ފިތުރު އީދަކީ ބުދަ ދުވަސް ކަމަށް ކަނޑައަޅައިފި

ކުޑަ އީދަށް ހުޅުމާލެ ޒީނަތްތެރި ކުރުން: މިފަހަރުގެ އީދަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ވެސް ވަނީ ދިއްލައިފަ -- ފޮޓޯ/ އެޗްޑީސީ

މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިނިސްޓްރީން އެކަން އިޢުލާން ކުރީ، ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ކުރެއްވި އިއުލާނެއްގައެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އެހެންކަމުން މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށެވެ.

މިފަހަރުގެ ކުޑަ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ، އީދު ދުވަހުގެ މުނާސަބާގައި މާލޭ އާއި ރާއްޖެތެރޭގެ ބޮޑެތި ރަށްތައް ކުލަ ބޮކިތަކުން ދިއްލައި ޒީނަަތްތެރިކުރުމުގެ މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން މި އަހަރުން ފެށިގެން ރާއްޖޭގައި ފިޠުރު އީދާއި އަޟްޙާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް