ރޯދައާބެހޭ ފިޤްހީ ބައެއް މައްސަލަތައް

ރޯދަމަހާއި އަޅުކަން: ފުރުގާން މިސްކިތުގައި މީހަކު ޤުރްއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހ- ހަނދާންނެތިގެން ރަމަޟާންމަހު ދުވާލުގެ ވަގުތެއްގައި ކެއުމާއި ބުއިން: ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ރަމަޟާންމަހުގެ ދުވާލުގެ ވަގުތެއްގައި ހަނދާންނެތިގެން ނުވަތަ ނޭނގިގެން ކެވުނުމީހާއަށް ނުވަތަ ބޮވުނުމީހާއަށް ކައްފާރާދޭކަށް ނުޖެހޭނެއެވެ. މިފަދަ މީހާގެ ރޯދަ ޞައްޙަވާނެ ހެއްޔެވެ؟ ގިނަ ދަންނަ ބޭކަލުން ވިދާޅުވާގޮތުގައި އޭނާގެ ރޯދަ ޞައްޙަވާނެއެވެ.މިބޭކަލުންގެ ދަލީލަކީ

1- ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. (( مَنْ أَكَلَ نَاسِيًا وَهُوَ صَائِمٌ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ[1]- ރޯދައަށް ހުއްޓާ ހަނދާން ނެތިގެން ކޭމީހާ ފަހެ އޭނާގެ ރޯދަ ފުރިހަމަކުރާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން މާތްﷲ އޭނާއަށް ކާންދެއްވާ ބޯންދެއްވީއެވެ.)) މި ބަސްފުޅުގައި އެ ޙަދީސްކުރައްވަނީ ރޯދަހިފުމުގައި ކުރިއަށް ދިޔުމަށެވެ. އައްޞަންޢާނީ ވިދާޅުވާގޮތުގައި މިބަސްފުޅުން އެނގެނީ އޭނާގެ ރޯދަ ނުގެއްލޭނެކަމެވެ.

2- ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. (( مَنْ أَفْطَرَ فِي شَهْرِ رَمَضَانَ نَاسِيًا، لاَقَضَاءٌ عَلَيْهِ وَلاَكَفَّارَةٌ [2] ރަމަޟާންމަހުގައި ހަނދާންނެތިގެން ރޯދަވީއްލިމީހާގެ މައްޗަށް ފަހެ، ރޯދަ ޤަޟާކުރުމެއް އަދި ކައްފާރާ ދިނުމެއްނެތެވެ.)) މިބަސްފުޅުން އެރޯދަ އަލުން ހިފަން ނުޖެހޭނެކަން އެނގެއެވެ. ރޯދަ އަލުން ހިފަން ނުޖެހެނީ އެރޯދަ ނުގެއްލޭތީއެވެ.

3- އުއްމުއިސްޙާޤުގެ އަރިހުން އިމާމުއަޙްމަދު ރިވާކުރެއްވި ގޮތުގައި އެކަމަނާ ރަސޫލުﷲގެފާނު އަރިހުގައި އިންނަވަނިކޮށް ޘަރީދު[3] ދޮލަނގެއް ވެދުމަކަށް ގެނެވުނެވެ. އެކަމަނާ އެ ދޮލަނގުން ފަރިއްކުޅުއްވިއެވެ. އެ މަޖިލީހުގައި ޛުލްޔަދައިނިވެސް އިންނެވިއެވެ. ރަސޫލުﷲގެފާނު އޭގައި އޮތް ކަށިގަނޑެއް ދިއްކޮށްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އޭ! އުއްމު އިސްޙާޤޭވެ! މިއިން އެތިކޮޅެއް ނަގާށެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެން އިނީ ރޯދައަށްކަން، ހަނދާންވިއެވެ. އެވަގުތު އަހުރެންގެ އަތް ކުރިއަކަށްވެސް އަދި ފަހަތަކަށްވެސް ނުދިޔައެވެ. ނަބީކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިހިނެއްވީ ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. އަޅުގަނޑު މި ހުރީ ރޯދައަށެވެ. އެހިނދު ޛުލްޔަދައިނި ވިދާޅުވިއެވެ. ދެން މިހާރު ބަނޑުފުޅު ބޮޑުވުމަށް ފަހުގައި ތޯއެވެ؟ ފަހެ، ރަސޫލުﷲގެފާނު އެކަމަނާއަށް ޙަދީސްކުރެއްވިއެވެ. ތިބާގެ ރޯދަ ފުރިހަމަ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ މާތްﷲ ތިބާގެ ގާތަށް ގެނެސްދެއްވި ރިޒްޤެކެވެ.))[4]

ށ- ރަމަޟާންމަހުގެ ދުވާލުގެ ވަގުތެއްގައި ގަސްތުގައި ކެއުމާއި ބުއިން: އެއްވެސް ޢުޛްރަކާނުލައި ރަމަޟާންމަހުގެ ދުވާލުގެ ވަގުތެއްގައި ކައިބޮއި ހަދާމީހާގެ މައްޗަށް ކައްފާރާ ވާޖިބުވުމުގެ މަސްއަލާގައި ދަންނަ ބޭކަލުންގެ ރައުޔު ތަފާތެވެ.

1- ފުރަތަމަ ރައުޔު: އެއްވެސް ޢުޛްރެއްނެތި ރަމަޟާންމަހު ކައިގެން ނުވަތަ ބޮއިގެން ރޯދަވީއްލިމީހާގެ މައްޗަށް ކައްފާރާ ވާޖިބުވާނެއެވެ. މިއީ ހަނަފީންނާއި މާލިކީންގެ ބަހެވެ. ޢަޠާއާއި އައްޘަވްރީއާއި އަލްއަވްޒާޢީއާއި އިސްޙާޤާއި އަބޫ ޘަވްރުވެސް ވިދާޅުވެފައިވަނީ މި ގޮތަށެވެ.[5] މި ބޭކަލުންގެ ދަލީލަކީ

ހ- އަބޫހުރައިރަތުގެފާނު އަރިހުން އައްދާރުޤުޠުނީ ރިވާކުރައްވާފައިވާ ގޮތުގައި ރަމަޟާންމަހުގެ ދުވަހެއްގައި ރޯދަވީއްލިމީހަކު ރަސޫލުﷲގެފާނު އަރިހަށް ދިޔުމުން އޭނާއަށް އަޅަކު މިނިވަންކުރުމަށް ނުވަތަ ދެމަސްދުވަހު ވިދިވިދިގެން ރޯދަހިފުމަށް ނުވަތަ 60 މިސްކީނުންނަށް ކާންދިނުމަށް ރަސޫލުﷲގެފާނު، އޭނާއަށް އަމުރު ކުރެއްވިއެވެ.

ށ- އަދިވެސް ޙަދީޘްކުރެއްވިއެވެ. (( مَنْ أَفْطَرَ فِي شَهْرِ رَمَضَانَ متعمدا فعليه ما على المظاهر-[6] ރަމަޟާންމަހު ގަސްތުގައި ރޯދަ ވީއްލިމީހާ، ފަހެ އޭނާގެ މައްޗަށް ޡިހާރުކުރިމީހާގެ މައްޗަށް އޮތް (ކައްފާރާ) އޮންނާނެތެވެ.))

މި ދެ ޙަދީސާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވާގޮތޮގައި މި ދެ ޙަދީޘުގެވެސް ސަނަދު ޞައްޙައެއް ނޫނެވެ. ދެވަނަ ޙަދީޘާ ބެހޭގޮތުން ޒައިލަޢީ ވިދާޅުވަނީ އެއީ [ޣަރީބު] ޙަދީޘެއް ކަމަށެވެ.

2- ދެވަނަ ރައުޔު: ޢުޛްރަކާ ނުލައި ރަމަޟާންމަހު ކައިގެން ނުވަތަ ބޮއިގެން ރޯދަވީއްލިމީހާގެ މައްޗަށް ކައްފާރާ ވާޖިބެއްނުވާނެއެވެ. މިއީ ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބާއި ޡާހިރީމަޛްހަބެވެ. ސަޢީދު ބިން ޖުބައިރާއި، އައްނަޚްޢީއާއި އިބްނު ސީރީން ވިދާޅުވަނީ މިގޮތަށެވެ. [7] މިބޭކަލުން ވިދާޅުވާގޮތުގައި ޝަރްޢުގައި އައިސްފައިވަނީ އެއްދާނުކުރާ ވާހަކައެވެ.

ރޯދަ ޤަޟާކުރުން

ޤަޟާކުރުމަކީ އަޅުކަމެއް ކުރުމަށް ޝަރްޢުގައި ކަނޑަ އަޅުއްވާފައިވާ ވަގުތު ފާއިތުވި ފަހުން، އެ ކަމެއް ކުރުމެވެ.

ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރަމަޟާން މަހުގައި ތިމާއަށް (ސަބަބަކާ ލައިގެން ވިޔަސް، އަދި ސަބަބަކާނުލައި ވިޔަސް) ނުހިފުނު ރޯދަތައް، ރަމަޟާންމަސް ނިމުމުން ހިފަން (ޤަޟާކުރަން) ޖެހޭނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌[8]- ފަހެ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.)) ޢާއިޝަތުގެފާނު ވިދާޅުވިއެވެ. (( كنا نحيض عَلَى عَهْدِ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ نَطْهُرُ فَيَأْمُرُنَا بِقَضَاءِ الصِّيَامِ وَلاَ يَأْمُرُنَا بِقَضَاءِ الصَّلاَةِ[9]- އަހުރެމެން ރަސޫލުﷲގެފާނު -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-ގެ ޒަމާނުގައި ޙައިޟުވަމުއެވެ. ދެން ޠާހިރުވަމުއެވެ. ފަހެ، އެކަލޭގެފާނު އަހުރެމެންނަށް ރޯދަ ޤަޟާކުރުމަށް އަމުރުކުރެއްވިއެވެ. އެހެނަސް އެކަލޭގެފާނު އަހުރެމެންނަށް ނަމާދު ޤަޟާކުރުމަށް އަމުރެއް ނުކުރައްވައެވެ.))

ހަމައެފަދައިން ކައްފާރައިގެ ގޮތުގައި ނުވަތަ ނަދުރުގެ ގޮތުގައި ހިފަންޖެހޭ ރޯދައެއް ގެއްލިއްޖެނަމަ، އެ ރޯދައެއްވެސް ޤަޟާކުރަން ޖެހޭނެއެވެ.

އިބްނު ޢުމަރާއި އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި މާބަނޑުމީހާއާއި ކިރުމައިމީހާއަށް ރަމަޟާންމަހުގައި ނުހިފުނު ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ. އެ ދެމީހުންނަށް ނުހިފުނު ރޯދަތަކަށް ދޭނީ ފިދްޔައެވެ.[10] ރޯދަ ޤަޟާކުރުމުގެ ވަގުތާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތެވެ.

1- ރޯދަ ޤަޟާކުރުން ބޭނުން ވަގުތަކަށް އެއްވެސް ޤައިދެއް ނެތި، ފަސްކުރެވިދާނެއެވެ. މިއީ ޙަނަފީންނާއި ޡާހިރީންގެ ރައުޔެވެ. ޙަންބަލީ މަޛްހަބުގެ ރައުޔުތަކުގެ ތެރޭގައިވެސް މިބަސް ހިމެނެއެވެ. މި ބޭކަލުންގެ ދަލީލަކީ ﷲގެ ބަސްފުޅު (( فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌[11]- ފަހެ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.)) އެހެންކަމުން މި ބޭކަލުން ވިދާޅުވާގޮތުގައި އަނެއް އަހަރުގެ ރަމަޟާންމަސް އަންނަންދެން ކުރީއަހަރުގެ ރަމަޟާންމަހުގެ ރޯދަހިފުން ފަސްކުރިއަސް ފިދްޔަދޭކަށް ނުޖެހޭނެއެވެ. މިބޭކަލުން ވިދާޅުވާގޮތުގައި ރަމަޟާންމަހުގެ ރޯދަތަކެއް އޮއްވާ ސުންނަތް ރޯދަވެސް ހިފޭނެއެވެ. އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖެނަމަ ފުރަތަމަ ހިފާނީ އަދާއަށް ހިފަންޖެހޭ ރަމަޟާންމަހުގެ ރޯދަތަކެވެ.

2- ރަމަޟާންމަހުގެ ފާއިތުވި ރޯދަތައް ޤަޟާކުރުން ބޭނުން ވަގުތަކަށް، ފަސްކުރެވިދާނެއެވެ. ނަމަވެސް އަނެއްއަހަރުގެ ރަމަޟާން މަސް އައުމުގެކުރިން މިރޯދަތައް ޤަޟާކުރަން ޖެހޭނެއެވެ. އެހެން ނޫނީ، މިރޯދަތައް ޤަޟާކުރުން ފަސްކުރިކަމަށްޓަކައި ފިދްޔަ ދޭންޖެހޭނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ. މިއީ މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ބަހެވެ. އަދި ޙަންބަލީންގެ ރައުޔުގައި މަޝްހޫރު ވެގެންވަނީ މިގޮތެވެ.[12] އިބްނުޢައްބާސާއި އިބްނުޢުމަރާއި އަބޫ ހުރައިރަތުގެފާނު ވިދާޅުވާގޮތުގައި، ފާއިތުވި ރަމަޟާންމަހުގެ ރޯދަތަކުން ރޯދައެއް ހިފަން އޮއްވާ އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖެނަމަ، ޤަޟާކޮށްފައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭންވާނެއެވެ. ޖުމްހޫރުން ވިދާޅުވާގޮތުގައި ޢުޛްރެއްނެތި އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖައުމަށް ދާންދެން އެރޯދަތައް ޤަޟާނުކޮށްހުރި މީހާއަށް ރޯދަތައް ހިފުމަށްފަހު ފިދްޔަދޭން ޖެހޭނެއެވެ. މި ބޭކަލުން ވިދާޅުވާގޮތުގައި ފަރްޟު ރޯދަ ޤަޟާނުކޮށް ސުންނަތް ރޯދަހިފައިގެން ނުވާނެއެވެ.

ފިދްޔަ ދިނުމާބެހޭ ޙުކުމްތައް

ފިދްޔައަކީ މުކައްލަފަކާ ކުރިމަތިވާ ނުރަނގަޅު ކަމަކުން ސަލާމަތް ވުމަށްޓަކައި ބަދަލުގައި ދައްކާ އެއްޗެކެވެ. ރޯދައިގެ ވާހަކައިގައި ފިދްޔައަކީ ކުޑަ ކައްފާރާއެވެ. އެއީ ރަމަޟާން މަހުގައި ރޯދައަށްހުރެ ގަސްތުގައި އެއްދާނުކުރުމުން ދައްކާ ބޮޑު ކައްފާރާއާ ތަފާތު ކުރުމަށްޓަކައެވެ. ފިދްޔަގެ މިންވަރާމެދު ދަންނަ ބޭކަލުންގެ މެދުގައި ރައުޔު ތަފާތެވެ.

1- ފުރަތަމަ މަޛްހަބު: ފިދްޔަގެ މިންވަރަކީ ކޮންމެ ދުވަހަކަށް މުއްދެކެވެ. މުއްދަކީ ޞާޢެއް[13]ގެ ހަތަރުބައިކުޅަ އެއްބައެވެ. އެހެންކަމުން އެއީ 600 ގްރާމެވެ.[14] މިއީ ޖުމްހޫރުންގެ ބަހެވެ. މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން ހިމެނެނީ މީގެ ތެރޭގައެވެ.

2- ދެވަނަ މަޛްހަބު: ފިދްޔަގެ މިންވަރަކީ ކޮންމެދުވަހަކަށް ކަދުރުން ނުވަތަ ހިމަގޮދަނުންނަމަ ޞާޢެކެވެ. އެއީ ދަންނަ ބޭކަލުން މިންވަރު ކުރައްވާ ގޮތުގައި 2.4 ކީލޯގްރާމުގެ ގޮދަނެވެ.

3- ފިދްޔައަކީ ރަމަޟާންމަހުގެ ފަރްޟު ރޯދައަށް ޚާއްޞަ އެއްޗެކެވެ. ހުރިހާބޭކަލުންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދައިގައި ފިދްޔަ އެއް ނޯންނާނެއެވެ.

4- ފިދްޔަ ބެހެނީ ތިންބަޔަކަށެވެ. އެއީ ފަސްކުރުމުގެ ފިދްޔައާއި (فدية التأخير)، މާތްކަމުގެ ފިދްޔައާއި (فدية الفضيلة) އަޞްލު ރޯދައިގެ ފިދްޔަ (فدية أصل الصوم) އެވެ.

ފަސްކުރުމުގެ ފިދްޔަ

ފަސްކުރުމުގެ ފިދްޔައަކީ މީހެއްގެ މައްޗަށް ހިފުން ވާޖިބު ވެފައިވާ ރޯދައެއް (ރަމަޟާންމަހު ގެއްލިފައިވާ ރޯދަ، ނުވަތަ ކައްފާރާ ރޯދަ ނުވަތަ ނަދުރުރޯދަ) ޢުޛްރަކާނުލައި، ހިފުން ފަސްކުރުމުގެ ސަބަބުން ދައްކަންޖެހޭ ފިދްޔައެވެ. ރޯދަހިފުން ފަސްކުރުން ހުއްދަ ޢުޛްރެއް އޮވެގެން[15] ރޯދަހިފުން ފަސްކުރިމީހާއަށް ފިދްޔަދޭކަށް ނުޖެހޭނެއެވެ.

1- ރަމަޟާންމަހުގެ ރޯދައެއް އަނެއް ރަމަޟާންމަސް އަންނަންދެން ފަސްކުރުން: ޖުމްހޫރުން ވިދާޅުވާ ގޮތުގައި އެއްވެސް ޢުޛްރެއްނެތި ރަމަޟާންމަހުގެ ރޯދައެއް އަނެއް ރަމަޟާންމަސް އަންނަންދެން ޤަޟާކުރުން ފަސްކޮށްފިނަމަ ކޮންމެ ރޯދައަކަށް މުއްދެއްގެ މިންވަރު ފިދްޔަގެ ގޮތުގައި ދޭންޖެހޭނެއެވެ. މިއީ މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީ މަޛްހަބުގައި އޮތްގޮތެވެ. މި ބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސާއި އިބްނުޢުމަރާއި އަބޫހުރައިރަތުގެފާނުގެ ބަސްފުޅެވެ. މިބޭކަލުން ވިދާޅުވާގޮތުގައި ފިޤްހުވެރި ޞަޙާބީން މިގޮތަށް ވިދާޅުވަނީ ރަސޫލާގެ އަރިހުން އެގޮތަށް އެނގިވަޑައިގަންފައިވާތީއެވެ. ނަމަވެސް ޙަނަފީން ވިދާޅުވާގޮތުގައި އަނެއް އަހަރުގެ ރަމަޟާންމަހާ ހަމައަށް އައުމަކުން ފިދްޔަދޭކަށް ނުޖެހޭނެއެވެ. ޙަނަފީންގެ ދަލީލަކީ ފިދްޔަ ދޭން ޖެހެނީ ނުކުޅެދުންތެރިންނަށެވެ. މި މީހާ ރޯދަ ފަސްކުރީ ނުކުޅެދުންތެރިވެގެންނެއްނޫނެވެ. މިބޭކަލުންނަށް ރައްދުދެއްވާ ބޭކަލުން ވިދާޅުވާ ގޮތުގައި އަނެއް ރަމަޟާންމަހާ ހަމައަށް ރޯދަ ފަސްކުރުމަކީ ނުކުޅެދުންތެރިކަން ހާމަކޮށްދޭ ކަމެކެވެ.

2- ޢުޛްރެއްނެތި ވާޖިބު ރޯދައެއް ހިފުން ފަސްކޮށް ހުއްޓާ އެމީހާ މަރުވުން: ޙަނަފީން ވިދާޅުވާ ގޮތުގައި އޭނާ އެކަމަށް ވަޞިއްޔަތް ނުކުރާނަމަ ފިދްޔަދޭކަށް ނުޖެހޭނެއެވެ. އެއީ މިކަމުގައި އޭނާގެ ނިޔަތަށް ބޭނުންވާތީއެވެ. އެކަމަކު ޖުމްހޫރުން[16] ވިދާޅުވާ ގޮތުގައި ވަޞިއްޔަތް ނުކުރިއަސް އޭނާގެ ތަރިކައިން މިފިދްޔަ ދައްކަން ޖެހޭނެއެވެ. އެއީ ﷲގެ ދަރަންޏަކަށްވާތީއެވެ. އެހެން ދަރަނިތަކަށްވުރެ ﷲގެ ދަރަނި އަދާކުރުމުގައި އަވަސްވެގަތުން މާ އަވްލާކަން ބޮޑެވެ.

3- މަރުވިމީހާގެ ވަލީވެރިއާ ރޯދަ ހިފުން: މަރުވިމީހާ ހިފަން ޖެހިފައިވާ ރޯދަ އޭނާގެ ވަލީވެރިއާއަށް ހިފިދާނެ ހެއްޔެވެ؟ ޙަނަފީންނާއި މާލިކީންނާއި ޝާފިޢީ އައު މަޛްހަބާއި ޙަންބަލީން ވިދާޅުވާގޮތުގައި ވަލީ ވެރިއާއަކަށް އެ ރޯދައެއް ނުހިފޭނެއެވެ. އެއީ އޭނާ ދުނިޔޭގައި ހުރިއިރު އޭނާގެ ބަދަލުގައި އެހެންމީހަކަށް އެކަންކުރުން ހުއްދަވެގެން ނުވާތީއެވެ. ޝާފިޢީ ބައު މަޛްހަބު ބުނާގޮތުގައި ވަލީވެރިއާއަށް އެރޯދަތައް ހިފިދާނެއެވެ. ނަވަވީގެފާނާއި ޙަންބަލީ މަޛްހަބުގެ އަބުލްޚައްޠާބުގެ ރައުޔަކީ މިއެވެ. މިބޭކަލުންގެ ދަލީލަކީ ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘެވެ. (( مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ[17]- ރޯދައެއް ހިފަންޖެހިފައިވާ މީހަކު މަރުވެއްޖެނަމަ، ފަހެ، އޭނާގެ ކިބައިން އޭނާގެ ވަލީވެރިއާ އެ ރޯދަހިފާހުށިކަމެވެ.))

މާތްކަމުގެ ފިދްޔަ: މިއީ، ވަގުތުގެ މާތްކަން ދޫކޮށްލުމުގެ ސަބަބުން ދައްކަންޖެހޭ ފިދްޔައެވެ. މިއީ މާބަނޑުމީހާއާއި ކިރުމައިމީހާ، ރޯދަހިފުމުގެ ސަބަބުން އެކަނބަލުންގެ ދަރިއަކަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރުން ރޯދަހިފުން ދޫކޮށްލުމުގެ ސަބަބުން ދައްކަންޖެހޭ ފިދްޔައެވެ.

ހ- ޙަންބަލީންނާއި ޝާފިޢީ މަޛްހަބުގައި[18] އެންމެ ސާފުކަން ބޮޑުގޮތުގައި ދަރިފުޅުދެކެބިރުން ރޯދަނުހިފި މާބަނޑު މީހާއާއި ކިރުމައިމީހާ އެރޯދަ ޤަޟާކުރުމާއެކު ފިދްޔަ ދޭންޖެހޭނެއެވެ. އިބްނު ޢައްބާސާއި އިބްނު ޢުމަރުގެ ބަހަކީ މިއެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި (( وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ [19]- އުދަނގޫ ކަމާއެކު އެކަމަށް ކުޅަދާނަވެގެންވާ މީހުންގެ މައްޗަށްއޮތީ، ރޯދަ ދޫކޮށްލުމާއެކު ފިދްޔަދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ.)) މިއާޔަތް މަންސޫޚެއް ނުކުރައްވައެވެ. އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި މާބަނޑުމީހާއާއި ކިރުމައިމީހާ އެކަނބަލުންގެ ނަފްސުގެ މައްޗަށް ނުވަތަ ދަރިންގެ މައްޗަށް ބިރުގަންނަނަމަ އެކަނބަލުންނަށްވެސް ރޯދަހިފުން ދޫކޮށްލެވޭނެއެވެ. އަދި އޭގެ ބަދަލުގައި ފިދްޔަ ދެވޭނެއެވެ. އިބްނު ޢައްބާސާއި އިބްނު ޢުމަރު ވިދާޅުވާ ގޮތުގައި، މާބަނޑުމީހާއާއި ކިރުމައިމީހާ އެކަނބަލުންގެ ދަރިންގެ މައްޗަށް ބިރެއް އޮވެއްޖެނަމަ ރޯދަހިފުން ދޫކޮށްލާނީއެވެ. އެއަށްފަހު މި ރޯދަތައް ޤަޟާކޮށް ފިދްޔަ ދޭނީއެވެ. މިފިދްޔައަކީ ރަމަޟާންމަހުގެ މާތްކަމަށްޓަކައި އޭގެ ބަދަލުގައި ދައްކާ އެއްޗެކެވެ. އިބްނުޤުދާމާ ވިދާޅުވާގޮތުގައި މިކަމުގައި ޞަޙާބީންގެ މެދުގައި އެއްވެސް ދެބަސްވުމެއްނެތެވެ. އިބްނު ޢައްބާސްގެ އަރިހުން، އަބޫދާވޫދު ރިވާކުރައްވާ ގޮތުގައި (( މާބަނޑުމީހާއާއި ކިރުމައިމީހާ ދަރިންގެ މައްޗަށް ބިރުގަންނަނަމަ ރޯދަހިފުންދޫކޮށްލައި ފިދްޔަ ދޭނީއެވެ.))[20]

ށ- ޙަނަފީންނާއި ޝާފިޢީ މަޛްހަބުގެ ބައެއްބޭކަލުން ވިދާޅުވާ ގޮތގައި، ދަރިފުޅުދެކެ ބިރުން ރޯދަނުހިފި މާބަނޑުމީހާއާއި ކިރުމައިމީހާ އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.[21] ފިދްޔަދިނުމުން ނިމުނީއެވެ. މި ބޭކަލުންގެ ދަލީލަކީ (( إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ الصَّوْمَ وَشَطْرَ الصَّلاَةِ، وَعَنِ الْحُبْلَى وَالْمُرْضِعِ[22]- ހަމަކަށަވަރުން މާތްﷲ ދަތުރުވެރިޔާގެ ކިބައިންނާއި މާބަނޑުމީހާއާއި ކިރުމައިމީހާގެ ކިބައިން ރޯދަހިފުމުގެ ބުރައުފުއްލެވިއެވެ. އަދި ދަތުރުވެރިޔާއަށް ނަމާދުގެ ދެބައިކުޅަ އެއްބައި ލުއިކޮށްދެއްވިއެވެ.)) މިޙަދީސުގައި ރޯދަ ޤަޟާކުރަން ޖެހޭ ވާހަކައެއް ނެތެވެ.

ނ- މާލިކީން ވިދާޅުވާގޮތުގައި[23] މާބަނޑުމީހާ،ފަހުން އެރޯދަތައް ޤަޟާކުރާނީއެވެ.[24] އޭނާއަށް ފިދްޔަ ދިނުމެއް ނެތެވެ. އެކަމަކު ކިރުމައިމީހާ، އެރޯދަތައް ޤަޟާކުރުމަށްފަހު ފިދްޔަ ދޭންވާނެއެވެ. ޙުކްމުގައި ތަފާތުވާ ސަބަބަކީ ކިރުމައިމީހާ، އެކަން ކުރުމަށްޓަކައި އެހެން މީހަކުވެސް ހޯދިދާނެއެވެ. ދެވަނަ ދަލީލަކީ މާބަނޑުމީހާއަކީ ބަލިމީހެއް ފަދަ މީހެކެވެ.

ރ- ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މާބަނޑުމީހާއަށް ވެސް އަދި ކިރުމައި މީހާއަށްވެސް ދޭންޖެހޭނީ ފިދްޔައެވެ. ޤަޟާ ކުރާކަށް ނުޖެހޭނެއެވެ. އިބްނުޢައްބާހާއި އިބްނުޢުމަރާއި ސަޢީދު ބުނު ޖުބައިރުގެ ބަސްފުޅަކީ މިއެވެ.

އަޞްލު ރޯދައިގެ ފިދްޔަ

އެއީ ރޯދަހިފުމުގެ ކުޅަދާނަކަން ލިބިދާނެކަމާމެދު އުއްމީދު ކެޑިފައިވުމެވެ. މިބައިގައި ހިމެނެނީ ޢުމުރުން ދުވަސްވެ މުސްކުޅި ވެފައިވާ މީހުންނާއި ފަސޭހަވެދާނެކަމަށް އުއްމީދު ނުކުރެވޭ ބައްޔެއް ޖެހިފައިވާ މީހާއެވެ. ޢުމުރުން ދުވަސްވެ ރޯދަހިފުމަށް ނުކުޅެދިފައިވާ މީހާއަށް ރޯދަހިފާކަށް ނުޖެހޭނެއެވެ.

ހ- ޖުމްހޫރުން ވިދާޅުވާގޮތުގައި ޢުމުރުން ދުވަސްވެ މުސްކުޅި ވެފައިވާ މީހާއަށް ރޯދަހިފާކަށް ނުޖެހޭނެއެވެ. އޭނާއަށް ޖެހޭނީ ކޮންމެ ދުވަހަކަށް ފަޤީރަކަށް ކާންދޭށެވެ. މިއީ ޙަނަފީންނާއި ޙަންބަލީ މަޛްހަބެވެ. ޝާފިޢީ މަޛްހަބުގައިވެސް މަޝްހޫރުވެގެންވަނީ މިގޮތެވެ. މިބޭކަލުންގެ ދަލީލަކީ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ [25] އިބްނު ޢައްބާސް ވިދާޅުވާގޮތުގައި މިއާޔަތުގައިވާ ޙުކުން މަންސޫޚެއް ނުކުރައްވައެވެ. އެއީ ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނާ ބެހޭގޮތުން އޮތް ޙުކްމެކެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މުސްކުޅިންނަށް ރޯދަނުހިފުމުގެ ލުއިކަންވަނީ ދެއްވައިފައެވެ. އެމީހުންނަށް އަންގަވާފައިވަނީ ފިދްޔަ ދިނުމަށެވެ.[26]

ށ- މާލިކީން[27] ވިދާޅުވާގޮތުގައި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިފައނުވާ މުސްކުޅިންނަށް ރޯދަހިފާކަށް ނުޖެހޭނެއެވެ. އަދި އެފަދަ މީހުންނަށް ފިދްޔަ ދޭކަށްވެސް ނުޖެހޭނެއެވެ. ޝާފިޢީ މަޛްހަބުގެ ރައުޔުތަކުގެ ތެރޭގައިވެސް މި ރައުޔު ހިމެނެއެވެ. މި ބޭކަލުންގެ ދަލީލަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން އެމީހުންގެ ކިބައިން އެވަނީ ރޯދަވާޖިބުވުމުގެ ޝަރްޠުތަކުން ޝަރްޠެއް އުނިވެފައެވެ. މީގެ އިތުރަށް އެބޭކަލުން ވިދާޅުވާގޮތުގައި މުސްކުޅިންނަކީ ބަލިމީހުންނާ އެއްފަދަ ބަޔެކެވެ.

ރިފަރެންސް:


[1]- رواه البخارى وابن ماجه
[2]- سنن الدار قطنى و صحيح ابن حبان وصحيح ابن خزيمة و مصنف عبد الرزاق
[3] - ރޮށްޓާއި ގެރިމަހާއި ސުރުވާ އެއްކޮށްގެން ހަދާ ކާއެއްޗެއް .... މިއީ ކޮއްތުރޮށިފަދަ ކާއެއްޗެކެވެ.
[4]- أُمُّ حَكِيمٍ بِنْتُ دِينَارٍ عَنْ مَوْلاَتِهَا أُمِّ إِسْحَاقَ أَنَّهَاكَانَتْ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُتِيَ بِقَصْعَةٍ مِنْ ثَرِيدٍ فَأَكَلَتْ مَعَهُ وَمَعَهُ ذُو الْيَدَيْنِ فَنَاوَلَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَرْقًا فَقَالَ يَا أُمَّ إِسْحَاقَ أَصِيبِي مِنْ هَذَا فَذَكَرْتُ أَنِّي كُنْتُ صَائِمَةً فَرَدَدْتُ يَدِي لاَأُقَدِّمُهَا وَلاَ أُؤَخِّرُهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا لَكِ قَالَتْ كُنْتُ صَائِمَةً فَنَسِيتُ فَقَالَ ذُو الْيَدَيْنِ الْآنَ بَعْدَمَا شَبِعْتِ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتِمِّي صَوْمَكِ فَإِنَّمَا هُوَرِزْقٌ سَاقَهُ اللَّهُ إِلَيْكِ
[5]- تبيين الحقائق جـ 1، حاشية الدسوقى على الشرح الكبير جـ 1، بداية المجتهد جـ 1، المجموع جـ 6 ، المغنى جـ 3
[6]- ذكره الزيلعى فى نصب الراية
[7]- المجموع : 6/ 328 ، المغنى: 3 / 115 ، المحلى : 6 /185
[8]- البقرة: ١٨٤
[9]- رواه الترمذى والنسائى
[10]- ފިދްޔައާ ބެހޭގޮތުން ވާހަކަ ދައްކާއިރު މިކަމުގެ ތަފްޞީލަށް ބަލައިލެވޭނެއެވެ.
[11]- البقرة: ١٨٤
[12]- الشرح الكبير: 1 / 537، حاشية القليوبى وعميرة : 2/ 68، المغنى: 3 / 82 ، الإنصاف: 3/ 323
[13]- ޞާޢަކީ 2.4 ކީލޯގްރާމެވެ.
[14]- ސަޢޫދީ ދާރުލްފަތުވާގެ ރައުޔަކީ މިއެވެ. އައްޝައިޚު ޢުޘައިމީން ވިދާޅުވާ މިންވަރާ މި މިންވަރާ ދެމެދުގައި ހުރީ އެންމެ ގްރާމެއްގެ ތަފާތެވެ.
[15]- މިސާލަކަށް ބަލިމަޑުކަމުގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން
[16]- ޖުމްހޫރުންގެ ތެރޭގައި މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން ހިމެނެއެވެ.
[17]- رواه البخارى ومسلم وأحمد وابن ماجه والنسائى والبيهقى وأبوداود والترمذى والدار قطنى ابن حبان وأبو يعلى
[18]- المغنى : 3/93 ، المجموع : 6/ 267 ، بداية المجتهد : 1 / 300
[19]- البقرة: ١٨٤
[20]- سنن أبى داود : 2 / 296 ، رقم 2318
[21]- مجمع الأنهر : 1/251 ، بداية المجتهد : 1/300 ، بدائع الصنائع : 2 / 97
[22]- رواه البيهقى والنسائى وأحمدعنأنسبنمالك
[23]- بدايةالمجتهد : 1/300 ، المجموع : 6 / 269
[24]- ޝަފިޢީ މަޛްހަބުގެ ރައުޔުތަކުގެ ތެރޭގައި މި ރައުޔު ވެސް ހިމެނެއެވެ.
[25]- البقرة: ١٨٤
[26]- رواه البيهقى والطبرانى والدار قطنى والحاكم
[27]- بداية المجتهد ، جواهر الإكليل : 1/ 146، المجموع

comment ކޮމެންޓް