ޔާމީންގެ ޝަރީއަތް ލަސްވާތީ މަޖިލިސް ރައީސް ޖޭއެސްސީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންސީގެ އޮފީހުން ނުކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ހުކުމާ ހަމައިން ހުއްޓިފައި އޮތް މައްސަލަ ބަލަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ދުވަސްވަރު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑްރިންނާއި ރިޝްވަތުގެ ކުށް ކުރިކަން ސާބިތު ވުމުންނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީނަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށްވާއިރު މިސަރުކާރަށް ފަސް މަސް ވެގެންދާއިރު އެކަން ނުވާ ކަމަށް ބުނެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ކެމްޕެއިން ކުރަން ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އެ މަނިކުފާން ވެސް ކުރިން ހީކުރެއްވީ ޔާމީންގެ ޝަރީއަތް ވެސް ލަސްވަމުން ދިޔައީ އާއްމު އުސޫލުން ކަމަށެވެ. ނަމަވެސް ޕީއެންއެފް ޖަލްސާ ބޭއްވުމަށް މިފަހުން ސަރުކާރުން ހުރަސް އެޅުމުން އެކަން އެ ހިނގަނީ އެގޮތަށް ނޫން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިހާރު ވަރަށް ބޮޑަށް ގަބޫލު ކުރެވިއްޖެ ރައީސް ޔާމީންގެ ޝަރީއަތް ހުރިހާ އަޑުއެހުންތައް އަޑުއަހާ ނިމުމަށްފަހު ހުކުމް ކުރަން ޖެހޭ ހިސާބުގައި އެއޮތީ. ހަތަރު މަސް ވެގެން ދިޔައީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިކަން މިގޮތަށް ހިނގާފައި އޮތުމުން ސަރުކާރުން އެ ޝަރީއަތަށް އަތްބާނާ މިންވަރު ފެންނަމުންދާ ކަމަށެވެ. އެހެންވެ އެ ޝަރީއަތްލަސްވާ ސަބަބު ބެލުމަށްޓަކައި ޖޭއެސްސީއަށް އެމަނިކުފާން އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަސްލަމް ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

https://sun.mv/190604

މި ފަހުން ރައީސް ސަންއަށް ދެއްވި އިންޓަވިއޫއެއްގައި ޔާމީން މިނިވަން ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ ޔާމީން މިނިވަން ކުރެއްވުމަށް އެމަނިކުފާން ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އެ މަނިކުފާން ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށާއި އެހާ ހިސާބުން ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލާގައި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ޝަރުއީދާއިރާގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު