ސިޓީ ކައުންސިލާ ޖަމިއްޔާތައް ގުޅިގެން ކުލަ ގަދަކޮށް މާލޭގައި އީދު ފާހަގަކުރަނީ

ސިޓީ ކައުންސިލާ ޖަމިއްޔާތަށް ގުޅިގެން ކުލަ ގަދަކޮށް އީދު ފާހަގަކުރަނީ -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާ ޖަމިއްޔާތައް ގުޅިގެން "މަގޭ އީދު"ގެ ނަމުގައި މި އަހަރުގެ ފިތުރު އީދު މާލޭ ސަރަހައްދުގައި ކުލަ ގަދަކޮށް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ "ސާދަ އެންޓަޓައިންމެންޓް" އަދި "ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން" ޖަމިއްޔާއާ ގުޅިގެންނެވެ.

އެގޮތުން އީދު ދުވަސް ފެށުމަށް ބޮޑު ޖަމާއަތުގައި ކުރިއަށް ގެންދާ އީދު ނަމާދަށް ފަހު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އީދު ސައި ޕެކް އެކުވެނި ދަނޑުގައި ބަހާނެއެވެ.

އެއަށްފަހު 14 އެންޓަޓައިންމަންޓްގެ އިސްނެގުމުގެ މަތިން އީދު ކުޅިވަރުތައް ފަށާނީ ރަސްފަންނުގައި 09:30 ގައެވެ. ފެން ކުޅިވަރެއްގެ ގޮތުގައި ކުޅޭ މި ކުޅިވަރުގައި 195 ރުފިޔާއަށް ލިބޭ ޓީޝާޓެއް ގަނެގެން ބައިވެރިވެވޭނެއެވެ. އަދި އިނާމު ލިބޭ އިތުރު ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ.

މާލި ޕެރޭޑާއި ބޮޑުމަސް ބާއްވަން ހަމަޖެހިފައި ވަނީ އީދު ދުވަހު ހަވީރު 04:00 ގައި މަޖީދިމަގު އޮލިމްޕަސް ކުރިމަތިންނެވެ. ޕެރޭޑު ނިމޭނީ އާޓިފިޝަލް ބީޗާއި މަޖީދީމަގު ގުޅޭ ކަންމައްޗަށެވެ.

މި ޕެރޭޑުގައި އާންމު ރައްޔިތުންނަށް ވެސް މާލި ހެދިގެން ބައިވެރި ވެވޭނެއެވެ.

"3:30 އަށް ބައިވެރިވެގެން އަންނަންވީ އެ ބޭފުޅަކު އަމިއްލައަށް، އަމިއްލަ މާއްޔެއް ތައްޔާރު ކުރައްވައިގެން މާއްޔަކަށް ވެގެން އަންނަންވީ. އަންނަ ބޭފުޅުންގެ ތެރެއިން އެންމެ ސަގާފީގޮތުން އެންމެ ކަމުދާ މާއްޔަކަށް އިނާމު ވެސް ކަނޑައެޅިފައިވާކަން ފާހަގަކޮށްލަން،" ސާދަ އެންޓަޓައިންމަންޓުގެ ފަރާތުން ސައިފް ޒާހިރު ވިދާޅުވިއެވެ.

ހަމައެއާއެކު އިކުއަޓިކް ވައިބް އަދި 1438 ބޮޑުބެރު ގްރޫފާއި އިތުރު ހުނަރުވެރިން ހުށަހަޅައިދޭ ސްޓޭޖް ޝޯ ބާއްވަން ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައި އެ ރޭ 08:30 އިން 11:30 އަށެވެ. އަދި ހަމަ އެ ރޭ 10:00 ގައި އެ ސަރަހައްދުގައި ހަވާ އެރުވުމަށް ވެސް ވަނީ ނިންމާފައެވެ.

ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތައް ހަވީރު 04:00 ގައި މާފަންނު މަދަރުސާކައިރީ ފަށާނެއެވެ. މި ހަރަކާތްތަކުގައި އަންހެން ކުދިންގެ ބަނޑިޔާ، ކުރު ދަނޑި ޖެހުން ފަދަ ނަލަ ހަރަކާތްތައް ދައްކުވައިދޭނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ވިސްނުންފުޅަކީ މިފަދަ ހަރަކާތްތައް ހިންގުމަށް ޖަމިއްޔާތައް ބާރުވެރި ކުރުވުން ކަމަށެވެ. އެހެންކަމުން އެ ފުރުސަތު މި އީދުގައި ޖަމިއްޔާތަކަށް ފަހިކޮށްދިނީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އާޒިމް ވިދާޅުވީ އީދު ދުވަހު 04:00 އިން 06:00 އާ ދެމެދު ދުއްވާ އެއްޗެހި ދުއްވުން މަނާވާނެ ކަމަށެވެ. އެހެންކަމުން އެކަމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް