ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލި ބަޔަކު ހޯދަނީ

މާލޭ މަގުމަތި ސާފުކުރަނީ: ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ބަޔަކު ވަނީ ފިލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލި ބަޔަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ކުނި ކަހަން ހުރި މީހެއްގެ ގައިގައި، އިއްޒުއްދީން މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:17ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސައިކަލުގައި ދެ މީހަކު ތިބި ކަމަށާއި، އަންހެން މީހާ ގައިގައި ސައިކަލުން ޖެހުމުން އެ ދެ މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށެވެ.

އެހެންވެ އެސައިކަލާއެކު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ އާންމު ތަންތަނާއި މަގުތައް ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލްގެ ދަށުންނެވެ.

comment ކޮމެންޓް