ވާނަން އެކުގައި... 24

އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް ލިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ފުލުފުލުގައި ދެތިން މެސެޖު އައި އަޑު އިވުނެވެ. ލިޝާ ފޯނު ނެގީ އާރިޒްގެ މެސެޖެއްކަމަށް ހީކޮށެވެ.

**********

މެސެޖުކުރީ ޝަފާޒް ކަން އެނގުމުން، ލިޝާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. މެސެޖު ހުޅުވުމުގެ ބަދަލުގައި ބަންޑުންވާހެން ފޯނު އެނދުމަތީގައި ބޭއްވިއެވެ. ގިނައިރެއްނުވެ ކޮޓަރި ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލި އަޑު އިވުނެވެ. ލިޝާއަށް ލޯ މަރައިލެވުނީ ކިރިޔާއެވެ. އެމީހަކު ދޮރު ހުޅުވައިލިއެވެ.

ލިޝާ ނިދާފައި އޮތްތަން ފެނުމުން، ޝަފާޒް އަވަހަށް ދޮރު ލެއްޕިއެވެ. އޭނާ އެނބުރުނުއިރު ކުރިމަތީގައި ސުމާ ހުރުމުން ކުޑަކޮށް ސިހުނެވެ.

"ނިދީތަ؟..." ކޮޓަރިއަށް އިޝާރާތް ކުރަމުން ސުމާ އަހައިލިއެވެ.

ޝަފާޒް ބޯ ޖަހާލާފައި ގޮސް ސޯފާގައި އިށީނެވެ. ސުމާވެސް ފަހަތުން ދިޔައެވެ.

"ލިޝް އެއްވެސް ވާހަކައެއް ދެއްކިތަ؟..." ޝަފާޒް އަހައިލިއެވެ.

"ތިބުނީ؟..." ޝަފާޒް ބުނަންއުޅޭ އެއްޗެއް އެނގުނު ނަމަވެސް، ސުމާ ނޭނގޭކަމަށް ހެދިއެވެ.

"ލިޝްއަށް ވިސްނާދެވޭނީ ސުމާއަށް..." އާދޭހުގެ ނަޒަރަކުން ސުމާއަށް ބަލައިލަމުން ޝަފާޒް ބުނެލިއެވެ. "ލިޝްއަށް އެއީ ކާކުކަމެއް ނޭނގޭ... އަހަންނަށް ހީވަނީ އޭނަ އުޅެނީ ލިޝްއަށް އޮޅުވާލައިގެންހެން..."

"މިވަގުތު ލިޝްއަށް އެއްވެސް ކަމަކާ ޕްރެޝަރކުރުން ރަނގަޅެއް ނޫން..." ސުމާގެ ވިސްނުން ތަފާތެވެ. "ކިހާ ހާލުގަ އެކުއްޖާ އޭރު އުޅޭނީ... އެ ހުރިހާ ކަމަކުން ސަލާމަތްވާން އެހީވި މީހަކު ދުރުކޮށްލާކަށް ލިޝްއަކަށް ފަސޭހައެއް ނުވާނެ... ލިޝްގެ ލައިފް ލިޝް އަމިއްލައަށް ހޭންޑްލް ކުރަން ދޫކޮށްލުން ކިހިނެއްވާނެ؟..."

"އެކަމަކު..." ޝަފާޒް އެއްޗެއް ބުނަން އުޅުނެވެ.

"ޝަފް... މޫވް އޮން ކުރޭ... އެއީ ލިޝް ބޭނުންވާ ގޮތަކީ..." ނުބުނަން އުޅުނު ވާހަކަ ސުމާއަށް ބުނެވުނެވެ. އެ ޖުމުލަ ބުނަންޖެހޭ ފަރާތަކީ ލިޝާ ކަން އެނގޭއިރުވެސް އޭނާއަށް ކެތްނުވީއެވެ.

ސުމާ ތެދުވެގެން ދިޔައިރުވެސް ޖެހި ބުދެއްހެން ޝަފާޒް އިންތަނުގައި އިނެވެ. ރިންގުވަމުންދިޔަ ފޯނަށް ބަލައިލާނެ ހިތްވަރުވެސް ޝަފާޒްގެ ގައިގައި ނެތެވެ. ދެތިން ފަހަރު ގުޅާފައި ޝަފާޒް ފޯނު ނުނެގުމުން އެމީހަކު މެސެޖެއް ފޮނުވައިލިއެވެ.

********

އާރިޒްގެ މެސެޖެއް ލިބުނީ ލިޝާ ފޯނަށް ބަލަން އޮއްވައެވެ.

"ނިދީ؟..." އާރިޒްގެ މެސެޖު ކިޔާލުމާއިއެކު ލިޝާއަށް ހިނިތުންވެލެވުނެވެ.

"ނޫން..." ލިޝާ ފޯނު ހިފައިގެން ތެދުވިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.

"ގުޅާލިޔަސް އޯކޭ؟..." އާރިޒް ސުވާލުކުރިއެވެ.

ލިޝާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އާރިޒް ގުޅަން ފެށިއެވެ. ދެތިން ފަހަރަކު ކަރު ކެހިލުމަށްފަހު، ލިޝާ ފޯނު ނެގިއެވެ.

"ފޯނު ހިފައިގެން އޮވެފަ، ހާދަ ލަހުން ތި ނެގީ..." އާރިޒް ޝަކުވާ ކުރިއެވެ. "ތި އަޑު އަހާލާ ހިތުން މިގުޅީ... އޯކޭތަ؟ އަހަރެން ގުޅިޔަސް؟...."

އާރިޒް ފުރޮޅިލުމަށްފަހު، އެނދުގައި ބަންޑުންވާހެން އޮށޯވެލިއެވެ. އަނެއްކާވެސް ފުރޮޅިލާފައި ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.

"ތީ އަހާ ކަހަލަ ސުވާލެއްތަ؟..." ލިޝާ ތުއި ގޮތަކަށް ހީލިއެވެ.

"ދެން އެއްވެސް ކަމަކަށް ހުއްދައެއް ނުހޯދާނަމޭ..." އާރިޒް ބުނެލީ އިންޒާރެއް ދޭ ކަހަލަ ގޮތަކަށެވެ.

ފަތިސްވީއިރުވެސް ދެމީހުންގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އުފާވެރި އެތައް ވާހަކައެއް ދެކެވުނެވެ. އެކަކު އަނެކެއްގެ ތުންފަތުން ހިނިތުންވުން ފިލާނުދެއެވެ. އެނދުގައި ފުރޮޅިފުރޮޅި ވަރުބަލިވީއިރުވެސް ވާހަކަ ދައްކަން ފޫއްސެއް ނުވިއެވެ. ދައްކާނެ ވާހަކައެއް ނެތިގެން އެންމެ މިނެޓެއްވެސް ހޭދައެއް ނުވެއެވެ. ލިޝާއަށް ނިދުނީ ހެނދުނު ހަތެއްވެސް ޖެހިފަހުންނެވެ. އޭރުވެސް އާރިޒް ފޯނުގައި ހުއްޓެވެ. ލިޝާ ނިދިކަން ޔަގީންވުމުން، އާރިޒް ފޯނު ކަނޑައިލިއެވެ. ފޯނު މޭގައި ޖައްސާލަމުން އެނދަށް ވެއްޓިގަތެވެ. އެއީ ދުވަހަކުވެސް އާރިޒް އުޅުނުގޮތެއް ނޫނެވެ. އަންހެންކުއްޖަކަށްޓަކާ ނިދި ގުރުބާން ކުރަން އޭނާ ހިތަށްވެސް ނާރައެވެ.

