ދުރުގައި ވާން ނޭދުނަސް ހިތް... 03

"ހަލޯ…" ސަވާގެ ފޯނުން ވާހަކަ ދެއްކި އަންހެން މީހާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު، އިޝްފާން ވަގުތުން ފޯނު ކަނޑާލިއެވެ. އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް އޭނާގެ ފޯނު ރިންގްވިއެވެ.

"އަހަރެން އިތުރު އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވާކަން ނޭނގޭތަ؟" ފޯނު ނެގި ގޮތަށް އިޝްފާން ވާހަކަ ދެއްކީ އެ ގުޅީ ކާކުކަން އެނގޭ ޙާލުގައެވެ. ކިތަންމެ މަޑުން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް، އެ އަޑުގައި ހަރުކަށިކަމެއް ވެއެވެ. އޭނާގެ އެ ބަސްތަކާއެކު، ދެން ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ.

"ދޮންތާ! ސޮރީ…" ދެން ވާހަކަ ދެއްކިއިރު، އިޝްފާންގެ އަޑު މަޑެވެ.

"ސޮރީ. ދޮޮންތައާ ދިމާލަށް ހަޅޭއްލަވާކަށް ނޫން އުޅުނީ." އެކޮޅުން އެއްޗެއް ނުބުނުމުން އަނެއްކާވެސް އިޝްފާން ވާހަކަ ދެއްކިއެވެ.

"އެކަމާ އަޅާނުލާ ދެން. އިޝްފާން ރަނގަޅުތަ؟" ސަވާގެ އަޑުގައިވި ކަންބޮޑުވުން އިޝްފާންއަށް ވެސް އިޙްސާސްވެއެވެ.

"އަހަރެން ރަނގަޅު." އިޝްފާން ކުރު ޖަވާބެއް ދިނެވެ.

"ކައިފިންތަ؟" އަނެއްކާވެސް ސަވާ ސުވާލެއް ކޮށްލިއެވެ.

"ހޫމް." މިފަހަރުވެސް އިޝްފާންގެ ޖަވާބު ކުރެވެ.

"އިޝްފާން! މަންމަ ބޭނުންވޭ އިޝްފާންއާ ވާހަކަ ދައްކަން. ކީއްވެ ވާހަކަ ނުދެއްކީ؟ އެޓްލީސްޓް ބުނާ ވާހަކައެއް އަޑު އަހާލިނަމަ." ސަވާ ވާހަކަ ދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ.

"ދޮންތާ. އަހަންނަކަށް ނުވާނެ ތިކަމެއް." އިޝްފާން ދެކޮޅު ހެދިއެވެ.

"ދޮންތައަށްވެސް މިހުރިހާކަމެއް ފަސޭހައެއް ނޫނޭ…" ސަވާގެ އަރު ބެދުނެވެ. ދެފަހަރަކު ނޭފަތް ދަމާލުމާއެކު، ސަވާ ރޮނީކަން އިޝްފާންއަށް އެނގުނެވެ.

"ދޮންތާ. ނުރޮއި.." ސަވާ ރޯން ފެށުމުން އިޝްފާން ކަންބޮޑުވިއެވެ.

"ދޮންތާ! ތި ގޮތަށް ނުރޮއި… އަހަންނަށް އެނގޭ މިހުރިހާކަމަކުން އަހަންނަށްވުރެ ބޮޑު އަސަރެއް ކުރީ ދޮންތައަށްކަން. އެކަމަކު ދޮންތާ. އަހަންނަށް އެކަކަށް ވެސް މާފެއް ނުކުރެވޭނެ! ޕްލީޒް… ޕްލީޒް ހުއްޓާލާ…" އިޝްފާންގެ އެތަކެއް އާދޭސްތަކަށްފަހު، ސަވާ ހުއްޓާލީ އެތައް އިރެއް ފަހުންނެވެ.

ސަވާއާ ވާހަކަ ދައްކާލާފައި އިޝްފާން ފޯނު ބޭއްވިއެވެ. އެއަށްފަހު އިހު އޮތް ގޮތަށް އޭނާ ލޯ މަރާލިއެވެ. މަޢްރިބް ނަމާދު ވަގުތު ފާއިތުވެގެން ގޮސް އިޝާނަމާދަށް ގޮވިއިރުވެސް އިޝްފާން އެތަނުގައި އޮތެވެ. އިތުރު އެއްވެސް ކަމެއް ކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

ހެނދުނު ބަނަކޮށް އޮތް އުޑުމަތި ސާފުވެލާފައި ވުމާއެކު، ކުދި ޖަވާހިރުތަކެއްފަދަ ތަރިތަކުން އުޑުމަތި ވަނީ ޒީނަތްތެރި ކޮށްލާފައެވެ. ޖެހެމުން ދިޔައީ ތެތްފިނި ނަމަވެސް ލުއި ވައިރޯޅިތަކެކެވެ. އެއްވެސް ހަރުކަށިކަމެއް ނެތެވެ. އެ މަޑުމައިތިރި މާޙައުލުން އިޝްފާންއަށް އަރާމުވަމުން ދިޔަ ނަމަވެސް، އޭނާއަށް އުނދަގުލެއް ވަމުން ދިޔައެވެ. އެންމެ ފަހުން ކެތްނުކުރެވޭ ވަރުވުމުން ކުއްލިއަކަށް ޖޯލިން ތެދުވުމާއެކު، ބާރު ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.

އެ ދިޔަ ގޮތަށް ގޮސް އޭނާ ހުޅުވާލީ ދަބަހެވެ. އޭގެ ތެރެއިން ނެގި ދަޅެއް ބޯލުމާއެކު، ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

ފޯނު ރިންގްވުމާއެކު، އިޝްފާން ފޯނަށް ބަލާލިއެވެ. ގުޅަނީ އަހުމަދު ފަތުޙީ ކިޔާ މީހެކެވެ. ވަގުތުން އިޝްފާންގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ފެށިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު، ދަތްތަކަށް ބާރުކޮށްލައިގެން އޭނާ ވާހަކަ ދެއްކިއެވެ.

"ކީކުރަން މަށަށް ތި ގުޅަނީ؟" އިޝްފާންގެ އަޑުން ނަފްރަތު ނޫން އެއްޗެއް ފާޅެއް ނުވެ އެވެ.

"އަހަރެން ބޭނުން ކޮންމެ ވަގުތަކު އިޝްފާންއަށް ގުޅޭނެ. އެކަމަށް އިޝްފާންގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. އަޑު އިވިއްޖެ؟." އެކޮޅުން ޖަވާބު އައެވެ.

"ބޭކާރު ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ބޭނުން ގޮތަށް ކަންތައް ކުރެވިއްޖެއެއްނު. އެ ނިމުނީނު.. އިރުއިރުކޮޅަކާ ގުޅަން ޖެހޭތަ؟" އިޝްފާން ރައްދު ދިނެވެ.

"މޫނުމަތީގައި ޖަދަލުކުރުން ނޫންކަމެއް ދަސްވެފައި ނެތީތަ؟" ފޯނުން ވާހަކަ ދައްކަމުން ދިޔަ ފަތުޙީ ބުނެލިއެވެ.

"މޫނުމަތީގައި ޒުވާބުކޮށް ޖަދަލުމިކުރަނީ ކުރަން ޖެހުނީމަ." އިޝްފާން ފަތުޙީގެ ކޮންމެ ވާހަކައަކަށް ރައްދު ދެމުން ދިޔައެވެ.

"ތިރަށުގައި ނެތް މީހެއްހެން އުޅުނީމަ ހުންނާނީ ރަނގަޅަށް." ފަތުޙީގެ އަޑުގައިވެސް ހަރުކަށިކަން ވެއެވެ.

"ތި އަޙްމަދު ފަތުޙީއަކަށް ނޭނގޭނެ އަހަރެން އުޅެން ޖެހޭ ގޮތާ އުޅެން ނުޖެހޭނެ ގޮތެއް." އިޝްފާން ފޯނު ކަނޑާލުމަށްފަހު، އަތުގެ ކޮޅަށް ފޯނު ހޫރާލަން އުޅެފައިވެސް ފަސް ޖެހުނެވެ. އެނދުމައްޗަށް ފޯނު އެއްލާލުމާއެކު، ފުންނޭވާތަކެއް އޭނާ ލާން ފެށިއެވެ.

*****

އިޝާ ނަމާދުކޮށްލައިގެން ޤުރުއާން ކިޔަވާލުމަށްފަހު، ޒައިނާ ގޮސް އެނދުގައި އޮށޯވެލީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ސީލިންގުގައި ހަރުކުރެވިފައިވާ ފަންކާއަށް ބަލަހައްޓައިގެން އޮތްކަމަކު އޭނާގެ ސިކުނޑި ވަނީ ޚިޔާލުތަކުން ފުނިޖެހިފައެވެ. އެ އޮތް ގޮތަށް އޮވެ އެއް އަތް އަނެއް އަތާ މޮޑެމުން ދިޔައީ ކޮންމެވެސް ކަހަލަ ވޭނެއް ތަޙައްމަލް ކުރަމުން ދިޔަ ފަދަައަކުންނެވެ. ވިސްނަމުން ދިޔަ ވަރަކަށް ޒައިނާގެ ހަށިގަނޑަށް ބަދަލުތައް އަންނަމުން ދިޔަކަން ބަލަން ހުންނަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ފެށުމުން ނުރޯން ހިތްވަރުކުރަމުން ދެލޯ މަރާލި ނަމަވެސް، ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބައިގެން ހިނގައްޖެއެވެ. ތުންފަތް ތުރުތުރުލާން ފެށުމާއެކު، އަނގަމަތީގައި އަތް އެޅި ނަމަވެސް، އެ ތުންފަތް ފޫ އަޅުވާލާފައި ނުކުތީ ވޭނީ ގިސްލުމެއްގެ އަޑެވެ. ހިތްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރުން އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. އެތަކެއް އިރަކު އޭނާ ރޯން އޮތެވެ.

ތެދުވެ ދެލޯ ފުހެލުމަށްފަހު، ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ، އާދައިގެ ބުރުގަލެއް އަޅާލައިގެން އޭނާ ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތެވެ. ސިޓިން ރޫމުގައިވެސް މީހަކު ނެތެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ މައި ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެލިއެވެ. ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލުމާއެކު، ޖެހިގެން ހުރި ގޭގެ ލައިޓް ދިއްލާފައި ހުރިތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެގެއަށް ބަޔަކު އައީބާއޭ ޒައިނާގެ ހިތަށް އެރިއެވެ. އެހެން އޮވެފައި އުޑުމައްޗަށް ޒައިނާ ބަލާލިއެވެ. ފަޒާގައި ވިދަމުން ދިޔަ އެތައް ހާސް ތަރިތަކުން އުޑުމަތި ޒީނަތްވެފައިވާއިރު، ހިތްގައިމެވެ. ޤުދުރަތުގެ ފުރިހަމަކަމުގެ ލާމަސީލު މިސާލެކެވެ. މާތް ﷲގެ ކުޅަދުންވަތަކާއި، ކާއިނާތު ޚަލްޤު ކުރައްވާފައިވާލެއް ފުރިހަމަކަން އިންސާނާއަށް ހަޤީގަތުގައި އިޙްސާސްކުރެވޭނީ އެކަނި އޮވެ އެ ކަންތައްކަމާ މެދު ވިސްނާލީމައެވެ.

ދެލޯ މަރާލުމާއެކު، ލީ ފުންނޭވާއާއެކު ޒައިނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ސިކުނޑީގައިވާ ޚިޔާލުތަކާ ދުރުވާން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެކަން ކުރުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ ދިރިއުޅުމާމެދު ވިސްނެނީއެވެ. ވީރާނަވަމުންދާ ޙަޔާތާ މެދު ވިސްނެނީއެވެ. ޙަޔާތުގައި ހުއްޓި މިހުރެވުނީ ކިހާ ހިސާބެއްގައިކަމެއްވެސް ޒައިނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ޙަޔާތުގައި ވޭނާ ހިތާމަ ނޫން އެއްޗެއް ނެތްކަމެވެ. ހިތާމަޔާއި ހިތްދަތިކަމަކީ އޭނާގެ ތަޤުދީރުގައި ލިޔެވިފައިވާ އެއްޗެއް ފަދައެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް ކެތްތެރިވާން ޒައިނާ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އިންސާނާގެ ހިތަށް ކެތްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ހިތަކީ ނާޒުކު އެއްޗެކެވެ. އިންސާނާގެ ގުނަވަންތަކުގެ ތެރެއިން އެންމެ އަޖައިބުކުރުވަނިވި އެއް ގުނަވަން ވެސް މެއެވެ. ހިތެއްގައި ކޫރުމެއް އެޅިއްޖެނަމަ އޭގެ އަސަރު މުޅި އުމުރަށް ދެމި ހުރެއެވެ. ލޯތްބާއި ނަފްރަތާއި ހަސަދައަކީ އިންސާނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ އިޙްސާސްތަކެކެވެ.

ޖޯލީގައި އެތަކެއް އިރަކު އޮތުމަށްފަހު، ޒައިނާ ގޮސް ގެއަށް ވަނެވެ. އޭނާ އެއްޗެހި ބަދަލުކޮށްލައިގެން ގޮސް އެނދުގައި އޮށޯވެލިއެވެ. ވަރުބަލިވެފައި ހުރިވަރުން އޭނާއަށް ނިދޭކަށް މާގިނަ އިރެއް ނުނެގިއެވެ.

"ޒައިނާ… ޒައިނާ…" ދެން ހޭލެވުނީ މީހަކު އޭނާއަށް ގޮވާލުމުންނެވެ. ސިއްސައިގެން ގޮސް ހޭލެވުނު ޒައިނާއަށް އޭނާއާ ދިމާލަށް ކުޑަކޮށް ގުދުވެލައިގެން އޮތް ޒުވާނާ ފެނުމާއެކު ކުއްލިއަކަށް ތެދުވެވުނެވެ.

"އަހަރެންމީ ފުރޭތައެއް ނޫނޭ…" އެ ޒުވާނާ ބުނެލިއެވެ.

"ކިހި… ކިހިނެއްވީ؟" ހޭވިފައިވާ އިސްތަށިތައް ރީތިކޮށްލަމުން ޒައިނާ ސުވާލުކޮށްލީ އަޅައަޅައިގަންނަމުންނެވެ.

"އަހަރެން ވަރަށް ބަނޑުހައި…" އެ ޒުވާނާ ބުނެލިއެވެ.

"ބަނޑުހައި… މި ގަޑީގައި؟" ޒައިނާ ގަޑިއަށް ބަލާލިއެވެ. އޭރު ތިނެއް ޖަހަނީއެވެ.

"ހޫމް. ބަނޑުހައިވީމަ ދޯ ބަނޑުހަޔޭ މި ބުނަނީ…" އެ ޒުވާނާގެ އަޑުން ނުރުހުންތެރިކަން ޒައިނާއަށް އިޙްސާސްކުރެވެމުން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު