ދުރުގައި ވާން ނޭދުނަސް ހިތް... 02

އެހެން ހުއްޓާ ޖެހެމުން ދިޔަ ވައިރޯޅިތަކުން އޭނާގެ ކަންފަތާ ހަމައަށް ފޯރުކޮށްދިނީ ވޭނާ ކެކުޅުން އެކުލެވޭ އެ އަންހެން ކުއްޖާގެ މަޑުމަޑު ގިސްލުމުގެ އަޑެވެ.

އެ އަޑު ކަންފަތުގައި ޖެހުމާއެކު, އިޝްފާންގެ ގައިން ހީބިހި ނަަގައިގެން ދިޔައެވެ. އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔަކަން ގައިމެވެ. އެފަދަ ގިސްލުމެއްގެ އަޑު މީގެ ކުރިންވެސް އޭނާއަށް އިވިފައިވެއެވެ. އެހާ ބޮޑު އަސަރެއް އިޝްފާންއަށް ކުރީ އެހެންވެގެން ކަންނޭނގެއެވެ. އެ ގިސްލުމުގެ އަޑާއެކު މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑީގައި، ތަސްވީރުވާން ފެށިއެވެ. އެއާއެކު ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ފަސް އެނބުރިލިއެވެ. ސޯފާތަކުގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ވޭޕާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެ ނަގާ ތުމުގައި ޖައްސާލަމުން އޭނާ އަނެއްކާވެސް ގޮސް ކުޑަ ދޮރުގެ ކައިރީގައި ހުއްޓުނެވެ. އޭރުވެސް އެ ކުއްޖާ އެތަނުގައި އެ އިން ގޮތަށް އިނެވެ. އެ އަންހެން ކުއްޖާއާ މެދު އިޝްފާންގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން އޭނާގެ ހިތް ގޮވަމުން ދިޔަ ގޮވުމުގެ އަޑު ގަދަވެލިއެވެ. އެހާ ހިތްދަތިކަމެއް އެ ކުއްޖާއަށް ލިބިފައިވަނީ ކާކުގެ ފަރާތުން ހެއްޔެވެ؟ މިހާ ދަންގަނޑިއެއްގައި އެފަދަ ގޮތަކަށް ރުއިމަށް އެ ކުއްޖާއަށް މަޖުބޫރުކުރުވާފައިވަނީ ކޮން ޙާލަތެއް ހެއްޔެވެ؟ އެ ކުއްޖާ ތަޙައްމަލު ކުރަމުން އެ ދަނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ކޮން ފަދަ ވޭނެއް ހެއްޔެވެ؟ އަޅާލާނެ އިތުރު މީހަކު ވެސް ނެތީބާވައެވެ؟ އެ ކަރުނައާއި ގިސްލުންތަކުގެ އަޑުން އެގޭގެ އިތުރު މީހަކަށްވެސް އަސަރެއް ނުކުރަނީހެއްޔެވެ؟ ތަފާތު ސުވާލުތައް އިޝްފާންގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ.

އެތައް އިރަކު އެތަނުގައި އިޝްފާން ހުރިއިރުވެސް އެ ކުއްޖާ ނުތެދުވިއެވެ. އެހެންނަމަވެސް، މިހާރު ގިސްލުމުގެ އަޑު ވަނީ މަޑުވެފައެވެ. ހީވަނީ، ރޮއި ރޮއި ވަރުބަލިވީހެންނެވެ. ފާޚާނާއަށް ވަދެލަން ވެގެން އިޝްފާން ގޮސް އެންމެ ފުރަތަމަ ޖެހުނު ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ވަނީ އެ ކުއްޖާގެ ޚިޔާލުތަކެވެ. ފާޚާނާއިން ނުކުމެފައި، ނިކަން އަވަސް އަވަހަށް ގޮސް ކޮޓަރިން ނުކުމެފައި އޭނާ އަނެއްކާވެސް ދިޔައީ ކުޑަ ދޮރު ކައިރިއަށެވެ. އެހެންނަމަވެސް، މިހާރު އެ ކުއްޖާ އެތަނަކު ނެތެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު، އިޝްފާންވެސް ކުޑަ ދޮރު ތަޅުލާފައި ގޮސް ސޯފާގައި ޖައްސާލިއެވެ. އެ ކުއްޖާގެ ޚިޔާލުތަކުގެ ސަބަބުން ކަންނޭނގެއެވެ. ބަނޑުހައިވެފައި ހުރި ވަރު ވެސް އިޝްފާންގެ ހަނދާނަކުނެތެވެ. ނިދަން އުޅެ އުޅެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ހީވަނީ އެ ގިސްލުންތަކުގެ އަޑު އޭނާގެ ކަންފަތް ދޮށުގައި ގުގުމާހެންނެވެ. އެތަނުގައި އޮތް ކުޝަން ނަގާ މޫނު ނިވާކޮށްލަމުން، އިޝްފާން ދެލޯ މަރާލިއެވެ.

ހެނދުނު އެރި އިރާއެކު އިޝްފާންގެ ފޯނު އަނެއްކާވެސް ރިންގުވިއެވެ. މާގިނައިން ގުޅަން ފެށުމުން ފޯނު ނިއްވާލަމުން ސޯފާއިން ތެދުވެލިއެވެ. ދަބަސް ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ފެންވަރަން ބޭނުންވާ އެއްޗެހި ނެގިއެވެ. އެއަށްފަހު އެ އެއްޗެހި ހިފައިގެން ގޮސް އޭނާ ފާޚާނާއަށް ވަނެވެ.

ފެންވަރާލައިގެން ނުކުމެ ސޯޓަކާއި ޓީޝާޓެއް ލައިގެން އޭނާ ކުޑަކޮށް ތައްޔާރުވެލިއެވެ. އޭރު ގަޑިން ހަތެއް ޖަހަނީއެވެ. ވޮލެޓް ނަގާ ސޯޓުގެ ޖީބަށް ލަމުން، އޭނާ އަވަސްވެގަތީ ބޭރަށް ދިޔުމަށެވެ. ގެއިން ނުކުމެ ދޮރު ތަޅުލާފައި، އިޝްފާން ހިނގައިގަތީ އަވަށު ތެރެއަށެވެ. ވާރޭ ހުއްޓާލާފައިވީ ނަމަވެސް، ފަޒާގައި ވަނީ އާދަޔާ ޚިލާފު ފިނިކަމަކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގައި އޭރުވެސް ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ވެއެވެ. އުޑުމަތީގައި ވިލާ މާ ބޯ ނޫންނަމަވެސް، ފެންނަނީ ބަނަކޮށެވެ.

އެ ހިސާބުގައި ފިހާރަގަނޑެއް ހާ ހިސާބުވެސް ނެތެވެ. ނަސީބަކުން އެހާ ދުރަށް ނުދަނީވެސް އިޝްފާންގެ ލޮލުގައި ފިހާރައެއް އަޅައިގަތެވެ. އޭނާ ގޮސް އެތެރެއަށް ވަނުމާއެކު، އެތަނުގައި އިން މެދު އުމުރުގެ ސޭޓު މީހާ ފާޑަކަށް އޭނާއަށް ބަލަން ފެށިކަން އިޝްފާންއަށް އިޙްސާސްވުމުން، އެކަމާ އަޅާނުލަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އޭނާއަށް ކެތްކުރެވުނީ ބޭނުންވާ އެއްޗެހި ނަގައިގެން ކައުންޓަރާ ހިސާބަށް ދެވެންދެނެވެ.

"މަ ނޫޅެމޭ މި އެއްޗެހި ނަގައިގެން ފައިސާ ނުދައްކާ ދާކަށް." އެ މީހާ އޭނާއަށް އެ ބަލަނީ ކީއްވެގެންކަން އެނގޭ ޙާލު އިޝްފާންގެ ދުލުން އެ ބަސްތައް ނުކުތީ ހަރުކަށިކޮށެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އެހެންނަމަވެސް، ބޭއިޚްތިޔާރުގައި އޭނާގެ ދުލުން އެބަސްތައް ނުކުތީއެވެ. އޭނާ އެހެން ބުނެލުމާއެކު، ސޭޓު ވާހަކަ ދެއްކިއެވެ.

"މިރަށަށް އާ ކުއްޖެއްތަ؟" ސޭޓު އަހާލިއެވެ.

"އާނ. އަލަށް މިއައީ…" އެ މީހާއަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ޖީބުން ނެގި ވޮލެޓުން ކޭޝް ކާޑު، އިޝްފާން ނެގިއެވެ. ސޭޓު ކާޑު މެޝިން ދިއްކޮށްލުމާއެކު، އިޝްފާން ފައިސާ ދެއްކިއެވެ. އެއަށްފަހު، ކޮތަޅުތައް ހިފައިގެން އޭނާ ފިހާރައިން ނުކުންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި ނުކުންނަން އުޅުނު ވަގުތު ފިހާރައަށް ވަންނަން އައި އަންހެން ކުއްޖާގެ ގައިގައި އޭނާ ނުޖެހުނީ ކިރިޔާއެވެ.

"ބަލައިލައިގެން އުޅެބަލަ." އިޝްފާންއަށް ރުންކުރު ރާގަކަށް ބުނެވުނެވެ.

"ސޮރީ…" އިސްޖަހާލައިގެން ހުރި ގޮތަށް ހުރެ އެ އަންހެން ކުއްޖާ މަޑުމަޑުން ބުނެލިއެވެ. އެ ނިޔަނެތި އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އިޝްފާންއަށް ރަނގަޅަށް އެ އަންހެން ކުއްޖާއަށް ބަލައިލެވުނެވެ. އަޅާފައިވަނީ ކަޅުކުލައިގެ އާދައިގެ ބުރުގާއެކެވެ. ލާފައި ހުރީ ދިގު ކަޅު ހެދުމެކެވެ. ބަލާ ބެލުމަށް އެ ކުއްޖާ ހުރީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. އިސް އުފުލާލާ އެ ކުއްޖާ އިޝްފާންއަށް ބަލައެއް ނުލައެވެ. އެ ހުރި ގޮތަށް ހުރެ އިޝްފާން ދާން ތަންދައްކަމުން އެއްފަރާތަކަށް ޖެހިލީއެވެ.

ކޮތަޅުތައް ހިފައިގެން އިޝްފާން ގޮސް ގެއަށް ވަދެފައި، އެންމެ ފުރަތަމަވެސް އަވަސްވެގަތީ ކޮފީއެއް ހެދުމަށެވެ. ބަދިގޭގައި އުނދުނާއި، ފެންކައްކާ ޖަގާއި އަވަނުގެ އިތުރުން ބަދިގޭގެ ހުރިހާ ސާމާނެއް ހުއްޓެވެ. އޭނާ ޖަގަށް ފެންއަޅާ ހޫނުކޮށްލަން ޖައްސާލިއެވެ. ފެން ހޫނުވުމުން ގެނައި ކޮތަޅުތައް ހާވާލާފައި ނެގި ކޮފީ ޕެކެޓެއް ނަގައިގެން އޭނާ ކޮފީއެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު، އެ ހިފައިގެން ނުކުމެ ފެންޑާގައި ހުރި ޖޯލީގައި ޖައްސާލިއެވެ. ވިސްނުންތަކެއްގައި އޮތް މީހެއް ފަދައިން ޖޯލީގައި އޮވެ އޭނާ ފަހަރަކު އެތި ފޮދެއް ބޮމުން ދިޔައެވެ.

އެހެން އޮވެފައި، އޭނާގެ ނަޒަރު ގޮޮސް ހުއްޓުނީ ޖެހިގެން ހުރި ގޭ ގޯތިތެރެއަށެވެ. އެއާއެކު، ރޭގެ ހާދިސާ އޭނާގެ ހަނދާނަށް އައެވެ. އެ ކުއްޖާއާ މެދު އަނެއްކާވެސް އިޝްފާންއަށް ވިސްނެން ފެށުނެވެ.

ކޮފީ ބޯލައިގެން އެތެރެއަށް ވަނުމަށްފަހު، ޖޯޑު ދޮވެލާފައި، އިޝްފާން ގަސްތުކުރީ ރަށު ތެރެ ބަލައިލަން ނުކުމެލުމަށެވެ.

ގެއިން ނުކުމެގެން ހިނގަމުން ދަނިކޮށް އެ ދިމާލަށް އަންނަމުން ދިޔަ އަންހެން ކުއްޖާ އިޝްފާންގެ ލޮލުގައި އަޅައިގަތެވެ. އިސްޖަހާލައިގެން ހުރެ ހިނގަމުން ދިޔަ ގޮތުން ހީވަނީ ކޮންމެވެސް ބޮޑު ކަމަކާ ވިސްނަމުން ދާ ހެންނެވެ.

"ޒައިނާ..." ދުވަމުން ދުވަމުން އެއްފަރާތު ގޯޅިން ނުކުތް، ޒުވާން އަންހެން ކުއްޖަކު ބާރަށް ގޮވާލުމާއެކު އެ އަންހެން ކުއްޖާ އެނބުރިލިއެވެ.

"ބާކީ ލާރި ނުލާ ތިދަނީ…" ތަންކޮޅެއް ބާރަށް އެ އަންހެން ކުއްޖާ ގޮވާލިއެވެ.

"ހަނދާންނެތުނީ އޭ…" ޒައިނާގެ އަޑު އެ ހިސާބަށް އަރާ ހަމަވި އިޝްފާންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުގައިވަނީ ހަމަ އެ މަޑުމައިތިރިކަމެވެ.

"މި ހާ ހެނދުނު ފުށް ގަންނަން ހާދަ ދުރަށް ތި ދިޔައީ.؟ އަދުނާނު ފިހާރައިގަ ނެތީތަ؟ " ޒައިނާގެ ކައިރީގައި ހުރެ، މަހާ ސުވާލުކޮށްލިއެވެ. އާއެކޭ ބުނެ ޒައިނާ ހީނލިއެވެ.

"ސޮފޫރާ އެބަ ކުދި ކިޔާ، އަދުނާނު ފިހާރައިން އެކަންޏޯ ޒައިނާ އެއްޗެހި ގަންނާނީ…" މަހާ ބުނެލިއެވެ.

"ދުރަކަށް ނުދެވޭނެއެއްނު. ވަރަށް ލަސްވޭ އެބަ. ދަނީ އިނގޭ." މަހާއަށް ޝުކުރު އަދާކޮށްފައި ޒައިނާ ގެއާ ދިމާލަށް ހިނގައިގަތެވެ.

ހިނގަމުން ހިނގަމުން ގޮސް އިޝްފާން ނުކުމެލީ ބަނދަރާ ދިމާލަށެވެ. އަތިރިމަތީގައި ހުރި ހޮޅުއަށިތަކުގައި މުސްކުޅި ފުރައިގެ ބަޔަކު ވާހަކަ ދައްކަން ތިއްބެވެ. އެހެންނަމަވެސް، މާ ގިނަ މީހުން މަގުމައްޗަކުން ނުފެނެއެވެ. ރަށުތެރޭގައި އުޅެލާފައި އޭނާ ގެއަށް ދިޔައިރު ދިހައެއް ޖަހަނީއެވެ. ކައްކާ ބަޔަށް ވަދެ ކޮތަޅުތައް ހާވާލާފައި ނެގީ ކަޕް ނޫޑުލްސްއެކެވެ. ހޫނު ފެން އަޅައިގެން އެ ހިފައިގެން ގޮސް ސޯފާގައި އިށީނދެ ޓީވީ އަޅުވާލިއެވެ. ޓީވީން އެޅުވުނީ ދިވެހި ޗެނަލެކެވެ. އެވަގުތު ފެނުނު މީހެއްގެ ސަބަބުން އިޝްފާންގެ މޫނު ބަނަވެގެން ދިޔައެވެ. ވަގުތުން ޓީވީ ނިއްވާލާފައި، ސޯފާމައްޗަށް ރިމޯޓުވެސް އެއްލާލިއެވެ. ހީވަނީ އެއީ އެވަގުތު ފެންނަން އެންމެ ބޭނުން ނުވި މަންޒަރު ހެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު، ލީ ފުން ނޭވާއާއެކު، ހަމަޖެހިލަމުން ކަޕްނޫޑުލްސް ތަށި ނަގާ ކާން ފެށިއެވެ.

އިޝްފާން އޭނާގެ ފޯނު ހުޅުވާލީ އިރުއޮއްސި ބަންގިވެސް ގޮވި ފަހުންނެވެ. ނުކުމެ ފެންޑާގައި ހުރި ޖޯލީގައި އޮށޯވެގެން އޮތްއިރު، އޭނާގެ ހަށިގަނޑަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވަމުންދިޔައެވެ. ގަޔަށް ފާޑެއްގެ ހޫނެއް އަރާހެންވެސް ހީވެއެވެ. ފިނިވާހެން ހީވެއެވެ. ފޭސްބުކް ނިއުސް ފީޑް ސްކްރޯލް ކުރަމުން ދަނިކޮށް ފެނުނު ޕޯސްޓެއްގެ ސަބަބުން އިޝްފާންގެ ތަބީޢަތަށް މިފަހަރުވެސް ބަދަލު އައެވެ.

ފޯނު މޭމަތީގައި ބާއްވާލަމުން ދެލޯ މަރާލަމުން ބޮލުގައި ދެ އަތް ޖައްސާލައިގެން އިޝްފާން އޮތެވެ. އޭނާގެ ސިކުނޑީގައި ދައުރުވަނީ ކޮންފަދަ ޚިޔާލުތަކެއްކަން ދެގެނަންނަން ނޭނގުނު ނަމަވެސް، އޭނާ އެ އޮތީ ވަރަށް ފުން ވިސްނުމެއްގައި ކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ހުޅިގަނޑު ނައްޓާލަމުން ދިގު އިސްތަށިގަނޑު ދޫކޮށްލަމުން އިޝްފާން ބޮލުގައި އަތް ހިންގާލިއެވެ. ހީވަނީ ބޮލަށް ތަދުވާތީ އުޅޭހެންނެވެ.

ސިހުން ލިބުނީ ފޯނު ރިންގްވި އަޑަށެވެ. މޭމަތީގައި އޮތް ފޯނު ނަގާ ބަލާލުމާއެކު، އޭނާ ފޯނު ނަގާ، ކަންފަތުގައި ޖައްސާލިއެވެ.

"ހަަލޯ… ހަލޯ… އިޝްފާން.. ހަލޯ… " އެކޮޅުން އިވުނީ ޒުވާން އަންހެން ކުއްޖެއްގެ އަޑެވެ.

"އިޝްފާން… ވާހަކަ ދައްކަބަލަ… ސަލާމަތުން ދެވުނު ކަންވެސް އަންގާނުލާ. އެންމެން މި ތިބީ ކިހާ ހާސްވެފައިކަން އިޝްފާންއަށް އެނގޭތަ؟" އެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އިޝްފާންއާ މެދު ހާސްވެފައިވާ މިންވަރާ އިޝްފާންއަށްޓަކައި ބިރުގަނެފައިވާ މިންވަރު އެ އަޑުން އެކަނިވެސް އެނގެއެވެ.

"އަހަންނާ މެދު ހާސްވާނީ އެންމެ މީހަކު. އެމީހަކު އަހަންނަށް ގުޅީމަ މި ބުނަނީ… އަހަރެން މިހުރީ ސަލާމަތުން." އިޝްފާންގެ ޖުމްލަތައް ހަރުކަށިނަމަވެސް އެ އަޑުގައި ވޭނުގެ އަސަރުވެއެވެ.

"ކީއްވެ ބައްޕަ ގުޅީމަ ފޯނު ނުނެގީ. މަންމަވެސް ހުރީ ވަރަށް ހާސްވެފަ…" އެކޮޅުން އަނެއްކާވެސް ބުނެލިއެވެ.

"ސަވާ… ދީބަލަ މަންމަ އަތަށް." ފޯނުން އިޝްފާންއަށް އިވުނެވެ.

"ހަލޯ…" ސަވާގެ ފޯނުން ވާހަކަ ދެއްކި އަންހެން މީހާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު، އިޝްފާން ވަގުތުން ފޯނު ކަނޑާލިއެވެ. އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް އޭނާގެ ފޯނު ރިންގުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު