ޣައްޒާގަ ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް ޒަކާތު ފަންޑުން ކާބޯތަކެތި ފޯރުކޮށްދެނީ

ޣައްޒާގެ ކުޑަކުއްޖަކަށް އައިއޭސީން ކާބޯތެކިތި ފޯރުކޮށްދެނީ --- ފޮޓޯ/އައިއޭސީ

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް މޯލްޑިވިސް ޒަކާތު ފަންޑު މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް ޒަކާތު ފަންޑުން ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅުން މަސައްކަތްތައް މިނިސްޓްރީގެ ތެރެއިން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކަމާ ގުޅުން ހުރި ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށާއި އުންމީދަކީ ވީ އެންމެ އަވަހަށް އެ ގައުމަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 2.3 މިލިއަންގެ އާބާދީއެއް އޮތް ޣައްޒާ ހަނގުރާމައިގައި މުޅިން އެއްކޮށްވަނީ ސުންނާފަތިވެފައެވެ.

ރައްކާތެރިކަމުގެ އެއްވެސް ސަރަހައްދެއް އެ ތަނުގައި ނެތްއިރު، ޣައްޒާގައި ދިރިއުޅެމުން އަންނަ މީހުން އަންނަނީ ބަނޑުހައިހޫނުކަން އިންތިހާއަށް ތަހައްމަލުކުރަމުންނެވެ.

ހަމަލާތަކުގެ އިތުރުން ބަނޑުހައިހޫނުކަމުގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް