ކުލަގަދަ ފިތުރު އީދަކަށް ބޮކިތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

ފިތުރު އީދަށް ފެންއަރުވާ ވަޑާން، ރައީސް އަލުން ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އަންނަ ފިތުރު ޢީދުގެ މުނާސަބަތާ ގުޅުވައި މާލެ ސަރަހައްދާއި ވެރިކަން ކުރާ ރަށްތައް ކުލަ ބޮކިތަކުން މިރޭ ދިއްލާލައި، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން އަލުން ހުޅުވައިފިއެވެ.

ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ޒީނަތްތެރިކޮށްފައިވާ އާންމު ތަންތަން ދިއްލާލުން ފައްޓަވައިދެއްވައި، މިއުޒަކާއެކު ފެން އަރުވައިދޭ ވަޑާން އަލުން ހުޅުވައިދެއްވީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި "އީދު އަލި" ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ފިތުރު ޢީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ. އެގޮތުން އިސްލާމީ ވަންތަކަން ދައްކުވައިދޭ ގިޑިގެތަކާއި ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރު އިއްވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ފިތުރު އީދަށް މާލެއާއި ވެރިކަން ކުރާ ރަށްތައް ދިއްލުން ފެއްޓުން: ޖުމްހޫރީ މައިދާން ވެސް ވަނީ ތަފާތު ބޮކިތަކުން ޒީނަތްތެރިކޮށްފައި --

މާލެ ސަރަހައްދުން ފެންނަ ލައިޓްތަކުގެ ތެރޭގައި އީދުގެ ޝިއާރުތަކާއި އީދު ރަމްޒުކޮށްދޭ އެހެނިހެން މަންޒަރުތައް ފެންނަ ލައިޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހަނދާއި މިސްކިތްތަކާއި ތަފާތު މަލުގެ ބައްޓަމަށް ހުރި ލައިޓްތައް ހިމެނެެއެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، މިދިޔަ އަހަރުގެ އަޟްހާ އީދާ ދިމާކޮށް މާލޭގެ މަގުތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމާއެކު، އިސްލާމީވަންތަކަން ދިރުވައި އާލަކުރަން ކޮންމެ ބަޔަކު ވެސް ބޭނުންވާ ކަން ހާމަވި ކަމަށް ވިދާޅުވެފައެވެ.

"އީދު ދުވަހު މާލެގައި މާލެ ސިޓީ ކައުންސިލުން ބޮކި ދިއްލައި ތަކުބީރު އިއްވީމައި ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅުކުރަމުން ދިޔަ ޝުއޫރާއި ނަގަމުންދިޔަ ސެލްފީތަކާއި އަޅުގަނޑާ ބައްދަލުވެ ދެއްކެވި ވާހަކަތަކާއި މިހުރިހާ ކަމަކުން ފެނިގެން ދިޔަ އެކަން،" ރައީސް އޭރު ވިދާޅުވިއެވެ.

ފެންއަރުވާ ވަޑާން އަލުން ހުޅުވުން: ފެންއަރުވާ ވަޑާން އަލުން ހުޅުވީ ބަންދުކޮށްފައި ހުންނަތާ ދުވަސްތަކަކަށް ފަހު، މަރާމާތު ކުރުމަށް ފަހު -- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމްޓީސީސީއިން ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. އެ ތަން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.

ނަމަވެސް، އެ ފެންއަރުވާ ވަޑާން ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްނުގެންދާތީ ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން އެތަން އޮންނަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް