ރޯދަވީއްލުން ބާއްވައިގެން އެމެރިކާއިން ދެއްކީ ''މުނާފިގުކަން''

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަމަޟާން މަހުގެ މުނާސަބަތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ މުސްލިމް ކޮމިއުނިޓީގެ މުހިއްމު ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި ރޯދަ ވީއްލުމަށް (އިފްތާރު) އަށް ގިނަ ބަޔަކު ޙާޒިރު ނުވުމުން ވަރަށް ވަނދު ގޮތަކަށް އެ ހަފުލާ ބާއްވަން ބައިޑެންއަށް ޖެހިވަޑައިގެންފިއެވެ.

ވައިޓް ހައުސްގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނީ ބައިޑެން ބޭއްވެވި ރޯދަވީއްލުމަށް އެމެރިކާގެ މުސްލިމުންގެ މުހިއްމު ވަރަށް ގިނަ ބަޔަކު ހާޒިރު ނުވިކަމަށެވެ. ހާޒިރުވި މީހުންވެސް އިސްރާއީލު ހިންގާ ޖަރީމާތަކުގައި އެމެރިކާ ބައިވެރިވާތީ އެކަން ކުށްވެރިކޮށް ބައިޑެންއަށް އެކި ލިޔުންތައް ހަވާލުކޮށް ނުރުހުން ފާޅުކުރުމަށްފަހު ރޯދަވީއްލުން ނުނިމެނީސް އެތަން ދޫކޮށް ގޮސްފައިވާ ކަމުގައެވެ.

ފާއިތު ވިއްސަކަށް އަހަރަށް ބަލާއިރު ކޮންމެ އަހަރެއްގެ ރޯދަމަހުގައިވެސް ވައިޓް ހައުސްގައި އެމެރިކާގެ މުސްލިމް ލީޑަރުންނަށާއި އެމެރިކާގައި ތިއްބަވާ އިސްލާމީ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުންނަށް ޚާއްސަކޮށްގެން ރަސްމީ ރޯދަ ވީއްލުމެއް ބާއްވައެވެ.

މިއީ އެމެރިކާއަކީ ހުރިހާ ދީންތަކަކަށްވެސް ފުރުސަތު އޮންނަ ގައުމެއްކަމާއި ހުރިހާ ދީންތަކަށް އިހުތިރާމް ކުރާ ގައުމެއްކަން ދެއްކުމުގެ ނަމުގައި މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ވައިޓް ހައުސް އިން ކުރާ ކަމެކެވެ.

އިސްރާއީލުގެ ހަަމަލާއެއްގައި ފަލަސްތީނުގެ ތުއްތު ކުއްޖެއްގެ ދެފައި ބުރިވެފައި

އެމެރިކާއަކީ ހުޅަނގުގެ އެހެން ލެބެރަލް ޑިމޮކްރަސީ ތަކާއެއްގޮތަށް ދީނީ މިނިވަންކަން އޮންނަ ގައުމެކެވެ. މިއީ ހަގީގަތެކެވެ. އެމެރިކާގައި މިސްކިތްތައް ހުރެއެވެ. މުސްލިމުންނަށް ދީނީ ޝުއޫރުތައްވެސް ފާޅުކުރެވެއެވެ. އަދި މި ރޯދަމަހު އެމެރިކާގެ ނިއުޔޯކްގެ މަގުމަތީގައި އެއްރޭ ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. އަދި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދުކުރުމުގެ ފުރުސަތުވެސް ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައި ވެސް ދެއެވެ.

އެމެރިކާގައި އޮންނަ ފަދަ ލެބެރަލް ޑިމޮކްރަސީ ނެތް ރަޝިއާ ގައިވެސް މުސްލިމުންނަށް މިގޮތަށް ދީނީ ޝިއާރުތައް ފާޅުކުރުމުގެ ފުރުސަތު އޮވެއެވެ.

ހުޅަނގުގެ އެހެން ލެބެރަލް ޑިމޮކްރަސީ ތަކާއެއްގޮތަށް އެމެރިކާގައި މުސްލިމުންނަށް ދީނީ އަޅުކަމުގެ ފުރުސަތުތައް ދީފައިއޮތްނަމަވެސް މުސްލިމުންނާ އަދި އިސްލާމް ދީނާ ދެކޮޅަށް އެންމެބޮޑަށް ހޭޓް ސްޕީޗް ފަތުރާ ގައުމަކީވެސް އެމެރިކާއެވެ. މުސްލިމުންގެ މިސްކިތްތަކަށް ހަމަލާދީ މުސްލިމަކަށްވާތީ ގޯނާކޮށް ބިރުދެއްކުންފަދަ ކަންކަންވެސް އެމެރިކާގައި ވަރަށް ބޮޑެވެ. އިސްލާމް ފޯބިއާ އެމެރިކާގައި އިންތިހާއަށް އޮންނަކަން އަލްޖަޒީރާގެ މުރާސިލުންވެސް ފާހަގަ ކުރެއެވެ.

އެމެރިކާގެ އެއްބާރުލުމާއެކު އިސްރާއީލުން ޣައްޒާގެ އައްޝިފާ ހޮސްޕިޓަލް ސުންނާފަތިކޮށްލާފައި

އަނެއްކޮޅުން އިސްލާމީ ގައުމުތަކަށް ހައްގަކާ ނުލައި އަރައިގަނެ އެ ގައުމުތައް ތަޅައި ސުންނާފަތިކޮށް މުސްލިމުން މިލިޔަނުން މަރާ ގައުމަކީވެސް ހަމަ އެމެރިކާއެވެ. އިރާގާއި އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާ ސިފައިންވަނީ އެ ދެ ގައުމުން ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން މަރައި އެ ދެ ގައުމު ސުންނާފަތި ކޮށްލައިފައެވެ. އިރާގަށް އަރައިގަތީވެސް އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ބޮޑެތި ދޮގުތަކެއް ހަދައި އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހާފައެވެ.

ފަލަސްތީނު ގަދަބާރުން ހިފައިގެން އޮވެ ފަލަސްތީނު މީހުން ހާހުން މަރައި އެ މީހުން ބަނޑަށް ޖައްސަމުން ގެންދާ އަނިޔާވެރި ޔަހޫދީ އިސްރާއީލަށް މައިގަނޑު ގޮތެއްގައި އެހީތެރިވާ ގައުމަކީވެސް އަދި އިސްރާއީލަށް ހިމާޔަތް ދޭ ގައުމަކީވެސް އެމެރިކާއެވެ. ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައިވާ ގައުމަކީވެސް އެމެރިކާއެވެ.

އިސްރާއީލުން ގަތުލުއާންމުތައް ހިންގައި ޣައްޒާގެ 33000 އަށް ވުރެ ގިނަ އާންމުން ޝަހީދުކޮށް ޣައްޒާގެ ހޮސްޕިޓަލްތައް އިސްރާއީލުން ސުންނާފަތިކޮށްލީވެސް އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައެވެ. އަދި އެމެރިކާގެ ސީދާ ބައިވެރިވުންވެސް އޮވެގެންނެވެ.

އެމެރިކާގެ އެހީގައި އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް

އެހެންކަމުން ވައިޓް ހައުސްގައި ބާއްވާ ރޯދަ ވީއްލުމާއި ނިޔުޔޯކްގެ މަގުތައް މަތީ ތަރާވީހާއި އީދު ނަމާދުކުރުން ފަދަ ކަންކަމަށް އެމެރިކާއިން ފުރުސަތު ދެނީ ކަންދެއްކުމާއި މުނާފިގު ކަމުގެ ތެރެއިންކަމަށް ގިނަ މުސްލިމުން ދެކޭކަމަށް އަލްޖަޒީރާއިން ހާމަކުރެއެވެ. ނަމަވެސް އެމެރިކާގެ މިފަދަ ޕްރޮޕަގެންޑާ އަމަލުތަކުގެ ދަލުގައި ބައެއް މުސްލިމުން ޖެހެއެވެ.

ނިޔުޔޯކްގެ މަގުމަތީގައި އީދާއި ތަރާވީހު ނަމާދު ކޮށްލުމުގެ ފުރުސަތު ދިނުމުން އެމެރިކާއަކީ މުސްލިމުންނަަށް ކިހާ ރަނގަނޅު ގައުމެއްކަމަށް ބުނެ އެމެރިކާގެ ހަގީގަތް ނޭންގޭ ބައެއް މުސްލިމުންވެސް އުޅެއެވެ.

ވައިޓް ހައުސްގައި ބައިޑެން ބޭއްވި ރޯދަވީއްލުން ބޮއިކަޓް ކުރުމަށް އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު ޖަމްއިއްޔާ "ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" އިންވަނީ ފާޅުގައި ގޮވާލާފައެވެ. އެހެންކަމުން މި ރޯދަ ވީއްލުމަށް އެމެރިކާގެ ފުންނާބު އުސް މުސްލިމް އެއްވެސް ލީޑަރަކު ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއަކީ މުސްލިމުންނާމެދު މުނާފިގު ގޮތްތަކެއް ގެންގުޅޭ ގައުމެކެވެ.

"ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" ބުނާގޮތުން އެމެރިކާގައި އެންމެ ބޮޑަށް އަނިޔާ ލިބޭ ބަޔަކީ އަދި އިސްލާމް ފޯބިއާގެ ޝިކާރައަކަށްވާ ބަޔަކީ މުސްލިމުންނެވެ. މިކަމާދެކޮޅަށް ނުވަތަ މިކަން ހުއްޓުވުމަށް އެމެރިކާގައި ރަސްމީގޮތުން އެއްވެސް މަސައްކަތެއް ނުކުރާކަން އެ ޖަމްއިއްޔާއިން ފާހަގަ ކުރެއެވެ.

"ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް" ގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު މިޝްއަލް ވިދާޅުވިގޮތުގައި ޣައްޒާގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައި އެ މީހުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމަށް ވާގިވެރިވާ އެމެރިކާ ސަރުކާރުން ބާއްވާ ރޯދަ ވީއްލުމެއްގައި އެމެރިކާގެ މުސްލިމުންނަކަށް ބައިވެރިއެއް ނުވެވޭނެއެވެ. ބައިވެރިވެއްޖެނަމަ އެކަންވާނީ ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ކުރެވޭ ބޮޑު ބޭއިންސާފަކަށްކަން އޭނާ ފާހަގަ ކުރައްވައެެވެ.

ވައިޓް ހައުސްގައި ބޭއްވި ރޯދަވީއްލުމަށް މުސްލިމް ލީޑަރުންގެ ގިނަ ބަޔަކު ހާޒިރު ނުވުމުން ބައިޑެން އާއި އޭނާގެ ޓީމު މާ ޔޫސްވެފައި

ވައިޓް ހައުސްއިން ފުރަތަމަ އުޅުނީ އެމެރިކާގެ މުސްލިމް ލީޑަރުންނާއި އެމެރިކާގައި ތިއްބަވާ އިސްލާމީ ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭގޮތަށް ވަރަށް ބޮޑު އިޖްތިމާއީ ރޯދަވީއްލުމެއް ވައިޓް ހައުސްގެ ގޯތި ތެރޭގައި ބާއްވާށެވެ. ނަމަވެސް އެމެރިކާގެ މުސްލިމް ލީޑަރުން މި ރޯދަވީއްލުން ބޮއިކަޓް ކުރުމުން ބައިޑެންއަށް ޖެހިވަޑައިގަތީ ހަމައެކަނި އެމެރިކާ ސަރުކާރުގައި މުސްލިމް މުވައްޒަފުން ބައިވެރިކޮށްގެން ވަރަށް ކުޑަ ރޯދަވީއްލުމެއް ވަރަށް ވަނދު ގޮތަކަށް ބާއްވާށެވެ.

މި ރޯދަވީއްލުމަށް ދިޔަ އެމެރިކާގެ ފަލަސްތީނު ދަރިކޮޅުގެ ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރު ޘާއިރު އަހްމަދު ބުނިގޮތުގައި އޭނާ އެ ރޯދަވީއްލުމަށް ދިޔައީ އިސްރާއީލުން ބޮންއަޅައި ޔަތީމް ކޮށްލާފައިވާ ޣައްޒާގެ ތުއްތު ކުދިންގެ ފަރާތުން ރައީސް ބައިޑެންއަށް ސިޓީއެއް އެރުވުމަށެވެ.

ޑޮކްޓަރު ޘާއިރު އަހްމަދަކީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅަމުން ދިޔައިރުވެސް ޣައްޒާގެ އެތައް ހޮސްޕިޓަލެއްގައި މަސައްކަތް ކޮށްފައިވާ ޑޮކްޓަރެކެވެ. އަހްމަދު މިވަގުތު އެމެރިކާގައި ހުރި ނަމަވެސް ކުރިޔަށް އޮތް ދެ ހަފުތާ ތެރޭގައި އަނެއްކާވެސް ޣައްޒާއަށް ގޮސް ޣައްޒާގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް