ހެނދުނު ހޭލެވުމާ އެކު ނިދާ އެނދުތަންމަތި ރީތިކޮށްލަން އާދަކުރުމަކީ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް ކިހާ މުހިއްމު ކަމެއްކަން އެނގޭހެއްޔެވެ؟ މިއީ ގިނަ ބަޔަކަށް އެހާ މުހިއްމު އާދައަކަށް ނުވެދާނެއެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ނަފުސުގެ ދުޅަހެޔޮކަމުގެ އިތުރުން ދުވަސް ފުރިހަމަގޮތުގައި އުފެއްދުންތެރިކަމާ އެކު ހޭދަކުރަން ބޭނުންނަމަ މިއީ ކޮންމެހެން ވެސް ކުރުން މުހިއްމު ކަމެކެވެ.
ދުޅަހެޔޮ އާދަތަކުން ނަފުސަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ ބަޔަކަށް ވާން ބޭނުންނަމަ ދުވަސް އެންމެ ފުރަތަމަ ފެށޭނީ ހެނދުނު ހޭލުމަށް ފަހު ކުރާ ވަރަށް އާދައިގެ ހަރަކާތްތަކުންނެވެ. މުޅި ދުވަސް ނިމިގެންދާއިރު ވެސް ކުރީ ރޭ ނިދި އެނދު ތަންމަތި ނާޅާނަމަ ނޭނގި ނަމަވެސް އެކަމުން ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެއެވެ.
އޭގެ ތެރޭގައި މީހާ ސްޓްރެސްވުން އިތުރުވުން، އާދައިގެ ކުދިކުދި ބަލިތައް ޖެހުމަށް މަގުފަހިވުން އަދި މީހާގެ ނަފުސާނީ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުން ހިމެނެއެވެ.
މިއާ ޚިލާފަށް ތިމާ ނިދާ ކޮޓަރިއަކީ އަދި ތަންމައްޗަކީ ރީތި ސާފުތާހިރު ތަނަކަށް ހެދުމަކީ އެކީގައި ދިރިއުޅޭ އާއިލާގެ މެންބަރުންގެ ނަފުސާނީ ދުޅަހެޔޮކަން ވެސް އިތުރުވާ ކަމެކެވެ. އެގޮތުން ރޭގަނޑު ނިދި ފުރިހަމައަށް ލިބި ދިރިއުޅުމުގައި ނުވަތަ މަސައްކަތުގެ މާޙައުލުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ވިސްނުންތެރިކަމާ އެކު ނިންމަން އެހީތެރިވެދެއެވެ.
މީގެ އިތުރުން، މީހާގެ އުފެއްދުންތެރިކަން އިތުރުކޮށްދީ ކަންކަމުގައި ސަމާލުކަންދޭންޖެހޭ މިންވަރު އިތުރުކޮށްދެއެވެ.
ތިޔައީ އެނދު ތަންމަތި އެޅުމަށް އާދަވެފައިވާ މީހަކަށް ނުވާނަމަ އެކަން ކުރުމަށް ހިތްވަރު ހޯދިދާނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. ހެނދުނުގެ ނާސްތާ ކުރުމަށް ދޭ ސަމާލުކަން އެނދު ތަންމަތި އެޅުމަށް ދިނުމަކީ އޭގެ ފެށުމެއްގެ ގޮތުގައި ހެދިދާނެއެވެ. އެނދު ތަންމަތި އެޅުމަށް ފަހު އެ ކުރެވުނުކަން އަމިއްލައަށް ފާހަގަކޮށްލުމަކީ ވެސް ޖެހިގެން އަންނަ ދުވަހު ވެސް އެގޮތަށް ކަންތައް ކުރުމަށް އަމިއްލަ ނަފުސަށް ދެވޭނެ ހިތްވަރެކެވެ.
އެނދުތަންމަތި އެޅުމަކީ ހީކުރާ ވަރަށް ވުރެ މުހިއްމު ކަމެކެވެ.