ޕީއެންއެފް ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ބޭނުންކުރި ސަބަބު ބަލަން އަންގައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން: ޕީއެންއެފް ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ބޭނުން ކުރި ސަބަބު ބަލަން މިނިސްޓަރު ވަނީ އަންގަވާފައި -- ސަން ފޮޓޯ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި ސަބަބު ބަލަން، ހޯމް މިނިސްޓަރު އަލީ އިހްސާން އަންގަވައިފިއެވެ.

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ޣިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ.

https://sun.mv/190729

ފުލުހުން ބުނީ ގޭޓް ބަންދު ކުރަން ޖެހުނީ ޣިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ބުނީ ސްކޫލުން ހުއްދަ ދިން ކަމަށެވެ.

އެސްއޯ ފުލުހުން ގޮސް ސްކޫލު ގޭޓް ބަންދު ކުރުމުން ވެސް ޕީއެންއެފްގެ ގިނަ ސަޕޯޓަރުން ބޭނުންވީ ސްކޫލުގެ އެތެރެއަށް ވަނުމަށެވެ. ފުލުހުން އެ ފުރުސަތު ނުދިނުމުން އެސްއޯ ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އިހްސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގާފައި ކަމަށެެވެ. އަދި ވަކިން ޚާއްސަކޮށް އެސްއޯ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރުމަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑުވާނީ ފުލުހުންގެ ކޮމިޝަނަރަށް ދަންނަވާފައި،" މިނިސްޓަރުގެ އެކްސްގައި ވެއެވެ.

ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމުގެ ފުރުސަތު ފުލުހުން ނުދިނުމުން ޕީއެންއެފްއިން އެ ޖަލްސާ އެންމެ ފަހުން ބާއްވާފައިވަނީ ރާޅުގަނޑުގައެވެ. ފޯނު އަލީގައި ބޭއްވި އެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވަނީ ކަނޑައަޅައިފައެވެ. އަދި ޕާޓީގެ ލޯގޯއާއި ކުލައިގެ އިތުރުން ވަގުތީ ސެނެޓެއް ވެސް ވަނީ އުފައްދާފައެވެ. ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.

comment ކޮމެންޓް