކޮށް ހުރި ދޮންނަ މެޝިނަކުން އަންނައުނާ އެހެނިހެން ބޭނުންކުރާ ތަކެތި ދޮންނަ ނަމަ އެއީ ފޫނެތް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށް ނޫނީ ނުވާނެއެވެ. ދެން ވިސްނަންވީ ކަމަކީ ދޮންނަ މެޝިނު ދޮންނަންވެއްޖެކަން ދެނެގަންނާނެ ގޮތެކެވެ. ތިޔައީ ކަސްރަތުކުރާ މީހެއް ނަމަ ކަސްރަތުކޮށް ނިންމާލުމަށް ފަހު ލައިގެން ހުރި އަންނައުނުން ދުވާ ނުބައި ވަހަށްވުރެ ދޮންނަ މެޝިނުން ދުވާ ވަސް ގަދަވެއްޖެނަމަ އަވަސްވެގަންނަންވީ އެ ސާފުކުރުމަށެވެ.

ދޮންނަ މެޝިނަކީ ފަރުވާތެރިކަމާ އެކު ސާފުތާހިރުކޮށް ގެންގުޅެފިނަމަ ދިގު މުއްދަތަކަށް ގެންގުޅެވޭނެ އެއްޗެއް -- ފޮޓޯ/ ޕިންޓްރެސްޓް

ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދޮންނަ މެޝިނުން އެއްޗެހި ދޮވެ 30 ބުރު ހަމަވުމުން މެޝިނު ރަނގަޅަށް ސާފުކުރުން އާދައަކަށް ހަދައިފިނަމަ އޭގައި ދޮންނަކުނޑި ހަރުލުން ދުރުކޮށްދީ މޯލްޑް ޖެހުން ދުރުކޮށްދޭނެއެވެ. ދޮންނަ މެޝިން ސާފުކުރުމަށްޓަކައި ސާފުކުރަން ހާއްސަކުރެވިފައިވާ ޓެބްލެޓެއް ވެސް ބޭނުންކުރެވިދާނެއެވެ.

މެޝިނުގެ ސާފޭސްތައް ސާފުކުރުމަށް ސާފު އޮމާން ފޮތިގަނޑެއް ނުވަތަ ތަންތަން ފޮހެން ބޭނުންކުރާ ހާއްސަ ވައިޕްސް ބޭނުންކުރުމަށް އެކަމާބެހޭ އެކްސްޕާޓުން އިރުޝާދުދެއެވެ. މީގެ އިތުރުން، ބޭކިންގް ސޮޑާ، ވިނެގާ ނުވަތަ ބްލީޗަކީ ވެސް އާއްމުކޮށް ދޮންނަ މެޝިން ސާފުކުރުމަށް ބޭނުންކުރާ އުފެއްދުންތަކެކެވެ. މި އުފެއްދުންތައް ބޭނުންކުރުމުގެ ކުރިން ގެންގުޅޭ މެޝިނަކީ ކޮންކަހަލަ މެޝިނެއްތޯ ބަލާ އެކަމަށް އެންމެ އެކަށީގެންވާ އުފެއްދުން ބޭނުންކުރުމަށް ސަމާލުކަންދިނުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު