ޔާމީން މިނިވަން ނުކުރުމަށް ޞާލިޙް އަރިހުގައި ރައީސް އެދިވަޑައިގަތް: ޕީއެންއެފް

ޕީއެންއެފްގެ ޖަގަހަ ޖަލްސާގެ ތެރެއިން: ޔާމީން މިނިވަން ނުކުރުމަށް ޞާލިޙް އަރިހުގައި ރައީސް އެދިވަޑައިގަތް ކަމަށް އެ ޕާޓީން ބުނޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

ޖަލު ހުކުމެއް ތަންފީޒު ކުރަވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުކުރުމަށާއި, އެ މަނިކުފާނު އަމިއްލަފުޅަށް އެކަން ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަރިހުގައި ވިދާޅުވި ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބުނެފިއެވެ.

މިރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް އަދި ކުރީގެ ސައިންސް މިނިސްޓަރު މަލީހު ޖަމާލް ވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލީ ދުވަހަަށް ފަހު، އޮކްޓޯބަރު އެކެއްގައި ޞާލިހް އެމަނިކުފާނުގެ ކެބިނެޓާއެކު ބޭއްވެވި ބައްދަލުވުމުގެ ޔައުމިއްޔާ ހާމަކުރަން މި ސަރުކާރަށް ގޮވާލައްވައިފައެވެ.

"...ޔައުމިއްޔާ ހާމަކޮށްފިނަމަ އޮންނާނީ މިހެން. މިއަދު ހެނދުނު، އެއީ އެކެއް އޮކްޓޯބަރު 2023 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި އިންތިޚާބީ ރައީސް މުއިއްޒު ތިމަންމަނިކުފާނަށް ގުޅުއްވިއޭ. ގުޅުއްވާފަ ވިދާޅުވިއޭ ރައީސް ޔާމީން މިނިވަން ނުކުރާށޭ. އެއީ ތިމަންނަ ހަވާލު ވުމަށްފަހު ތިމަންނަ މިކަން ކުރާނަމޭ،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒު ޞާލިޙަށް ގުޅުއްވައި އެފަދައިން ވިދާޅުވީ، އިންތިޚާބުން ޞާލިޙް ނާކާމިޔާބުވުމުން އެރޭ ޔާމީނުގެ ސަޕޯޓަރުން އެމަނިކުފާނު ދޫކޮށްލަން ގޮވާލައި މުޒާހަރާ ކުރުމުން ކަމަށެވެ.

"އެ މުޒާހަރާ ހުއްޓުވަން ރައީސް މުއިއްޒު ޗެނަލް 13އަށް ގުޅުއްވި. އެ މުޒާހަރާ ހުއްޓުވަން [ރައީސްގެ ސްޕެޝަލް އެޑްވައިޒަރު] އަބްދުއްރަހީމް ގުޅުއްވި. ކޮންކަމެއްތޯ ހުއްޓުވަން މިއުޅެނީ. އެތާ އެއްވެފައި ތިބި ރައްޔިތުން ވޯޓު ދިނުމަށްފަހު އެކަމުގެ ހޫނުގެ މަތީގައި މި ބުނަނީ ތިމަންމެންގެ ރައީސް މިނިވަންކޮށްދޭށޭ،" މަލީހް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވި ފަހުން އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރައްވައި، ޔާމީން އަދިވެސް މިނިވަން ނުކުރެވެނީ ކީއްވެގެންތޯ މަލީހު ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް މުއިއްޒާ ހަވާލުކުރީ އެންމެ ޒިންމާއެއް ކަމަށެވެ. އެއީ ޔާމީން މިނިވަން ކުރުން ކަމަށް މަލީހު ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު އެ ޒިންމާއަށް ޚިޔާނާތްތެރި ވެފައި ވާކަމަށާއި އެހެންކަމުން ރައީސް މުއިއްޒު އަޒުލް ކުރަން ބޭނުންވާކަމަށް މަލީހު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ރިޔާސީ އިންތިޚާބެއް މިއަހަރު ބާއްވަން. ރިޔާސީ އިންތިޚާބެއް މިއަހަރު ބާއްވަން ޖެހޭ ސަބަބަކީ ރައްޔިތުންގެ އަމާނާތައް ޚިޔާނާތްތެރިވެއްޖެ. މަކަރު ހަދައިފި،" މަލީހު ވިދާޅުވިއެވެ.

މި ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީއަތް ހުކުމާ ހަމައިން ހުއްޓިފައި އޮތް މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނޭ ކަމަށް ވިދާޅުވުމުން, އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެފަދައިން، އެ މައްސަލަ ރައީސް މުއިއްޒު ޖޭއެސްސީއަށް ހުށަނާޅުއްވަނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒު އިންތިޚާބުވެ ވަޑައިގަތުމާ އެކު އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ޞާލިޙް ވަނީ ޖެހިގެން އައި ދުވަހުގެ މެންދުރު ޔާމީން ގެއަށް ބަދަލުކުރައްވާފައެވެ.

comment ކޮމެންޓް