އެޑްވަޓޯރިއަލް: ނަސްރު – ކަނޑިތީމު ދާއިރާގެ އުންމީދު

ނަސްރުﷲ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމް ހުށަހެޅުން --

އާއިލާގެ ކުޑަކުދިންނަށް އެއީ "ދޮންބޭބެ"އެވެ. ދަންނަ އެންމެނަށް އެއީ "ނަސްރު"އެވެ. ދެހާހުގެ ކުރީކޮޅުގައި ކަނޑިތީމުގައި ތަޢުލީމު ޙާސިލްކުރަން އުޅުނު ބައެއް ކުދިން "ނަސްރު ސަރ"ގެ ގޮތުގައިވެސް އޭނާ ދަނެއެވެ. ށ. އަތޮޅުގެ ރައްޔިތުންނަށް އެއީ ބީރައްޓެހި މޫނެއް ނޫނެވެ. ޚާއްސަކޮށް ކަނޑިތީމު ދާއިރާއަށް ނިސްބަތްވާ މީހުނަށް އެއީ ނުފަރިތަ ނަމެއް ނޫނެވެ. އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަނޑިތީމު ދާއިރާ ތަމްސީލުކުރުމަށްޓަކައި ޕީ.ޕީ.އެމް / ޕީ.އެން.ސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ނަޞްރުالله އެވެ.

1980 ވަނަ އަހަރު ށ. ކަނޑިތީމު، ދޫރެހަށް އުފަންވި ނަސްރުالله އުޅެ ބޮޑުވީވެސް ކަނޑިތީމުގައެވެ. ށ. އަތޮޅު މަދަރުސާގެ އިތުރުން، ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި މާލޭ އީ.ޕީ.އެސް އިން ތަޢުލީމު ޙާސިލްކޮށްފައިވާ ނަސްރުއަކީ، ތަޢުލީމީ ދައުރުގައިވެސް އިސްނެގުމަށް ހުރި ޝައުޤުވެރިކަމާއި، ހިންގުންތެރިކަން ޢަމަލީގޮތުން ދެއްކި ދަރިވަރެކެވެ. ސްކޫލް ދައުރުގައި ނަސްރު ވަނީ ށ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަމާއި ސްކޫލް ކެޕްޓަންގެ މަޤާމު އަދާކޮށްފައެވެ.

މަސައްކަތުގެ މައިދާނަށް ނަސްރު ފުރަތަމަ ނުކުތީ، 2002 ވަނަ އަހަރުގައެވެ. އެއީ ށ. ކަނޑިތީމު ރަށު އޮފީހުގެ އެސިސްޓަންޓް ސެކެޓްރީގެ ގޮތުގައެވެ. އެމަޤާމުގައި ހޭދަކުރި ދުވަސްތަކުގައި، ރަށު ފެންވަރުގައި ކުރެވުނު އެކި މަސައްކަތްތަކުގައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކޮށްފައިވެއެވެ. އެއީ ކަނޑިތީމު ދާއިރާއަށް ނިސްބަތްވާ ރަށްތަކުގެ ގިނަ ޢަދަދެއްގެ ކުދިން ށ. އަތޮޅު މަދަރުސާގައި ތަޢުލީމު ޙާސިލްކުރަމުން ދިޔަ ދުވަސްވަރަށްވުމާއެކު, މިސަރަޙައްދުގައި ޢިލްމީ, ޤާބިލް, ޒުވާން ޖީލެއް ބިނާކުރުމުގެ އިޚްލާސްތެރި ނިޔަތުގައި, އަމިއްލަ ޓިޔުޝަން ސެންޓަރެއްގެ ސިފައިގައި ގިނަ ޢަދަދެއްގެ ދަރިވަރުންނަށް އުނގަންނައިދިނުމުގެ ބުރަ މަސައްކަތްވެސް ނަސްރު ވަނީ ކޮށްފައެވެ.

ނަސްރުﷲ، ދާއިރާގެ ރައްޔިތުންނާއެކު --

ނަސްރުاللهގެ ސިޔާސީ ޙަޔާތުގެ ފެށުމަކީ، އާ ޤާނޫނު އަސާސީއާއެކު ލާމަރުކަޒީ ނިޒާމު ތަޢާރަފްވެ، ލޯކަލް ކައުންސިލްތައް ހޮވުމަށް ބޭއްވި ފުރަތަމަ އިންތިޚާބެވެ. 2011 ގައި ބޭއްވި އެ އިންތިޚާބުގައިވާދަކޮށް، ކަނޑިތީމު ރައްޔިތުންގެ އިތުބާރާއި، ތާއީދާއެކު ބޮޑު އަޣުލަބިއްޔަތަކުން ނަސްރު އެ އިންތިޚާބު ކާމިޔާބުކުރިއެވެ. އެއާއެކު ނަސްރު ތާރީޚުގެ ތެރެއަށް ވަދެގެން ދިޔައީ، ށ. ކަނޑިތީމަށް އިންތިޚާބުކުރެވުނު ފުރަތަމަ ރަށު ކައުންސިލްގެ ރައީސްގެ ގޮތުގައެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސްގެ ގޮތުގައި ނަސްރު ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ކަނޑިތީމުގެ ރައްޔިތުންނަށް ކުރިމަތިވެފައިއޮތް ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ، ކަނޑިތީމުގެ ފަޅު ބޮޑުކުރުމުގެ މަޝްރޫޢު ވުޖޫދަށް ގެނައުމެވެ. ކަނޑިތީމުގެ މަގުތަކުގައި މަގުބައްތި ހަރުކުރުމާއި، ކުނި މެނޭޖްކުރުމުގެ މަޝްރޫޢަކީވެސް ނަސްރުގެ މޭސްތިރިކަމުގެ ދަށުން ކުރި މުހިންމު މަސައްކަތްތަކެކެވެ. މީގެ އިތުރުން، ކަނޑިތީމުގައި މުންނާރުލީ މިސްކިތެއް އެޅުމަށް ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށާއި، ކަނޑިތީމުގެ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ކައުންސިލްގެ ރައީސްގެ ގޮތުގައި ނަސްރު ކުރި މަސައްކަތްތައް ރަށުގެ ރައްޔިތުން ބަލައިގަތް ކަމުގެ ހެއްކަކީ، 2014 ވަނަ އަހަރު ނަސްރު ކަނޑިތީމު ކައުންސިލްގެ އިތުރު ދައުރަކަށް އިންތިޚާބުވުމެވެ.

ނަސްރު ވަނީ ރަށު ކައުންސިލުގައި ޚިދުމަތްކޮށް، ސިއްހީ މަރުކަޒު ހިންގުމުގައި ހަރަކާތްތެރިވެފައި --

ރަށު ކައުންސިލްގައި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކުރުމަށްފަހު 2017 ވަނަ އަހަރު ކަނޑިތީމުގެ ޞިއްޙީ މަރުކަޒު ހިންގުމާ ނަސްރު ހަވާލުވިއެވެ. ރަށުގެ ރައްޔިތުންނަށް ޞިއްޙީ މަރުކަޒުން ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއަކީ، ކަނޑިތީމު ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުވެގެން ދިޔުމެވެ. ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެން ދިޔުމެވެ. ޖުމްލަކޮށް ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދިޔުމެވެ.

ދަރިންނަށް ތަޢުލީމު ޙާސިލްކޮށްދިނުމަށްޓަކައި 2018 ވަނަ އަހަރުގެ ފަހުކޮޅު މާލެއަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، ރަށާއި ދާއިރާގެ ރައްޔިތުންނާ އޮތް ގުޅުމަކަށް ބަދަލެއް ނާދެއެވެ. އަދި އެ ރައްޔިތުންނަށް ފަހި މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގައި ވަރުބަލިކަމެއްނެތި ދެމިހުއްޓެވެ.

ނަސްރު ދަންނަ ކޮންމެ މީހަކުވެސް އޭނާ ސިފަކުރާ ގޮތުގައި, އެއީ އެންމެނާވެސް ގުޅޭ މީހެކެވެ. އެއްކޮޅަސް, އިދިކޮޅަސް ފަރުވާލެއްނެތި އެންމެނާ ވެސް ހިނިތުންވުމަކާއެކު ބައްދަލުކުރާ މީހެކެވެ. އެއީ ސިޔާސީ ޕޯޑިއަމްތަކަށް ފަރިތަ, ދޫހެލޭ ވާހަކަދެއްކުންތެރިއެކެވެ. ޒިންމާދާރު ހިންގުންތެރިއެކެވެ. މިހާރު ނަސްރު އަމާޒު ހިފައިގެން ހުރީ, ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ޤައުމީ ފެންވަރުގައި ވަކާލާތު ކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަނޑިތީމު ދާއިރާ ތަމްސީލްކޮށް, އެ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އިއްވުމަށެވެ. ނަސްރުގެ ކާމިޔާބު ސިޔާސީ މަސައްކަތްތަކާއި ތަޖުރިބާގެ ޓްރެކް ރެކޯޑުން ހެކިދެނީ އެމަކަށް ނަސްރުﷲއަށް ވުރެ ޤާބިލް ދެވަނަ މީހަކު ނުވާނޭކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު