ކުނި އުކާލުމަށް ކިލޯއަކަށް ޗާޖުކުރި 75 ލާރި މިހާރު 50އަށް

ކުނި އުކާލަން އަންނަ އާންމުންގެ އުޅަނދުތަކުން ނަގަމުން އައި އަގު 75 ލާރީގެ ޗާޖު 50 ލާރިއަށް ބަދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަމާލެ ސަރަހައްދުގައި ކުނި އުކާލަން އަންނަ އާންމު ފަރާތްތަކުގެ އުޅަނދުތަކުން މީގެ ކުރިން ކިލޯއަކަށް 75 ލާރީގެ މަގުން ނަގަމުން އައި ފީ، 50 ލާރިއަށް ބަދަލުކޮށްފިއެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުނި އުކާލުމަށް އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާފީއަށް ބަދަލު ގެނެސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ މަތިން ކަމަށެވެ.

އެ ގޮތުން މާދަމާއިން ފެށިގެން އާންމު ފަރާތްތަކުން ޚިދުމަތުގެ ފީއަކަށް ޗާޖުކުރަމުން ދާނީ ކިލޯއަކަށް 50 ލާރިކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގައި ކުނިއުކާލުމުގެ ޚިދުމަތް ފޯރުދުކޮށްދޭ ޓްރާންސްފާ ސްޓޭޝަންތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ޗާޖެއް ނަގަމުންދާނެ ކަމަށެވެ.

ވެމްކޯއިން އިތުރަށް ބުނެފައިވަނީ ކުނި އުކާލުމުގެ ޚިދުމަތުގެ އަގަށް މި ގެނެވުނު ބަދަލާއެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް، ފުރަމާލޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުނި ކިރާނެ ނިޒާމް ގާއިމް ކުރެވެންދެން، ކުނީގެ ބަރުދަން ބަލާނީ ކުނި ގެންނަ އުޅަނދުގެ ރެޖިސްޓްރީގައި އުފުލޭ ބަރުދަނަށް ބިނާކޮށް ކަމަށެވެ.

ކުނި އުކާލުމުގެ އަގަށް ގެނައި ބަދަލާއެކު އާންމު ފަރާތްތަކުގެ އުޅަނދުން ކިލޯއަކަށް 50 ލާރީގެ މަގުން ޗާޖުކުރާއިރު، ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކަށް ކިލޯއަކަށް ޗާޖުކުރަނީ ދެ ރުފިޔާ 66 ލާރީގެ މަގުންނެވެ.

ވެމްކޯއިން އާންމު ފަރާތްތަކުން ޚިދުމަތުގެ ފީއަށް 75 ލާރި ޗާޖުކުރަން ފެށީ މި އަހަރުގެ އެކެއް މާޗުގައެވެ. އެއާ އެކު މާދަމާއިން ފެށިގެން އަނެއްކާ އިތުރު 25 ލާރި އަގުހެޔޮކުރުމަށް ނިންމިއިރު، ކުނި އުކާލުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން ވެމްކޯއިން އުކާލާ ކުންޏަށް ޓަނަކަށް 750 ރުފިޔާގެ މަގުން ނަގަމުން އައި ފީ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އާންމު ފަރާތްތަކުގެ އަތުން އެއް ޓަނު ކުންޏަށް 1600 ރުފިޔާގެ މަގުން ފީއެއް ނަގަމުންދަނިކޮށް، އެ އަގު 750އަށް ބަދަލުކުރީ މި ސަރުކާރުގައި، ފެބްރުއަރީ 24ގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ވެމްކޯ އޮތީ ވަރަށް ހާލުގައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ވެމްކޯ ވެސް ހަރުދަނާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ރައީސް އޮތީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު ވެސް ސަރުކާރުން ބަލަނީ ރައްޔިތުންނަށް އިތުރު ލުއިތައް ދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ.

comment ކޮމެންޓް