ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ރާއްޖޭގެ ތަރައްގީގެ މައި ދޮރާށި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ/ އެމްއޭސީއެލް

ހުޅުލޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށީ އޮކްޓޯބަރު 19، 1960ގައި ފުރަތަމަ ފްލައިޓް ޖެއްސި ހިސާބުންނެވެ. އެއީ ރޯޔަލް ނިއުޒިލެންޑް އެއާ ފޯސް ޓްރާންސްޕޯޓް ބޯޓެކެވެ. މި އެއާޕޯޓަށް އެންމެ ފުރަތަމަ އައި ކޮމާޝަލް ބޯޓަކީ އޭޕްރިލް 10، 1962ގައި ޖެއްސި، އެއާ ސިލޯންގެ ބޯޓެކެވެ.

އޭރު ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތީ ދަގަނޑު ޝީޓްތަކުން ހަދާފައިވާ ރަންވޭއެއް ނަމަވެސް، 1964ގައި ތާރު އަޅައިގެން ރަންވޭ ޒަމާނީކުރިއެވެ. އޭރު އެ ރަންވޭގެ ދިގު މިނުގައި 2840 މީޓަރު ހުރިއިރު ފުޅާ މިނުގައި ހުރީ 45 މީޓަރެވެ.

އެ ރަންވޭއާއެކު 'ހުޅުލޭ އެއާޕޯޓް'ގެ ނަމުގައި، އޭޕްރިލް 12، 1966ގައި އޮފީހެއް ހުޅުވައިދެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ.

ރާއްޖެއަށް 1970ގެ އަހަރުތަކުގައި ފަތުރުވެރިކަން ތައާރަފުކުރިއިރު ފަސިންޖަރުން އަންނަ މިންވަރު އިތުރުވާން ފެށުމުން، އެއާޕޯޓް ބޮޑުކުރަން ޖެހުނެވެ. އެހެންވެ، އެއާޕޯޓް ތަރައްގީކޮށް އާ އެއާ ޓްރެފިކް ނިޒަމަކާއެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވީ ނޮވެމްވަރު 11، 1981ގައެވެ. މި އެއާޕޯޓަކީ މިހާރު ރާއްޖޭގެ އިގްތިޞާދުގެ މައި ދޮރާއްޓެވެ. މިއަދު މި އެއާޕޯޓުގައި ތަރައްގީގެ އެތަށް މަޝްރޫއެއް ކުރިއަށް އެބަ ދެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ/ އެމްއޭސީއެލް

ވީއައިއޭގައި ނިމިފައިވާ އަދި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް:

  • އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް ބިލްޑިންގް

މި އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވޭ ޓާމިނަލްއަކީ 78،000 އަކަ މީޓަރު ބޮޑު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓާމިނަލެކެވެ.

  • އާ ރަންވޭ

މި ކޯޑް-އެފް ރަންވޭއަކީ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭއެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ފްލައިޓްތައް ކަމަށްވާ އޭ380 ބޯޓުތަކަށް ވެސް މި ރަންވޭގައި ޖެއްސޭނެއެވެ.

  • އާ ފިއުލް ފާމްއާއި ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގެ އާ ފިއުލް ފާމްއާއެކު، ތެޔޮ ރައްކާކުރެވޭ މިންވަރު މިހާރަށް ވުރެ ތިން ގުނަ އިތުރުވާނެއެވެ. އެގޮތުން ފިއުލް ފާމްގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭވަން ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސެލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ.

މީގެ އިތުުރުން، ބޯޓުތަކަށް ތެޔޮ އެޅުމަށް 8.4 ކިލޯމީޓަރުގެ ފިއުލް ހައިޑްރެންޓެއް އަޅާފައިވާއިރު، އޭގެ ސަބަބުން ރައްކާތެރިކަން އިތުރުވެ، ބޯޓުތަކަށް ޚިދުމަތް ދިނުމަށް ނަގާ ވަގުތު ކުޑަކޮށްދެއެވެ.

  • އާ ސީއައިޕީ/ވީއައިޕީ ބިލްޑިންގް

ވީއައިއޭގައި ޖެނުއަރީ 7، 2022ގައި ވަނީ ފޭސް ވަން ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުންކުރަން ފަށައިފައެވެ. އެ ޓާމިނަލްގައި އެއް ވަގުތެއްގައި 95 ފަސިންޖަރުންނަށް ތިބެވޭނެއެވެ.

އެ ޓާމިނަލްގައި ޗެކްއިން ކުރެވުމުގެ އިތުރުން، ކޭޓަރިން ޚިދުމަތްތަކާއި ނަމާދު ކުރާނެ ތަނާއި ހައި ސްޕީޑް ވައިފައި އާއި ފެންވަރަން ބޭނުންކުރެވޭނެ ފާހާނާއާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި މުނިފޫހިފިލުވުމަށް އެކި ކަންތައްތައް ކުރުމަށް ޖާގަ އޮންނާނެއެވެ.

އެ ޓާމިނަލްގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ވީއައިޕީ އާއި ސީއައިޕީއަށް ޚާއްޞާކޮށްފައިވާއިރު، ގްރައުންޑް ފްލޯ ޚާއްޞަކޮށްފައިވަނީ ވީވީއައިޕީއަށެވެ.

އެ ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގެ ބޮޑުމިން 3،200 އަކަ މީޓަރަށް އަރާއިރު، މުޅި މަޝްރޫއު ނިމޭއިރު ޖާގައިގެ ބޮޑުމިން 6،800 އަކަ މީޓަރަށް އަރާނެއެވެ.

ވީއައިއޭގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަމާޒަކީ މިހާރުދޭ ޚިދުމަތްތައް މިއަސްވުރެ ރަނގަޅުކޮށް ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުންކަމަށެވެ.

އެގޮތުން، މަތިންދާ ބޯޓު އައުމަށްފަހު ލަސްނުވެ ފުރޭގޮތް ހެދުމަކީހަމަ ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެއްކަން އޭނަ ފާހަގަކުރެއްވިއެވެ.

"ފަސިންޖަރ އެކްސްޕީރިއެންސް އެންހޭންސް ކުރުމަށް ޓަކައި ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ ލަސްތަކެއް ނުވެ މަތިންދާ ބޯޓުތައް ކަނެކްޓިން ޑެސްޓިނޭޝަންއަށް ފުރުވާލުން. އެގޮތުން ތެޔޮ އެޅުމަކީ މިތަނުގައި ވަރަށް ގިނަ ވަގުތު ނަގާކަމެއް. މިހާރު މިހިރީ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ލެވި ބޯޓުކައިރިން ތެޔޮ އެޅޭނެ ގޮތްތައް ހެދިފައި. އޭގެ ސަބަބުން މިތަނަށް ބޯޓުފަހަރު އައުމަށް އިތުރު ހިތްވަރަކަށް ވޭ، އެއީ ވެލާނާ އެއާޕޯޓުން ބޯޓުފުރުވާލާފައި އެހެން ކަނެކްޓިން ޑެސްޓިނޭޝަނަކަށް ދެވޭނެކަމުގެ ޔަޤީންކަން އޮންނަންޔާ އެއާލައިންތައް މިތަނަށް އަންނަ ޖެހިލުމެއް ނުވާނެ،" ޝަރީފް ވިދާޅުވިއެވެ.

ރައީސްގެ 20 އަހަރުގެ ތަސައްވުރު

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވީއައިއޭ ތަރައްގީ ކުރުމަސް 20 އަހަރުގެ ތަސައްވުރެއް އިއުލާނު ކުރައްވާފައެވެ.

މި މަޝްރޫއުގެ ތެރެއިން ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމާއި، މައި ޓާމިނަލް ތަރައްގީކުރުމާއި ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ތެރެއިން:

  • ސީޕްލޭންގެ ޚިދުމަތް އެހެން ރަށަކަށް ބަދަލުކޮށް، އެ ރަށާއި ހުޅުލެއާ ބްރިޖަކުން ގުޅައިލާނެއެވެ. އެ ކަން ކުރުމަށްފަހު މޮނޮރެއިލް ނިޒާމަކުން އެ ރަށާއި، އެއާޕޯޓުގެ ދަތުރުފަތުުރު ގުޅައިލާނެއެވެ.
  • ސީޕްލޭންގެ ޚިދުމަތަށް މިހާރު ވީއައިއޭގައު އޮތް ބިން ހިއްކާނެއެވެ. އަދި އެ ތަނުގައި މަތިންދާ ބޯޓު ޕާކުކުރުމަށް ޚާއްސަ އެޕްރަންތައް ގާއިމްކުރާނެއެވެ. އޭރުން އެއްފަހަރާ ޖުމްލަ 72 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެއެވެ.
  • އަދި އާ ޑޮމެސްޓިކް ޓާމިނަލް ގާއިމްކުރާނެއެވެ. އެގޮތުން އާ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރަނީ ގަޑިއަކު 2،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެހެންނެވެ.
  • ޖެޓް ޓާމިނަލެއް ތަރައްގީކުރާނެއެވެ.
  • އަދި މާލެ ކައިރި އޮތް ފުނަދޫ (ތެޔޮ ފުނަދޫ)ގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ރިލޮކޭޓުކޮށް، އެ ރަށުގައި ވެސް ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެއެވެ. އަދި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެއެވެ.
  • އިތުރުން ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ، މަޝްރޫއު ނިމުމާ ހަމައަށް ދާއިރު 300،000 މެޓްރިކް ޓަނަށް އިތުރުވާނެއެވެ.
  • އަދި ފިއުލް ފާމްގެ ކެޕޭސިޓީ މިހާރު ހުރި މިންވަރަށްވުރެ 120 ޕަސެންޓުން އިތުރުކުރާނެއެވެ. އޭރުން 100 މިލިއަން ލީޓަރަށް ފިއުލް ކެޕޭސިޓީ އިތުރުވާނެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ މުޅި ރާއްޖޭގެ އިގްތިޞާދަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު