ވާނަން އެކުގައި... 23

ލިޝާގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ ޝަފާޒް ބޭރަށް ނުކުތެވެ. އޭނާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ލިޝާއާއި އާރިޒްގެ ގުޅި ލާމެހިފައިވާ އަތަށެވެ.

********

ފެނުނު މަންޒަރުން ޝަފާޒްގެ ހިތް ކުދިކުދިވިއެވެ. އަލަތު ލޯބި ގެއްލުނުކަމުގެ އިހުސާސާއިއެކު ޝަފާޒަށް ލިޝާގެ މޫނަށް ބަލައިލެވުނީ އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައެވެ. ލިޝާ ހާސިލުކުރަން ޝަފާޒަށް ފުރުސަތު ލިބުނެވެ. އެކަމަކު، އެ ފުރުސަތުގައިވެސް އޭނާއަށް އެ އަންހެންކުއްޖާ މިލްކު ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ލިޝާއަށް ޝަފާޒްގެ ބޭނުންޖެހުނު ވަގުތު ދުރަށް ދެވުނީ މޮޔަކަމުންނެވެ. ޝަފާޒްގެ ދެލޮލުން ފެންނަން ހުރީ ކުރަން ބޭނުންވެ، ނުކުރެވި ހުރި އެތައް ޝަކުވާއެކެވެ.

ލިޝާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. އަވަސް އަވަހަށް އާރިޒްގެ އަތްދަށުން އަތް ދަމައިގަތެވެ. އެއަށްފަހު، ދުރަށްޖެހިލިއެވެ.

"ގުޑް ނައިޓް..." އާރިޒާއި ދިމާއަށް ބަލައިލުމެއްނެތި ލިޝާ ބުންޏެވެ.

ލިޝާ ގޭތެރެއަށް ވަދެގެން ދިޔައީ އާރިޒްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ލިޝާގެ ފަހަތުން ދާން ހިނގައިގަނެފައި، ޝަފާޒް ހުއްޓުނެވެ. ފަސްއެނބުރި އާރިޒަށް ބަލައިލިއެވެ.

ދެޖީބަށް އަތް ޖަހާލައިގެން އާރިޒް ހުއްޓެވެ. ލިޝާ ދިޔުމުންވެސް އެތަނުން ދާން އޭނާގެ ހިތެއް ނޭދުނެވެ. އެ މޫނުން ފެންނަން ހުރި ހަމަޖެހުމުގެ އަސަރުތަކުން ޝަފާޒްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ކުރިއަށްވުރެ ބޮޑަށް ހިތް ޒަހަމުވިއެވެ. ޝަފާޒް އާރިޒަށް ބަލަން ހުރީ ފުން ނަޒަރަކުންނެވެ. އޭނާ ކަމެއް ދެނެގަންނަން އުޅޭ ކަހަލައެވެ.

"ލިޝްއަކީ އަހަންނަށް ވަރަށް މުހިއްމު ކުއްޖެއް..." ޝަފާޒް ކުރިއަށް ޖެހުނެވެ. "އެ ލައިފްގަ ކުރިން ދިމާވި ކަހަލަ ކަމެއް ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި ކޮންމެ ކަމެއް އަހަރެން ކުރާނަން..."

"ކޮބާ ތީގެ މާނައަކީ؟..." އާރިޒް ދެބުމަ ކައިރިކޮށްލިއެވެ.

"މާނައަކީ، ލިޝްއާ ގާތްވެގެން ތިއުޅޭ ސަބަބު އަހަރެން ހޯދާނަމޭ..." ޝަފާޒް ދެން ބުނި ވާހަކައަކުން އާރިޒަށް ތެޅިގަނެވުނެވެ.

ޝަފާޒަށް ކަމެއް އެނގުނީ ހެއްޔެވެ؟ އެ ނަޒަރުން އެތައް ވާހަކައެއް ބުނެދެއެވެ. ހާސްވެގެން އާރިޒްގެ ހިތުގެ ތެޅުން އިތުރުވި ނަމަވެސް، އޭނާ އިސާހިތަކު ހަމަޖެހިލިއެވެ. ޝަފާޒް އުޅެނީ ކަމެއް ހޯދާށެވެ. އާރިޒް އަމިއްލަ ހިތަށް ވިސްނައިދިނެވެ. އޭނާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.

"ސަބަބު ވަރަށް ސާފު... އަހަރެންގެ ހިތުގައި އޮތް އެއްޗެއް ސިއްރުކުރުން މިހާރު މުހިއްމެއް ނޫން... އައި ލައިކް ހާރ..." އާރިޒް ބުނެލިއެވެ.

ޝަފާޒްގެ ދެއަތް މުށްކެވުނެވެ. ހަމަޖެހެން އުޅުނަސް، އޭނާގެ ހިތުގެ އިހުސާސްތައް ހުރީ މޫނުން ފެންނާށެވެ. އާރިޒަކީ އޭނާ ހީކުރި ވަރަށްވުރެ ކުޅަދާނަ މީހެކެވެ. އާދައިގެ ނިކަމެއްޗަކަށް ނުކުރެވޭނެ ކިތަންމެ ކަމެއް އާރިޒްގެ ފަރާތުން ޝަފާޒަށް ފާހަގަވިއެވެ. ކޮށިކަމެއްނެތި އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ އޭގެ ހެއްކެކެވެ. މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނޫނީ އެ ފެންވަރަށް އިނގިރޭސި ބަހުން ވާހަކައެއް ނުދެއްކޭނެއެވެ. އޭގެ އިތުރުން އާރިޒްގެ ސިއްރުވެރިގޮތެއް ހުރިކަންވެސް ޝަފާޒަށް ފާހަގަކުރެވުނެވެ. އޭނާ ހުއްޓާނީ އާރިޒްގެ ހަގީގަތް ހޯދާފައެވެ. އެއީ ލިޝާއަށްޓަކައި ޝަފާޒްގެ އަމިއްލަ ހިތަށް ވި ވައުދެކެވެ.

"ލެޓްސް ސީ..." ޝަފާޒް ހީލީ އިންޒާރެއް ދޭފަދަ ގޮތަކަށެވެ. "އަހަންނަކީ އެހާ ފަސޭހައިން ކަމެއް ދޫކުރާނެ މީހެއް ނޫން..."

"ލިޝްއަށް ބޭނުންވަނީ ތިކަހަލަ ރަހުމަތްތެރިއެއް..." އާރިޒްވެސް ހިނިތުންވެލިއެވެ.

ޝަފާޒް ގޭތެރެއަށް ވަދެގެން ދިޔުމާއިއެކު، އާރިޒްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ޝަފާޒަކީ ނުރައްކަލެކެވެ. އޭނާގެ ބެލުމުގައި ހުރި ޖޯޝަކުން އެކަން ސާބިތުކޮށްދީފިއެވެ.

********

"އަހަރެން ކިހިނެއް ޝަފް ކައިރީ މިވާހަކަ ބުނާނީ؟..." ލިޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ކާމޭޒުގައި ދެއަތް އަޅުވާލައިގެން އިން ލިޝާއަށް ދެއަތްތިލައިން ކޯތާފަތުގައި ހިފަހައްޓާލެވުނެވެ. ޝަފާޒާއި ކުރިމަތިލާން ލިޝާއަށް މިހާރު ފަސޭހައެއް ނޫނެވެ. އާރިޒްދެކެ ލޯބިވާ ވާހަކަ ޝަފާޒާއި ހިއްސާކުރަން ބޭނުންވި ނަމަވެސް، އޭނާ އެ ހިތްވަރު ހޯދާނީ ކިހިނެއް ހެއްޔެވެ؟

"އަހަންނަށް ފެންނަނީ ދެމީހުން ތިކަމާ ވާހަކަ ދައްކާލަން..." ތަށިތައް މޭޒުމައްޗަށް ނަގަން ހުރި ސުމާ ހާމަކުރީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ.

"ޝަފް އަހަރެންދެކެ އެހާ ލޯބިވާއިރު، އަހަރެން ލޯބިވަނީ އެހެން މީހެއްދެކެއޭ އޭނަ ކައިރީ ބުނާނީ ކިހިނެއް؟..." ލިޝާއަށް ސުމާގެ ހިޔާލު ކަމުދިޔަ ނަމަވެސް، އެކަން ކުރާކަށް ހިތް އެއްބަހެއް ނުވިއެވެ.

"ލިޝް..." ލިޝާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން، ސުމާ ގޮވައިލީ ގާތްގޮތަކަށެވެ. "ޝަފްއަކީ ވަރަށް އަންޑަސްޓޭންޑިންގ މީހެއް... އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ލިޝްއަށް... ހިތުގެ ހާލު ސިއްރުކޮށްގެން ޝަފްއަށް ތި ދެވެނީ ނުބައި ސިގްނަލެއް... މީހެއްދެކެ ލޯބިވެވުމަކީ ލިޝްގެ ކުށެއް ނޫން... ހާއްސަކޮށް ލިޝްއަށް ތި ދިމާވި ކަންތަކަށްފަހު، އޭނަދެކެ ލޯބިވެވިދާނެކަމަށް އަހަންނަށްވެސް ގަބޫލުކުރެވޭ.... އަހަންނަށް ޔަގީން ޝަފްވެސް އެކަން ގަބޫލުކުރާނެކަން..."

ޝަފާޒް ގޭތެރެއަށް ވަންއިރު، ސުމާއާއި ލިޝާ އުޅުނީ ބަދިގޭގައެވެ. ދެމީހުން ރޭގަނޑުގެ ކެއުން ތައްޔާރުކުރަނީއެވެ. ލިޝާއާއި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް، ސުމާ ހުރުމުން، ޝަފާޒަށް އެކަން ކުރަން އުނދަގޫވިއެވެ. ސުމާއަށް އެކަން ފާހަގަވެގެން ދާންއުޅޭ ކޮންމެ ފަހަރަކު ލިޝާ ކޮންމެވެސް ވާހަކައެއް ފަށާތީ، އެކަން ވާގޮތެއް ނުވިއެވެ.

ޝަފާޒް ބޭނުންވި ކަހަލަ ފުރުސަތެއް ލިބުނީ ކާންހަދާ ނިންމާލާފައި ސުމާ ކޮޓަރިއަށް ދިޔުމުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވީ މަދު ވަގުތުކޮޅެކެވެ. ލިޝާ އަވަހަށް އިސްޖަހައިލިއެވެ. ޝަފާޒްގެ ކުރިމަތީގައި ހުންނާނެ ހިތްވަރެއް ލިޝާގެ ގަޔަކު ނެތެވެ. އެތަނުން ދާން ނުކެރުމުން، މޭޒުމަތީގައި އެތުރި ތަށިތަކުގެ މަތިތައް ރަނގަޅުކުރަން ފެށިއެވެ. ކަންތައްވެފައި އޮތްގޮތުން ޝަފާޒާއި ހަތަރުކަޅި ހަމަކުރަން ލިޝާއަށް އުނދަގޫވިއެވެ.

"ލިޝް..." ޝަފާޒް ގޮވައިލިއެވެ. "އަހަރެން މީ ދުރު މީހެއްގޮތަށް ފީލްވަނީތަ؟..."

ލިޝާއަށް ޝަފާޒްގެ މޫނަށް ބަލައިލެވުނެވެ. ޝަފާޒްގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނި، ލިޝާގެ ހިތުގައި ރިއްސާލިއެވެ. ދެރަވިއެވެ. ޝަފާޒާއި ދުރުގައިވިޔަސް، އޭނާ ބޭނުންވަނީ ޝަފާޒް އުފަލުގައި ހުރުމެވެ. އުފާވެރި ދިރިއުޅުމެއް ލިބުމެވެ. އެކަމަކު، އޭނާއަށް އެކަމަށް އެހީވެދެވެން އޮތީ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ޝަފާޒް އެދޭފަދަ ގުޅުމެއް އެ ދެމެދުގައިވާން މިއަދު ލިޝާގެ ހިތް ބޭނުމެއް ނުވެއެވެ. ސުމާ ބުނި ފަދައިން ވީ އެންމެ އަވަހަކަށް އޭނާގެ ހިތުގެ ހާލު ޝަފާޒަށް އެންގުމަކީ މުހިއްމު ކަމެކެވެ. ލިޝާގެމަތިން ހަނދާން ނައްތާލާފައި އައު ދިރިއުޅުމެއް ފަށަށް ޝަފާޒަށް ފަސޭހަވާނީ އޭރުންނެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ލިޝާ ހިތްވަރުކޮށްފައި ބުންޏެވެ.

ޝަފާޒްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. ލިޝާ ބުނަން އުޅެނީ ކީކޭކަން އޭނާއަށް އެނގުނެވެ. އެވާހަކަ އަޑު އަހާނެ ހިތްވަރެއް ޝަފާޒްގެ ގަޔަކު ނެތެވެ.

"އޭނަ ލިޝްއަށް އެބަ ކަމެއް ސިއްރުކުރޭ!... އައި ކެން ފީލް އިޓް..." ޝަފާޒް މަސައްކަތްކުރީ މައުޟޫޢު ބަދަލުކޮށްލާށެވެ.

"ޝަފް..." ހަމްދަރުދީގެ ރާގަކަށް ލިޝާ ގޮވައިލިއެވެ.

"ފިރިހެނުންނަކީ ވަރަށް މަކަރުވެރި ބައެއް... ލިޝްއަށް އެއްވެސް ވަރަކަށް އެއީ ކާކު ކަމެއް އެނގޭތަ؟..." ލިޝާއަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީވޭތޯ ޝަފާޒް މަސައްކަތް ކުރިއެވެ.

"އެއީ ގޯސްމީހެއްނަމަ މިއަދު ސަލާމަތުން އަހަރެން ޝަފްގެ ކުރިމަތީގައެއް ނުހުންނާނެއެއްނު..." ފުން ނޭވާއެއް ދޫކޮށްލަމުން، ލިޝާ ބުނެލިއެވެ.

"އަހަންނަށް ކުޑަ ދުވަސްކޮޅެއް ދީ... އަހަރެން ސާބިތުކޮށްދޭނަން..." ޝަފާޒް އާދޭހާއިއެކު އެދުނެވެ.

"އަހަންނަށް އެނގޭ ޝަފްއަށް ތިހެން ވިސްނިދާނެކަން... އެކަމަކު އާރިއަކީ ރަނގަޅު މީހެއް.... ޝަފް ތި ހީކުރާ ކަހަލަ ކަމެއް އޭނަގެ ފަރާތުން އަހަންނަށް ފާހަގަވެފައެއް ނެތް..." ލިޝާ ކުޑަކޮށް ހިތްހަމަނުޖެހުނު ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތްކުރަމުން ބުނެލިއެވެ. "ޝަފް!... އައި އޭމް ސޮރީ... އަހަންނަށް ހިއެއްނުވޭ އާރިއާ ނުލާ ދެން އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދެވިދާނެ ހެނެއް..."

ޝަފާޒްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. މޭޒުގެ ކަނުގައި ހިފަހައްޓާލެވުނީ ކޮޅަށް ހުންނާނެވަރު ނެތިގެންނެވެ. ރީތި ގޮތުގައި ލިޝާ ޝަފާޒްގެ ކިބައިން އެ އެދުނީ އޭނާގެ ދިރިއުޅުމުން ދުރަށް ދިޔުމަށެވެ. ލިޝާދެކެ އެހާ ލޯބިވާއިރު، ޝަފާޒް އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

"ލިޝް ބުނީތީ އެއްފަހަރު އަހަރެން ލިޝް ދިޔަ ދިނިން... އެކަމަކު، ހިތާމަ ނޫން އެއްޗެއް ލިޝްއަކަށް ނުލިބުނު... ދެވަނަ ފަހަރަށް އެކަހަލަ ކަމެއްވާން ނޭދޭތީ އަހަރެން ލިޝް ކައިރިއަށް މިއައީ... މިފަހަރު އެހާ ފަސޭހައިން ގޮތް ދޫކުރާކަށް އަހަރެން ބޭނުމެއް ނޫން..." ޝަފާޒްގެ އަޑުގައި އެތައް ހާސް ރިހުމެއްގެ އަސަރުވިއެވެ.

********

ގެއަށް ވަދެވަދެ ހުއްޓާ، އާރިޒްގެ އަތުގައި ކޮންމެވެސް މީހަކު ހިފެހެއްޓިއެވެ. މިޖާ ފެނުމުން، އާރިޒްގެ ދެބުމަ ގޮށްޖެހުނެވެ. ޝަފާޒާއި ދެމެދު ދެކެވުނު ވާހަކައެއްގެ ސަބަބުން އާރިޒްގެ މޫޑު ވަނީ ހަރާބުވެފައެވެ. މިޖާ ފެނުމުން، ވަކީން ބޮޑަށް އޭނާގެ މޫޑު ގޯސްވިއެވެ. މިޖާގެ އަތް ފޮޅުވަލާފައި ގެއަށް ވަންނަން ދިމާކުރިއެވެ.

"އަހަރެން އާރީދެކެ ވަރަށް ލޯބިވޭ...." މިޖާ ކުއްލިއަކަށް އާރިޒްގެ ގައިގައި ބައްދާލިއެވެ.

އާރިޒް ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ލިބުނު ޝޮކް ފިލައިގެން ދިޔުމުން، މިޖާގެ އަތް ނައްޓުވައިލާފައި ދުރަށް ކޮށްޕައިލިއެވެ. މިޖާ އިތުރު ކަމެއް ކުރުމުގެ ކުރިން އާރިޒް އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. މިޖާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި އޮތް ކާރާއި ދިމާއަށް އޭނާ ބަލައިލިއެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިތަން ފެނުނެވެ. ކެމެރާއެއް ހިފައިގެން ފިރިހެނަކު އިނެވެ. މިޖާ ތުއި ގޮތަކަށް ކާރާއި ދިމާއަށް ހިނގައިގަތެވެ. ކާރުގެ ބިއްލޫރިގަނޑުގައި އަތް އަޅުވާލާފައި ގުދުވިއެވެ.

"މެޑަމް ބޭނުންވިގޮތަށް އެކަން ވެއްޖެ..." ކާރުގައި އިން މީހާ ވާހަކަ ދެއްކީ މިޖާއަށް ކެމެރާ ދިއްކޮށްލަމުންނެވެ.

މިޖާ އޭނާގެ ދަބަހުން ނެގި ފަސްސަތޭކައިގެ ނޫޓުތައް ކާރު ތެރެއަށް އުކާލިއެވެ. އެއަށްފަހު ކެމެރާ އަތުލިއެވެ. މިޖާ ބޭނުންވި ކަހަލަ އެތައް ތަސްވީރެއް އޭނާ ނަގާފައި ހުއްޓެވެ. މިޖާ އަތުގެ އިޝާރާތުން އެމީހާގެ ކައިރީގައި ދިޔުމަށް އެދިފައި ދުރަށްޖެހުނެވެ. އާރިޒްގެ ގެޔާއި ދިމާއަށް ބަލައިލިއިރު، އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ.

*********

އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް ލިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ފުލުފުލުގައި ދެތިން މެސެޖު އައި އަޑު އިވުނެވެ. ލިޝާ ފޯނު ނެގީ އާރިޒްގެ މެސެޖެއްކަމަށް ހީކޮށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު