ރޯދަމަހު ކުޅުދުއްފުށިން ކަރަންޓު ކެނޑޭތީ، ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓް

ކުޅުދުށްފުށީ ސިޓީ ---- ފޮޓޯ/ ޒުވާން މަސްވެރިޔާ

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުށްފުށީ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވި ދަތިތަކުގެ ސަބަބުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ރަމަޟާން މަހު ކުޅުދުށްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ދިމާވި ކަމަށެވެ.

އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މިހާރު އެ ސިޓީއަށް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

"ހދ. ކުޅުދުށްފުށީ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ." އެ ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ، އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓު ނުލިބުމުން ދިމާވި ތަކުލީފުތަކުގެ ސަބަބުން އެކުންފުނިން އެކަމާ ހިތާމަ ކުރާތީ އެކަމުގެ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން އެ ސިޓީގެ ރައްޔިތުންނަށް ޑިސްކައުންޓެއް ދޭން ނިންމީ ކަމަށެވެ.

މީގެ އިތުރުން، ފާއިތުވި ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުން ރާއްޖެގެ އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

https://sun.mv/190658

މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ރަށްރަށުގައި ހުރި ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށާއި، މިހާރު އެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް