ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކުރުމުން ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު ޑިމޮކްރެޓްސްއިން އަނބުރާ ގެންގޮސްފި

ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކުރި ދެ ކެންޑިޑޭޓުން: ދެ ކެންޑިޑޭޓުންނަށް ކުރި ތާއީދު ވެސް ޑިމޮކްރެޓްސްއިން ވަނީ އަނބުރާ ގެންގޮސްފައި -- ފޮޓޯ/ އަދަދު

އަންނަ އާދިއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ދަ ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން މިއަދު އަނބުރާ ގެންގޮސްފިއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހުގެ ތ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ލީލާ އިބްރާހިމް މަނިކުއާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާ ވަނީ އެ ދާއިރާތަކަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފައެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު މިއަދު "ސަން"އަށް ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ނިންމައި، ކެމްޕޭން ވެސް ކުރުމަށް ފަހު އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމުމާ ގުޅިގެން އެ ދެ ކެންޑިޑޭޓުންނަށް ކުރި ތާއީދު ވެސް އެ ޕާޓީން މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

"ޕާޓީގެ ޓިކެޓުގައި ވާދަކޮށްފައި، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކުރީމާ ޕާޓީން ކުރި ތާއީދު އަނބުރާ ގެންނާނެތާ،" ހަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަަކުރި ޒިލްމާ ވަނީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ތާއީދުކޮށްފައެވެ. އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވެސް ކެންޑިޑޭޓަކު ވާދަކުރެއެވެ. އެކަމަކު، ސަރުކާރުގެ އިސް ބޭބޭފުޅުން ގެންދަވަނީ ރިޔާޒަށް ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރި ލީލާ ވެސް ވަނީ އެ ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ހަނާން މުހައްމަދު ރަޝީދަށް ތާއީދުކޮށްފައެވެ.

ލީލާ ފަހަތަށް ޖެހުނުއިރު، އެ ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަ ވެސް ނުކުރެއެވެ. ޕީޕީއެމަށް ތާއީދު ބޮޑު އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި މި ހިނގާ 19 ވަނަ މަޖިލީހުގައި ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

comment ކޮމެންޓް