********

ރެސްޓޯރެންޓްގެ ބޭރުގައި ހައްދާފައިވާ ގަސްތަކުން ތަން ފެހިކުރުވާފައިވިއެވެ. މާހައުލަށް އިތުރު ދިރުމެއް ގެނެސްދެނީ ތަނުގައި ހަދާފައިވާ ބޮޑު މަސްޓޭންކުންނެވެ. އެކި ކުލަކުލައިގެ މަސްތައް ދުވެލާފައި އުޅޭ މަންޒަރު ނުހަނު ހިތްގައިމެވެ. އެފަދަ އަރާމު މާހައުލެއްގައިވެސް ޝަފާޒްގެ މޫނުން އުފާވެރިކަމެއް ނުފެނެއެވެ. މޭޒުމަތީގައި އާވި އަރައަރާ ހުރި ކޮފީތަށި ހިހޫވަމުން ދިޔައިރު، އެއިން އެތިފޮދެއް ބޯލަންވެސް އޭނާ ހަނދާންނެތިފައި އިން ކަހަލައެވެ. މީހަކަށް އިންތިޒާރުކުރާ ފަދައިން ޝަފާޒް އޭނާގެ އަތުކުރީގައި އޮތް ގަޑި ބަލައިލިއެވެ. ލިބުނު މެސެޖުގައި އޮތީ ރަނގަޅު ގަޑިއެއްތޯ ބެލިއެވެ. މީހެއްގެ އިންތިޒާރުގައި ޝަފާޒް އެތަނުގައި އިންނަތާ ބައިގަޑިއިރު ވަނީއެވެ. ފިނިވެގެން ޝަފާޒް އޭނާ ލައިގެން އިން ޖެކެޓުގެ ޖީބަށް ދެއަތް ކޮށްޕައިލިއެވެ.

"ވަރަށް ލަސްވެއްޖެތަ؟..." ޝަފާޒްގެ ފަހަތުން އިވުނީ އަންހެން އަޑެކެވެ. ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

ޝަފާޒް ތެދުވިއެވެ. ފަސްއެނބުރި ބަލައިލިއިރު، ކުރިމަތީގައި ހުރީ އައު މޫނެއް ނޫނެވެ. މޭކަޕް ކޮށްލާފައި ހުރިއިރު، ރީތިކަން އެތައް ގުނައެއް އިތުރެވެ. އެކަމަކު އެ ރީތިކަމަށް ޝަފާޒްގެ ޝައުގުވެރިކަމެއް ނެތެވެ.

"މިޖާ..." ސަލާމަށް އަތް ދިއްކޮށްލަމުން މިޖާ ބުނެލިއެވެ. "ކުރިންވެސް ދިމާވި، އެކަމަކު ނަމެއް ނުބުނެވެއެއްނު..."

މިޖާގެ އަތުގައި ހިފުމުގެ ބަދަލުގައި ޝަފާޒް އޭނާގެ ދެއަތް ކޮއްޕައިލީ ޖީބަށެވެ. މިޖާގެ ނަން އެނގުން ޝަފާޒަށް މުހިއްމެއް ނުވިއެވެ. އަމިއްލަ ތައާރަފެއް ދިނުންވެސް މެއެވެ. މިޖާ އަތް ތިރިކޮށްލީ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލަމުންނެވެ. ޝަފާޒަކީ އޭނާ ހީކުރި ކަހަލަ މީހަކަށް ނުވިއެވެ. އޭނާގެ ހުރި ރުންކުރު ގޮތަކަށް މިޖާ ހުރީ ފޫހިވެފައެވެ.

"ކީއްކުރަން މިތަނުން ބައްދަލުކުރަން ބުނީ؟..." ގޮނޑީގައި އިށީންނަމުން ޝަފާޒް އަހައިލިއެވެ.

"ހާދަ ކެތްތެރިކަން ކުޑައޭ..." ވޭޓަރަށް އަތުން އިޝާރާތްކޮށްލުމަށްފަހު، ޝަފާޒަށް ބަލައިލަމުން މިޖާ ބުންޏެވެ. "އަދި ނަންވެސް ނުބުނަމެއްނު..."

"ނަން އެނގުން މުހިއްމުތަ؟..." ފަރުވާކުޑަ ރާގަކަށް ޝަފާޒް އަހައިލިއެވެ. "ކުރަން މިއުޅޭ ކަންތަކެއްނު މުހިއްމީ..."

މިޖާ ޝަފާޒަށް ބަލަން އިރުކޮޅަކު އިނެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ޝަފާޒާއި ވާހަކަ ދައްކާ ހިތްވެސް ކެނޑުނެވެ. ޝަފާޒަކީ އޭނާ ބޭނުންވިގޮތަށް އަނބުރައިލެވޭނެ މީހެއް ނޫނެވެ.

"ކުރިންވެސް އަހަރެންގެ ހެލްޕް ލިބިގެން އޭނަ ހުރިތަނެއް އެނގުނީ... އެހެންނު، ދެންވެސް އަހަރެން ދޭނީ ހަމަ އެހާ މުހިއްމު މައުލޫމާތު... އަހަންނަށް ތި ދެލޮލުން ފެންނަނީ ލޯބި... ބޭނުމެއް ނުވޭތަ އޭނަ ހާސިލުކުރާކަށް؟..." ޝަފާޒްގެ މޫނަށް ފުންކޮށް ބަލަން އިނދެ، މިޖާ ވާހަކަ ދެއްކިއެވެ. އޭނާގެ މަގުސަދަކަށްވީ ޝަފާޒްގެ ހިތާއި ކުޅެލުމެވެ. ވިސްނުމާއި ކުޅެވޭނީ އޭގެ ފަހުން ކަމަށްވީތީއެވެ.

"ސީދާ ޕޮއިންޓަށް ދަމާ..." ޝަފާޒް ބޭނުންވީ މިޖާ ބުނަން އައި ވާހަކަ އަވަހަށް ބުނުވާށެވެ.

"ތިހާ ކެތްތެރިކަން ކުޑަ މީހުންނަކަށް މިކަމެއް ނުވާނެ..." މިޖާ ބޯ ހޫރައިލިއެވެ. ދަބަހުން ނެގި ތަސްވީރުތައް ޝަފާޒްގެ ކުރިމަތީގައި ބެހެއްޓިއެވެ.

ތަސްވީރުތައް ފެނުމާއިއެކު، ޝަފާޒްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ތަސްވީރުތަކުން އަންގައިދެނީ މިޖާ އާއި އާރިޒްގެ ގައިގޯޅިކަމެވެ. ދެމީހުންގެ މެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އެނގޭހާވެއެވެ. ޝަފާޒް ފަހަރަކު ތަސްވީރެއް ބަލަމުން ދިޔަގޮތުން، މިޖާއަށް އޭނާގެ މަގުސަދު ހާސިލުވެއްޖެކަން އެނގުނެވެ.

"ތީ އަހަރެންގެ ފިއާންސޭ... ދެ އާއިލާގެ ރުހުމާ އެކީ އަހަރެމެންގެ ކައިވެނި ވަނީ ހަމަޖެހިފަ..." ޝަފާޒަށް ވީގޮތް ފެނި މިޖާއަށް އިތުރު ހިތްވަރު ލިބުނެވެ. "އެކަމަކު ލިޝާއާ ދިމާވިފަހުން އާރީ އަހަންނާ ދުރުވެއްޖެ... އަހަރެން ވަރަށް ދެރަވޭ..."

މިޖާ އިސްޖަހައިލިއެވެ. ކަރުނަ ފޮހެލިއެވެ. އެމަންޒަރު ފެނުމުން، ޝަފާޒަށް އުނދަގޫގޮތަކަށް ހިންދިރުވައިލެވުނެވެ. މީހެއްގެ ދިރިއުޅުން ހަލާކުވެގެން ދަނީ ލިޝާގެ ސަބަބުން ކަމުގައި ވާތީ އެވާހަކަ އަޑުއަހަން ފަސޭހައެއް ނުވިއެވެ. އޭނާ އަދިވެސް ލިޝާއަށް އިހުތިރާމުކުރެއެވެ.

"ކައިވެނި ނުކުރެވެނީސް، ދެމީހުން ދުރުވާކަށް އަހަރެން ބޭނުމެއް ނޫން... ވެދާނެ ލިޝާއަށް ހަގީގަތް ނޭނގޭތީކަމަށް އެގުޅުން ކުރިއަށް ގެންދަނީ..." ފުން ނޭވާއެއް ދޫކޮށްލާފައި މިޖާ ބުނެލިއެވެ. "ކޮންމެ މީހަކުވެސް އެމީހެއްގެ ލޯބި ހޯދަން މަސައްކަތް ކުރާނެ... ނުކުރަންޏާ އެއީ ފިނޑިއެއް..."

މިޖާގެ ފަހު ޖުމުލައަކީ ޝަފާޒްގެ ހިތަށް ފޮނުވައިލި ތީރެކެވެ. އެއީ އޭނާ ގަސްދުގައި ކުރި ކަމެކެވެ. ޝަފާޒްގެ ހިތާއި ކުޅެލުމަކީ އެދަނޑިވަޅުގައި އޭނާއަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

"އަހަރެން ވަރަށް ދެރަވޭ އަހަރެންގެ ފިއާންސޭގެ ސަބަބުން މިހުރިހާ ކަމެއް ވާތީ... އައި އޭމް ސޯ ސޮރީ..." މިޖާ މާފަށް އެދުނުއިރު، އަޑުގައިވަނީ މަޑުމޮޅިކަމެވެ.

"އަހަރެން ލިޝްދެކެ ކިތަންމެ ލޯބިވިޔަސް، ލިޝްއަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން..." ތަސްވީރުތައް ހިފައިގެން ޝަފާޒް ތެދުވިއެވެ. "އެހެންމީހަކު އެކަހަލަ ކަމެއް ކުރިޔަވެސް ނުދޭނަން..."

********

ފުރުމުގެ ތައްޔާރީތައްވަމުންދިޔައިރު، އާރިޒާއި ލިޝާގެ ހިތުގައިވީ އައު ޖޯޝެކެވެ. އެނބުރި ގައުމަށް ގޮސް، ކައިވެނީގެ ކަންކަން އަވަސްކުރަން ލިޝާ ހުރީ ބޭނުންވެފައެވެ. އެކަން ކުރަން ލިޝާއަށް އުނދަގޫ އެތައް ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެއެވެ. އަކްރަމްގެ ކިބައިން ސަލާމަތްވުމަކީ އެންމެ ފުރަތަމަ އޭނާ ކުރަންޖެހޭނެ ކަމެވެ.

ލިޝާއާއި ބައްދަލުކުރަން ގެއިން ނުކުތްއިރު، ރަނގަޅު މޫޑެއްގައި ހުރި އާރިޒްގެ ތަބީއަތު ހަރާބުވީ ޝަފާޒް ފޮނުވި ތަސްވީރުތަކެއް ފެނުމުންނެވެ. ޝަފާޒަށް އެ ތަސްވީރުތައް ލިބޭނީ ކިހިނެއް ކަން އާރިޒަށް އެނގުނެވެ.

ގޭގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ލިޝާއަށް އާރިޒް ފެނުމުން، ދުވެލާފައި ކައިރިއަށް ދިޔައެވެ. އަތުގައި ހިފައިލިއެވެ. އެހެން ދުވަސްދުވަހު ފެންނަ އުފާވެރިކަން އާރިޒްގެ މޫނުން ލިޝާއަކަށް ނުފެނުނެވެ.

"ކިހިނެއްވީ؟..." ލިޝާ ކަންބޮޑުވެފައި ސުވާލުކުރިއެވެ.

އާރިޒް ލިޝާގެ މޫނަށް ބަލައިލިއެވެ. މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅު އެއްފަރާތްކޮށްލަދިނީ ނުހަނު ލޯބިންނެވެ. ދެމީހުން އެކަކު އަނެކެއްގެ ދެލޮލުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ތިއްބެވެ. އާރިޒްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެ ރީތި އަންހެންކުއްޖާ އޭނާއަށް ގެއްލިދާނެއޭ ހީވާން ފެށިއެވެ. ލިޝާގެ އަތުގައި ހިފައި ބާރުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނާ ފަދައިންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު