ނިދާފައި އޮތް އިންޑިއާ މީހެއްގެ ރަންފަށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރަށް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއެއްގެތެރޭގައި ނިދާފައި އޮތް އިންޑިއާ މީހެއްގެ ރަންފަށާއި ކަންފަތުލާ މުދި ފޭރެން އުޅުނު މީހެއް ހައްޔަރުކޮށް ބަންދައް 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، 22 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކުރީ ހުއްދަނޫން ތަނަކަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެގޮތުން އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި ފުލުހުން ސީންއަށް ހާޒިރު ވީއިރު، އޭނާ ހުރީ ހ. ޗިލްކާލޭކް ނަމަކަށް ކިޔާ ގެއެއްގައި ހިފައްޓާފައި ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. އަދި ފުލުހުން ސުވާލު ކުރުމުން އޭނާ ފޭރެން އުޅުނު ކަމަށް އިއުތިރާފު ވިކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

މީނާ އަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. މީނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހަޅާފައި ވެއެވެ.

މިފަދަ މައްސަލަތަށް މަދުން ނަމަވެސް ފެންމަތިވެއެވެ. މީގެ ކުރިން މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލައެއް ވެސް ކުރިމަތި ވިއެވެ.

comment ކޮމެންޓް