ރައީސް އެދިވަޑައިގަތީ، ގިނަ ހަރަކާތްތަކާއެކު ކުރިއަށް ވުރެ ބޮޑަށް އީދު ފާހަގަކުރުމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: ކުރިއަށް އޮތް ފިތުރު އީދު، ގިނަ ހަރަކާތްތަކާއެކު ކުރިއަށް ވުރެ ބޮޑަށް ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަތް -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކުރިއަށް އޮތް ފިތުރު އީދު، ގިނަ ހަރަކާތްތަކާއެކު ކުރިއަށް ވުރެ ބޮޑަށް ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފިއެވެ.

އީދަށް މާލެ ސަރަހައްދާއި ވެރިކަން ކުރާ ރަށްތައް ދިއްލާލުން ފެށުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި އީދުގައި އުފާވެރިކަމާއެކީ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ބާރުއަޅުއްވާ ކަމަށެވެ.

"މަގުމަތީގައި ވެސް އާއިލާތަކުން ނުކުމެ ތިބޭފުޅުން ބޭނުންފުޅުވެލައްވާ ގޮތަކަށް މަގުތަކާއި ގޯޅިތަކުގައި ވެސް އެކި ކަހަލަ ހަރަކާތްތައް ހިންގަވާ މި އީދަކީ ރަށްރަށުގައި ވެސް ހަމަ އުފާވެރިކަމާއެކީގައި ނުކުމެ އަޅުގަނޑުމެން މުސްލިމަކަށް ވީތީ ފަޚުރުވެރިކަމާއެކީގައި ފާޅު ކުރާ ދުވަހަކަށް ހައްދަވައިދެއްވުމަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީނަށް ނަސްރުދޭ، ދީން ކުރިއެރުވުމުގައި ފަޚުރުވެރިވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން އިސްލާމް ދީން ދިވެހިންނަށް ދެއްވާފައިވުމުން އެ ނިއުމަތުގެ މުހިންމުކަން ކުދިބޮޑު އެންމެންނަން، ޚާއްޞަކޮށް ޒުވާނުންނަށް އިހުސާސްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ގައުމުގައި އަޅުގަނޑުމެން އީދު ދުވަސް އަންނަކަން ކުރީއްސުރެ އެއަށްއިންތިޒާރުކޮށް، އީދު ދުވަހަށް ޓަކައި ތައްޔާރުވެ، އީދުގެ އުފަލުގައި ފުރިހަމައަށް ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އީދުގެ އުފާ ފާޅުކުރަން ވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަހަރު މާލެ ސިޓީގެ އިތުރުން އެހެން ސިޓީތަކާއި ވެރިރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރެވޭތީ އުފާ ކުރައްވާ ކަމަށާއި ކުރިއަށް އޮތް އީދުތައް ވެސް މިފަދަ ގޮތަކަށް ފާހަގަކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް އަހަރު މިފަހަރަށް ވުރެ އިތުރު ރަށްތަކުގައި އީދުގެ ބޮކިތައް ދިއްލޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި އީދު ދިވެހިން އެކުގައި، އެއް ރޫހެއްގައި، އެއް ބަޔެއްގެ ގޮތުގައި ފާހަގަކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް ކޮންމެ ކަހަލަ ޚިޔާލު ތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ، އަޅުގަނޑުމެންނަކީ ދިވެހިންކަން، ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ޖެހޭނެކަން،" ރައީސް ވިދާޅުވިއެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

މިފަހަރު އީދަށް މާލެ ސަރަހައްދުގައި ދިއްލާފައިވާ ލައިޓްތަކުގެ ތެރޭގައި އީދުގެ ޝިއާރުތަކާއި އީދު ރަމްޒުކޮށްދޭ އެހެނިހެން މަންޒަރުތައް ފެންނަ ލައިޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހަނދާއި މިސްކިތްތަކާއި ތަފާތު މަލުގެ ބައްޓަމަށް ހުރި ލައިޓްތައް ހިމެނެެއެވެ.

comment ކޮމެންޓް