ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި، މިއަދު ވެސް ކަރަންޓު ކަނޑަން ނިންމައިފިއެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ވަނީ، އެއް ގަޑިއިރަށް ވަކި ހިސާބުތަކަކުން ކަރަންޓު ކަނޑަން ތާވަލެއް ހަދާ އާންމުކޮށްފައެވެ. އިއްޔެ ވެސް މިފަދަ ތާވަލެއް ހަދާ ކަރަންޓު ކަނޑާފައިވެއެވެ.
މި ތާވަލުގައިވާގޮތުން ކަރަންޓު ކަނޑަން ފަށާނީ މެންދުރު 12:00ގެ ފަހުންނެވެ. އަދި، ރަށުގެ ލޯޑު ބޮޑުވެއްޖެ ނަމަ މުޅި ރަށުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފެނަކައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހަމަ އެ ދުވަހު ސްޓެލްކޯއާ ވެސް ގުޅިގެން އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ފޯރުކޮށްދިނެވެ. ނަމަވެސް، އޭގެ އަނެއް ދުވަހު އަނެއްކާ ވެސް މައްސަލަ ޖެހި ކަރަންޓު ކަނޑަން ފެށީއެވެ.
ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަކަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