ވާނަން އެކުގައި... 22

ލިޝާ މުޅިގެއަށް ނަޒަރު ހިންގައިލިއެވެ. ދެ ދުވަސްވީއިރުވެސް ގޭތެރެ އޮތީ އޭނާ ދިޔައިރު އޮތް ގޮތަށެވެ. އެއްޗެއް ކައްކާފައިވާކަމުގެ ނިޝާނެއް ނެތެވެ. ލިޝާއަށް ހިންދިރުވައިލެވުނެވެ. އާރިޒް އެހާ ފަރުވާކުޑައީ ކީއްވެ ހެއްޔެވެ؟ އޭނާއާއި ނުލައި އާރިޒް އުޅޭނެގޮތް އަންދާޒާ ކުރެވުމުން، ލިޝާ ދެރަވިއެވެ. އޭނާ އައީ ވަދާއުގެ ސަލާން ކުރާށެވެ. އެކަމަކު، އާރިޒްގެ ހާލު ފެނުމުން ހިތްވަރެއް ނުލިބުނެވެ.

********

ދެމީހުންވެސް ތިބީ ވާހަކަ ދައްކަން ބޭނުންވެ، ފަށާނެގޮތެއް ނޭނގިފައެވެ. އާރިޒާއި އެކުގައި އެހާ ދުވަހު އެގޭގައި އުޅެފައި، އެގެއިން ދިޔައިރު، ވާހަކަ ދައްކާލާނެ ފުރުސަތުވެސް ލިޝާ އާރިޒަކަށް ނުދެއެވެ. ހާލުގައި ޖެހުނު ދުވަހު، ލިޝާއަށް އެހީވި މީހަކީ އާރިޒެވެ. ވީއިރު، އާރިޒް ދޫކޮށް ދާއިރު، އެވާހަކަ ހިއްސާކުރަން ޖެހޭނެ މީހަކީވެސް އާރިޒް ކަމަށް ލިޝާ ގަބޫލުކުރިއެވެ.

"ކުރީ ދުވަހު އައީ އަހަރެންގެ ބެސްޓްފްރެންޑް...." ލިޝާ ވާހަކަ ފެށީ ދުރުދުރުންނެވެ.

ލިޝާގެ އެކުވެރިން އާރިޒަށް ތައާރަފްކޮށްދިނުމަކީ ލިޝާ ކުރަން ބޭނުންވި ކަމެކެވެ. އެދުވަހު ފުރުސަތު ނުލިބުނަސް، މިއަދު އެކަން ކުރަން ލިޝާ ބޭނުންވިއެވެ.

"އިށީންނަންވީނު..." ގޮނޑިއަށް އިޝާރާތްކުރަމުން އާރިޒް ބުންޏެވެ.

ހިތުގެ ހާލު ބަޔާންކުރަން ދެމީހުންމެ ނުކުޅެދިފައިވީ، ހާލަތުގެ ގޮތުންނެވެ. މާނަވް ބުނި ފަދައިން ލިޝާ ހުއްޓުވަން އާރިޒަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފަން އޭނާގެ ހިތް ގޮވަމުން ދިޔައެވެ.

ލިޝާ ބޯ ޖަހާލާފައި ގޮނޑިއާއި ދިމާއަށް ހިނގައިގަތެވެ. އާރިޒް އުޅުނީ ގޮނޑި ކައިރިކޮށްލަ ދޭށެވެ. ލިޝާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ދެމީހުން އެކަކު އަނެކެއްގެ ގައިގައި ލައިގަތެވެ. ލިޝާ އަރި އަޅާލުމުން، އާރިޒް ހުށިޔާރުކަމާއިއެކު ލިޝާގެ އުނަގަނޑުގައި އަތް އަޅުވާލައި ތެދުކޮށްލިއެވެ.

ދެމީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ޖެހި ފިތިގެންނެވެ. ދެލޯ ބޮޑުކޮށްލިގޮތަށް ލިޝާއަށް ހުރެވުނީ އާރިޒްގެ މޫނަށް ބަލާށެވެ. ކުރިއެކޭ އެއްގޮތަށް މިއަދުވެސް އެމޫނުން ފެންނަމުންދިޔައީ ލޯތްބާއި ކުލުނެވެ. ފިރިހެންވަންތަކަމަށް ބަދަލެއް ނާދެއެވެ.

ދެމީހުންގެ ގައިގޯޅިކަމުގެ ސަބަބުން ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އާރިޒް ނުކުޅެދުނެވެ. ހިނދެއް ހިނދަކަށް އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. އެފުރުސަތަށް އާރިޒްގެ ހިތް އެދޭތާ ކިތަންމެ އިރެކެވެ. ލިޝާގެ ރީތިކަން މިއަދު ވަކީން އިތުރުވެފައިވާހެން އާރިޒަށް ހީވިއެވެ. އަޅައިގެންހުރި ހެދުމާއި، ކޮށްފައި ހުރި ލުއި މޭކަޕް ލިޝާއާއި ނުހަނު ގުޅެއެވެ. ކުޑަ މޫނުކޮޅު ލަދުން ރަތްވަމުންދިޔަ މަންޒަރު ނުހަނު ފުރިހަމައެވެ.

"ސޮރީ..." ލިޝާ މަޢާފަށް އެދިފައި އާރިޒާއި ދުރަށްޖެހެން އުޅުނެވެ.

އާރިޒްގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ކުރިއަށްވުރެ ބޮޑަށް ލިޝާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. ގާތަށް ދަމާލުމަށްފަހު، ދެއަތުގެ ހިމާޔަތް ދިނެވެ. އާރިޒްގެ ތަނަވަސް މޭގައި ލިޝާގެ މޫނު ފޮރުވައިލިއެވެ. ދެމީހުންގެ ދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭނެ ޖާގައެއް ދޭން އާރިޒް ބޭނުމެއް ނުވިއެވެ. ލިޝާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އާރިޒްގެ ކޮންމެ އަމަލެއް އޭނާ ގަބޫލުކުރީ، އެއީ ލިޝާގެ ހިތްވެސް އެދުނުގޮތް ކަމުގައިވީތީއެވެ.

"އަހަންނަށް ލިޝްއާ ނުލާ ނޫޅެވޭނެއޭ ބުނެފިއްޔާ މަޑުކުރާނަންތަ؟..." އާރިޒް ސުވާލުކުރިއެވެ.

ލިޝާ ވިސްނައިލިއެވެ. އާރިޒް އެ ސުވާލު ނުކޮށްގެން އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. އެކަމަކު، އެ ޖުމުލައާއި ކުރިމަތިލާން ޖެހުމުން، ޖަވާބު ދޭކަށް ލިޝާއަކަށް ފަސޭހައެއް ނުވިއެވެ. ލިޝާގެވެސް ވަޒަނަކާއި އަމިއްލަ އާއިލާއެއް އެބަ އޮތެވެ. އެ ހުރިހާ ކަމެއް ދޫކޮށްލާފައި އޭނާ އާރިޒާއިއެކު އުޅެން އައުމަށް ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ.

"އަހަރެން..." ލިޝާ އެއްޗެއް ބުނަން އުޅުނެވެ.

އާރިޒް ލިޝާގެ ދެކޯތާފަތުގައި ހިފަހައްޓައިލިއެވެ. މޫނާއި ގާތްވެލާފައި ދެން ކޮށްލި ކަމަކުން ލިޝާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. އާރިޒް ލިޝާއާއި ދުރަށްޖެހުނު އިރުވެސް ހިތް ފުރުނުހެނެއް ހިއެއްނުވެއެވެ. ލިޝާއަށް ބަލަން ހުރީ އެފަދަ ނަޒަރަކުންނެވެ.

ލިޝާ ލަދުން އިސްޖަހައިލިއެވެ. އޭނާ އާރިޒްގެ މޭގައި މޫނު ފޮރުވައިލީ، ލަދުން ރަތްވަމުންދިޔަ މޫނު އާރިޒަށް ފެންނަން ބޭނުންނުވާތީއެވެ.

"އަހަރެން ލިޝްއާއެކީ ތި ގައުމަށް ދާން ބޭނުންވެއްޖެއްޔާ ގެންދާނަންތަ؟...." ކޮންމެ ގޮތަކުންވެސް ލިޝާ ހާސިލުކުރަން އާރިޒްގެ ހިތް އެދުނެވެ.

ލިޝާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. އުފަލުންގޮސް އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތަކުން އާރިޒް ލައިގެން ހުރި ގަމީހުގެ މޭމަތި ތެންމަން ފެށިއެވެ. އާރިޒް ބުނީ ލިޝާ އަހަން ބޭނުންވި ޖުމުލައެވެ. ދެމީހުންނަށް އެކީގައި އުޅެވިދާނެކަމުގެ ޔަގީންކަން ލިޝާއަށް ލިބުނީ އަމިއްލަ ވަޒަނާއި ގެ ދޫކޮށް، ލިޝާގެ ކައިރިއަށް ދާން އާރިޒް ބޭނުންވިކަން އެނގުމުންނެވެ. ފުރަތަމަ ދިރިއުޅުމުގައި ކަންތައް ވީގޮތުން ދެވަނަ ދިރިއުޅުމަށް މައިންބަފައިން ފާޑު ނުކިޔާނެކަން ލިޝާއަށް ޔަގީންވެއެވެ. އާރިޒަކީ އެހެން ގައުމެއްގެ މީހަކަށް ވިޔަސް ލިޝާގެ އުފަލަށް ހުރަސް ނާޅާނެކަމަށް އޭނާ ގަބޫލުކުރިއެވެ.

"އަހަރެން އާރިއަށް ދެރަގޮތެއް ނުހަދާނަން..." ލިޝާ ޔަގީންކަން ދިނެވެ.

ލިޝާ އާރިޒްގެ ގައިގައި ބާރަށް ބައްދައިލިއެވެ. އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ތިބިއިރު، ދެމީހުންވެސް މުސްތަގުބަލާއިމެދު ވިސްނިއެވެ. ލިޝާގެ އުއްމީދުތައް ފޮންޏެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އާރިޒާއި ކައިވެނިކުރާށެވެ.

********

އިރު އޮއްސުނުއިރުވެސް ލިޝާ ނާންނާތީ ޝަފާޒު ހުރީ ގޭގެ ބޭރުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ޝަފާޒުގެ ހަރަކާތްތަކަށް ބަލަން ހުރި ސުމާގެ ހިތަށް ތަދުވަނީއެވެ. ލިޝާ ދިޔައީ ކޮން ތަނަކަށް ކަން އެނގޭއިރު، ދިޔަ ތަނެއްގެ ވާހަކަ ބުނަން ސުމާ ފަސްޖެހުނީ ޝަފާޒުގެ ހިތް ހަލާކުވާނެކަން އެނގޭތީއެވެ. ސުމާ ދޮރުމަތީގައި ހުއްޓާ، ޝަފާޒު ފަސްއެނބުރި ބަލައިލިއެވެ. ކުށެއް ކުރެވުނު ފަދައިން ސުމާ އަވަހަށް ގޭތެރެއަށް ދެމިގަތެވެ.

"ސުމް!... ވެއިޓް..." ސުމާ ފެނުމުން، ޝަފާޒު ގޮވައިލިއެވެ.

"ކީކޭ؟..." ނޫންކަމަށް ހަދާލާފައި ސުމާ ބޭރަށް ނުކުތެވެ. "ވިއްސާރަ ވެހެން ކަންނޭނގެ ދޯ އެ އުޅެނީ..."

"ލިޝް ކޮބާ؟..." ޝަފާޒު އަހައިލީ ސުމާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލަމުންނެވެ.

"ބޭރަށް ދިޔައީ ކަންނޭނގެ..." ހުއްޓަމުން ކަހަލަ ގޮތަކަށް ސުމާ ބުނެލިއެވެ. "މިރޭ ވިއްސާރަވާނެ... ދާންވީ އަވަހަށް ބޭރުގަ ހުރި އެއްޗެހިތައް ނަގަން..."

"ވެއިޓް..." ޝަފާޒް ހިފެހެއްޓީ ސުމާގެ އަތުގައެވެ. "އަހަންނަށް އެނގޭ ލިޝް ދިޔަ ތަނެއް ސުމްއަށް އެނގޭނެކަން..."

ހާސްވެގެން ސުމާގެ ނިތްކުރިމަތިން ދާ ހިއްލާލިއެވެ. ދޮގު ހެދުމަކީ ސުމާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން ދިޔަ ތަނެއް ޝަފާޒަށް ސިއްރުކޮށްދޭކަށް ލިޝާ ނޭދެއެވެ. ވީއިރު، ދޮގު ހެދުމުގެ މާނައެއް ނެތެވެ. ލިޝާ ދިޔަ ތަނެއް ޝަފާޒްގެ ކައިރީގައި ބުނިއިރު، ސުމާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވިއްޖެއެވެ.

"އަހަންނަށް ލިޝް ގެއްލުނީތަ؟..." ޝަފާޒް ދޫކޮށްލީ ފުން ނޭވާއެކެވެ.

ދުވަސްތަކެއްފަހުން ލިޝާއާއި ބައްދަލުވިޔަސް، ޝަފާޒްގެ ހިތެއް ބަދަލެއް ނުވެއެވެ. އޭނާ ވާ ލޯބީގައި އުނިކަމެއް ނެތެވެ. އެކަމަކު، ލިޝާ ބަދަލުވެއްޖެއެވެ. އެނބުރި ޝަފާޒްގެ ހަޔާތަށް ގެނެވޭ ވަރަށްވުރެ މާ ދުރަށް ގޮސްފިއެވެ.

"މީ އަހަރެންގެ މައްސަލަ... އަހަންނަށް އެދުވަހު..." ޝަފާޒްގެ އަރު ބެދުނެވެ. ވާހަކަ ދައްކަން އުނދަގޫވެގެން ހުއްޓައިލިއެވެ.

"ތިހެން ނުވިސްނާ..." ސުމާ މަސައްކަތްކުރީ ޝަފާޒް ހަމައަކަށް އަޅުވާށެވެ. ޝަފާޒް ދެރަވުމުން، ހުދު އޭނާގެ ހިތްވެސް ޒަހަމްވެއްޖެއެވެ.

ސުމާ ބަލަން ހުއްޓާ، ޝަފާޒް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިސްޖެހިފައި އެތައް އިރަކު ސުމާ ކޮޅަށް ހުއްޓެވެ. ޝަފާޒަށް އެހީވާން ސުމާ ބޭނުންވެއެވެ. އެކަމަކު، އޭނާއަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟

********

ބޮޑު އިސްކްރީން ކަޅުވިއެވެ. ދެން އަރަން ފެށީ ނަންތަކެކެވެ. ފިލްމު ނިމުނީއެވެ. ސިނަމާގައި ތިބި މީހުންތައް ތެދުވާން ފެށިއެވެ. ލިޝާއާއި އާރިޒްވެސް އެމީހުންގެ ތެރޭގައި ހިމެނެއެވެ. ދެމީހުންގެ އަތް ވަނީ ގުޅި ލާމެހިފައެވެ.

"ވަރަށް ބަނޑުހައި... އެއްޗެއް ކާންދަމާ..." ލިޝާ ގެއަށް ނުފޮނުވާ ކައިރީގައި ބަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އާރިޒް ބޭނުންވިއެވެ.

"ގޭގަވެސް ބަޔަކު ތިބޭނެ..." ލިޝާ ހަނދާންކޮށްދިނެވެ.

"އެމީހުންވެސް ގެންނާނީނު..." އެހާ އަވަހަށް ލިޝާ ފޮނުވާކަށް އާރިޒް ބޭނުމެއް ނުވިއެވެ.

"ދެން އެހެން ފަހަރަކުން..." ލިޝާ ވާހަކަ ދެއްކިއިރު، ތުންފަތުގައި ވަނީ ރަކި ހިނިތުންވުމެކެވެ.

"އެހެންވިއްޔާ ހިނގާ ގެއަށް ލައިދޭނަން..." އާރިޒަށް މޮޅު ހިޔާލެއް އައެވެ. "ކިހާ ހިސާބެއްގަ ގެ ހުންނަނީ؟..."

ލިޝާ ޓެކްސީއަކަށް އަތް ނެގިއެވެ. އާރިޒް ގަސްދުގައި ލިޝާ ހިފަހައްޓަން އުޅެނީކަން އެނގުމުން، ލިޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ލިޝާ ޓެކްސީއަށް އެރުމުން، އާރިޒްވެސް ފަހަތުން އެރިއެވެ.

"މިރޭ އަހަރެން ވަރަށް އުފާވެއްޖެ..." ލިޝާގެ އަތުގައި ހިފައިލަމުން އާރިޒް ބުނެލިއެވެ.

އޭނާ ލިޝާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ލިޝާ ތެޅިގަނެފައި އާރިޒް ދުރަށްލިއެވެ.

"ޑްރައިވަރު..." ލިޝާ ވާހަކަ ދެއްކީ ވައި އަޑުން ހަމައެކަނި އާރިޒަށް އިވޭ ވަރަށެވެ.

އާރިޒް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ލިޝާ ހާދަ މައުސޫމެވެ. އެވަރުގެ ކުޑަކުޑަ ކަމަކުންވެސް އެކުއްޖާ ލަދުން ހަލާކުވެއްޖެއެވެ. އެސިފަތަކަކީ އާރިޒް އެންމެ ގަޔާވާ ސިފަތަކެވެ. އާރިޒް ހީލި އަޑު އިވުމުން، ލިޝާގެ ހިތަށް ފިނިވެގެން ދިޔައެވެ. ހީލާއިރު، އާރިޒްގެ ފިރިހެންވަންތަކަން އިތުރުވެއެވެ. ލިޝާގެ ހިތް ފިދާކުރުވާހާ ފުރިހަމައެވެ.

ކާރު މަންޒިލަށް ހުއްޓައިލީ އާރިޒް ހީކުރި ވަރަށްވުރެ އަވަހަށެވެ. ލިޝާއާއިއެކުގައި ވަގުތުތައް ފާއިތުވާގޮތްވެސް އާރިޒަށް ނޭނގެއެވެ. އެހާވެސް އުފާވެރިއެވެ. އެ ހުރިހާ ކަމަކާއިއެކު އާރިޒްގެ ހިތަށް އުނދަގޫ ކުރަމުންދިޔައީ އެންމެ ކަމެކެވެ. ލިޝާއަށް ހަގީގަތް އެނގުމުން ވާނެ ގޮތެކެވެ. އޮޅުވާލުމެއްގެ ތެރެއިން ގުޅުމެއް ފަށަން އާރިޒަށް އުނދަގުލެވެ. އެކަމަކު، ލިޝާ ހާސިލުނުވަނީސް، އެވާހަކަ ދައްކައިގެން މައްސަލަ އިތުރަށް ގޯސްވެދާނެކަމުގެ ބިރު އެހިތުގައި އުފެދުނެވެ.

"ދަނީ..." އާރިޒްގެ އަތުން ދޫކޮށްލަމުން ލިޝާ ބުންޏެވެ.

"މަޑުކޮށްބަލަ..." އާރިޒް އަނެއްކާވެސް ލިޝާގެ އަތުގައި ހިފައިލިއެވެ.

ލިޝާގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ ޝަފާޒް ބޭރަށް ނުކުތެވެ. އޭނާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ލިޝާއާއި އާރިޒްގެ ގުޅި ލާމެހިފައިވާ އަތަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު