ޕީއެންއެފް ޖަލްސާއަށް އެސްއޯ ފޮނުވުމުން ރައީސް ނުރުހުން ފާޅުކުރައްވައިފި، ފިޔަވަޅު އަޅަނީ

އީދު ސަލާމަށް ފަހު ރައީސް ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޕީއެންއެފް ޖަލްސާއަށް އެސްއޯ ފޮނުވުމުން ރައީސް ނުރުހުން ފާޅުކުރެއްވި-- ފޮޓޯ: ރައީސް އޮފީސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ފިޔަވަޅު އަޅުއްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ޣިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ. ފުލުހުން ބުނީ ގޭޓް ބަންދު ކުރަން ޖެހުނީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ބުނީ ސްކޫލުން ހުއްދަ ދިން ކަމަށެވެ.

އެސްއޯ ފުލުހުން ގޮސް ސްކޫލު ގޭޓް ބަންދު ކުރުމުން ވެސް ޕީއެންއެފްގެ ގިނަ ސަޕޯޓަރުން ބޭނުންވީ ސްކޫލުގެ އެތެރެއަށް ވަނުމަށެވެ. ފުލުހުން އެ ފުރުސަތު ނުދިނުމުން އެސްއޯ ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

އީދު ސަލާމަށް ފަހު މުލިއާގޭގައި ހުންނަވައި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަން ކޮށްފައިވަނީ އެމަނިކުފާން ބޭނުންފުޅުވެލައްވާ ގޮތަށް ނޫން ކަމަށެވެ.

އީދު ސަލާމަށް ފަހު ރައީސް ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޕީއެންއެފް ޖަލްސާއަށް އެސްއޯ ފޮނުވުމުން ރައީސް ނުރުހުން ފާޅުކުރެއްވި-- ފޮޓޯ: ރައީސް އޮފީސް

ރޭ އެކަން ހިނގީ އެފަދަ ތަންތަނަށް އެސްއޯ ފުލުހުން ނުފޮނުވަން އަންގާފައި ވަނިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުން ހިފާ ހައްޔަރުކޮށް އެއްވެސް ސަބަބަކާ ނެތި. ކުރީގައި ފެނިފައި އެބަހުރި ހިޔާލު ފާޅުކޮށްލާއިރަށް މަގުމައްޗަށް ނުކުމެލާއިރަށް ގެންގޮސް ޕިކަޕަށް އަޅާލައިގެން ގެންދަނީ. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން،" "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ފުލުހުންނަށް ވެސް ސީޕީއަށް ވެސް ދެންނެވިން ސިޔާސީ ގޮތުން މީހަކަށް ގޯނާއެއް ކުރަން އަޅުގަނޑު ފަރާތުން އެއްވެސް އިރުޝާދެއް ނާންނާނެއޭ. ސަރުކާރުގެ އެއްވެސް ލެވަލްއަކުން ނުދާނެ. ގޮއްސިއްޔާ އެއީ އަޅުގަނޑު އިސްވެ ފިޔަވަޅު އަޅާނެ ކަމެއް."

ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ތަނަކަށް ފޮނުވަން ޖެހޭނީ ބައެއްގެ މުދަލަށް ގެއްލުން ދިނުންފަދަ ބޮޑު ހަމަނުޖެހުމެއް ހިންގާނަމަ ކަމަށާއި އެ ހާލަތަށް ގައުމު ނުދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް އެބައޮތް ކަމަށެވެ.

ރޭ އެސްއޯ ފުލުހުން ގޮސް އެ ޖަލްސާ ހުއްޓުވިކަން އެ މަނިކުފާނަށް އެނގިވަޑައިގަތީ ނޫހުން ކަމަށާއި އޭރު ކަން ހިނގާފައި ވަނީ އެމަނިކުފާން ކުރިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ހިތާމަ ކުރާކަމެއް މިއީ. އަޅުގަނޑުގެ ވަރަށް ސާފު އިރުޝާދު ދީފައި އޮތްކަމެއްގައި މިހެން ދިޔައީމަ. އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑްވިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އިރުޝާދާ ޚިލާފަށް މިކަން ހިނގި ގޮތް ސާފު ކުރުމަށް ރޭ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ސުވާލު ކުރެއްވި ކަމަށެވެ. އަދި މިރޭ އިރުއޮއްސެންވާއިރަށް ކަން ހިނގިގޮތުގެ ތަހުގީގީ ރިޕޯޓް ފޮނުވުމަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރިޕޯޓް ލިބުމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫން. މިއީ އަޅުގަނޑުގެ ސިޔާސަތު. އަޅުގަނޑު ރައްޔިތުންނަށްވީ ވައުދު. އަޅުގަނޑު ބޭނުމެއް ނޫން މިތާގަ ކުރީގެ ކަންކަން ތަކުރާރު ވާކަށް،" ވަރަށް ނުރުހުންވެވަޑައިގެން ހުންނަވައި ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ ބާއްވަން ސުކޫލެއް ހަމަނުޖެހުނުކަން އެނގިވަޑައިގެންނެވި ހިސާބުން ސްޕޯޓްސް މިނިސްޓަރަށް ގުޅުއްވައި އެ ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރު ހިލޭ ހަމަޖައްސަވައި ދެއްވަން އެ މަނިކުފާނު ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރޭގެ އެ ވަގުތު ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު މެދުވެރިކޮށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހް ޖަމާލަށް ގުޅުއްވައި ސޯޝަލް ސެންޓަރު ދެއްވާނެ ކަން އެންގެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ ހުށަހެޅުން ހުށަހެޅުއްވި ފަހުން ރާޅުގަނޑުގައި ޕީއެންއެފްގެ ޖަލްސާ ކުރިއަށް ގެންދިޔައިރު އެ ހިސާބަށް ފުލުހުން ނުފޮނުވުމަށް އެ މަނިކުފާނު ހޯމް މިނިސްޓަރަށް އިރުޝާދު ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު އޮންނަން. ކުރީގައި އޮތް ލޭބަލް ނެތެން. ނައްތާލަން ބޭނުމީ. ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކޮށް ނޫނީ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ބަޔަކަށް ހަދާކަށް ބޭނުމެއް ނުވޭ. އެހެންވެ ވަރަށް ސާފު އިރުޝާދު ދީފައި އޮތް ކަމެއް މިއީ. އެސްއޯ ފުލުހުން ބޭނުމެއް ނޫނޭ ބޭނުން ކުރާކަށެއް،" ރައީސް ވިދާޅުވިއެވެ.

"ރޭގައި މިއޮތީ މިކަން ހިނގާފައި. ވަރަށް ހިތާމަ ކުރާކަމެއް މިއީ."

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް އަމަލުކޮށްފައި މިވާ މައްސަލައިގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އެކަމަށް އެ މަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށެވެ. ޕީއެންއެފްއިން ފަހުން ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރީތީ އުފާކޮށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްއިން ރާޅުގަނޑުގައި، ފޯނު އަލީގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވަނީ ކަނޑައަޅައިފައެވެ. އަދި ޕާޓީގެ ލޯގޯއާއި ކުލައިގެ އިތުރުން ވަގުތީ ސެނެޓެއް ވެސް ވަނީ އުފައްދާފައެވެ. ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.

comment ކޮމެންޓް