ކުޑަ އީދުގައި ފެންއަރުވާ ވަޑާން އަލުން ހުޅުވަނީ

ފެންއަރުވާ ވަޑާން މަރާމާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ---

ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން އަންނަ ކުޑަ އީދުގައި އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ކުރިން އެ މިނިސްޓްރީން ބުނީ މި ރަމަޟާން މަހަށް ފެން އަރުވާ ވަޑާން ހުޅުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާ ވަމުން ދިޔަ ފެން އަރުވާ ވަޑާން ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޙާއްސަ އެދިވަޑައިގަތުމަކަށް މަރާމާތުކޮށް، ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީއިން ހަދާފައިވާ އެ ފެން އަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. އެ ތަން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.

ދެހާސް ބާވީސް ވަނަ އަހަރު، މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައި ރައީސް މުއިއްޒު ވަނީ، އޭރު އޮތް ސަރުކާރުން އެއްވެސް ވަރަކަށް ފެންއަރުވާ ވަޑާން ބަލަހައްޓާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް