ޔަތީމު ކުދިންނަށް ކޮންމެ އަހަރަކު މާލީ އެހީތެރިކަން ދޭ ނިޒާމެއް ގާއިމުކުރަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: -- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ އަހަރަކު ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް ދާއިމީކޮށް މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ، އަންހެނަކު އޭނާގެ ދަރިންނަށް ޒަކާތް ހައްގުނުވާ ކަމަށް މިނިސްޓަރު ޝަހީމު ވިދާޅުވި ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް މިއަދު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކާތު ހައުސްއިން ޔަތީމު ކުދިންނަށް ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަން ދެވޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އަދި އެ ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެކަމަކު އަހަރެއްގެ މައްޗަށް ކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ކޮން އަދަދަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަންހެން މީހާގެ ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މީހާ ހަދަނީ ދޮގެއް ކަމަށާއި ފަގީރުންގެ ދަފްތަރުގެ ކަންކަން ޒަކާތު ހައުސްއިން ބަލަހައްޓަނީ އެކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"ދަފްތަރުގައި ނުހިމެނޭ މީހެއް ނަމަ ޝަކުވާ ހުށަހަޅަން އޮންނަ ނިޒާމުގެ ދަށުން ހުށަހެޅުމުން އެކަން ބަލައި، ޑޮކިއުމަންޓެއް މަދުވެފައިވާ ނަމަ ނުވަތަ އިސްލާހު ކުރަން ޖެހޭ ކަމެއް އޮތް ނަމަ ރަނގަޅު ކުރަން ފުރުސަތު ދޭނަން،" ޝަހީމް ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ސިޔާސީ ގޮތުން ދޮގު ވާހަކަ ދައްކައިގެން އިސްލާމިކް މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަނީ މުޅިން އެހެން މަގުސަދެއްގައި ކަމަށާއި އެއްވެސް މީހަކަށް ބޭއިންސާފު ވެފައި ނޯންނާނެ ކަމަށެވެ.

އެގޮތުން މަކަރާއި ހީލަތް ހަދައިގެން ޒަކާތު ފަންޑުން ފައިސާ ނުނެގޭ ވަރަށް ނިޒާމް ހަރުދަނާ ކޮށްފައިވާ ކަމަށާއި އަންހެން މީހާ ތުހުމަތުކޮށްފައިވާ މައްސަލަ މިނިސްޓްރީން ބަލާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

"މިކަމުގައި އެކުދިންނަށް އެއްވެސް ބޭއިންސާފެއް ވާނަމަ އެކަން ރަނގަޅު ކުރަން އަންގާނަން،" ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް