ބަންދުވުން ނިމުމަކަށް، ރާއްޖޭގެ ފަންނުވެރިންނަށް ބޭރުން އާމުދަނީ ލިބޭނެ މަގެއް!

2023ގެ ރިޔާސީ ކެމްޕޭނުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު "މުއިއްޒު ފޯ އީ ސްޕޯޓްސް" ހަރަކާތުގައި ބައިވެރިވެލައްވަނީ -- ފޮޓޯ/ ވަގުތު

އެކި ޕްލެޓްފޯމުތަކުގެ ބޭނުން ހިފައި ބޮޑެތި އަދަދުތަކުން އާމްދަނީ ހޯދުމަކީ ބޭރު ގައުމުތަކުގެ ޒުވާނުންގެ މެދުގައި އާންމު ކަމެކެވެ. މިއުޒިކް ކުޅުންތެރިންނާއި ކުރެހުންތެރިންނާއި ލިޔުންތެރިންނާއި މިފަދަ އެތައް ފަންނުވެރިންނެއް އެ ފަދަ ޕްލެޓްފޯމުތަކުގައި ހަރަކާތްތެރިވެއެވެ.

މި މީހުންގެ އުފެއްދުންތައް އިންސްޓަގްރާމް، ޓިކްޓޮކް، އެމެޒަން އަދި ޝޮޕިފައި ފަދަ ތަންތަނުގައި އިޝްތިހާރުކޮށް އެ ކަމުން ގިނަ އަދަދެއްގެ ފައިސާ ހޯދައެވެ. އަދި ގިނަ އަދަދެއްގެ ލައިކާއި ފޮލޯވަރުން ތިބޭ މީހުން ވެސް ފޭސްބުކާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމުތަކުން ފައިސާ ހޯދައެވެ.

ރާއްޖޭގައި ވެސް އެތައް ދާއިރާއަކުން ހުނަރުވެރިން ގިނައެވެ. ނަމަވެސް، މިހާތަނަށް ވެސް ރާއްޖޭގެ ހުނަރުވެރިން ތިބީ ހަމައެކަނި ރާއްޖޭގައި ތާށިވެފައެވެ.

ބޭރަށް އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކާ އާމުދަނީއެއް ހޯދާނެ ގޮތެއް ދިވެހިންނަކަށް ނެތެވެ. މިގޮތަށް އޮތް އޮތުމަށް ބޭންކް އޮފް މޯލްޑިވްސުން މިއަދު މި ވަނީ ނިމުމެއް ގެނެސްފައެވެ. ރާއްޖޭގެ ފަންނުވެރިން ރާއްޖޭގައި ތާށިވެފައި ތިބި ތިބުން ނިމުމަކަށް ގެނެސް ބޭރުން ދޮރުތައް މިވަނީ ހުޅުވައިލަދީފައެވެ.

ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތަށް ހެދުން

މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް މި މުއާމަލާތްތައް ކުރަން ބޭނުންކުރެވޭނެ ކަމަށް ބޭންކުން މައުލޫމާތު ދިނެވެ.

އެގޮތުން ދިވެހިންނަށް އުފެއްދުންތައް ވިއްކޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން އަދި ޝޮޕިފައި ހިމެނެއެވެ. މީގެ އިތުރުން އިންސްޓްގަރާމް ފަދަ ޕްލެޓްފޯމްތަކުން ވެސް ދެން ފައިސާ ލިބޭނެއެވެ.

މިކަމާ ގުޅިގެން މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިކަމުގެ ސަބަބުން ފްރީލާންސް މަސައްކަތް ކުރާ މީހުންނާއި ކުދި ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ. މިކަމަށް ޓަކައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

އީ ވޮލެޓުގެ ޚިދުމަތާއި ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ސަރުކާރުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ހުނަރުވެރިންނަށް އިތުރު ފުރުސަތުތަކެއް

މިކަމުގެ ސަބަބުން ހުނަރުވެރިންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުރިން ވެސް ފާހަގަ ކުރި ފަދައިން މިކަމުގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް، މިއުޒިކް ކުޅޭ މީހުންނަށް، ކުރެހުންތެރިންނަށް އަދި އަމިއްލަ އުފެއްދުންތައް އުފައްދައިގެން ވިއްކާ މީހުންނަށް އެ މީހުންގެ އުފެއްދުންތައް ރާއްޖޭން ބޭރުގައި ވިއްކުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިކަމާ ގުޅިގެން ކުރެހުންތެރިޔާ ޝަމީމް އާޓްސް "ސަން"އަށް ބުނީ، މިއީ އަލަށް ކުރެހުމުގެ ދާއިރާއަށް ނުކުންނަ ކުދިންނަށް ވެސް ފަހި ވެގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ ކުދިންނަކީ ކުރެހުމާއި އެހެން ފަންނު ތަކުގައި ވެސް ތަފާތު ބައެއްކަން ފާހަގަކޮށް ޝަމީން ބުނީ، އަލަށް ދާއިރާއަށް ނުކުންނަ ކުޑަ ކުދިންނަށް ރާއްޖޭގައި މާ ގިނަ ފުރުސަތުތަކެއް ފަހިވެފައި ނޯންނަ ކަމަށެވެ.

"ސްކޫލުގަ އުޅޭ ކުޑަ ކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް މިއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ،" ޝަމީން ބުންޏެވެ.

އޭނާ ބުނީ އޭނާ ކުރެހުމުގެ ދާއިރާއަށް ވަން އިރު ދާއިރާ ސިފަވެފައި އޮތީ އެކަމުގެ ސަބަބުން މާބޮޑު އާމުދަނީއެއް ނުލިބޭ ދާއިރާއެއްގެ ގޮތުގައި ކަމަށެވެ. އަދި ބައެއް ބެލެނިވެރިން ވެސް އެ ގަބޫލުކުރުން ގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް ބަލަމާ ކުރަހާ މީހުން މިހެން ވެސް މަހަކު 30،000 ނުވަތަ 50،000ވަރު ހޯދާތަން ފެންނަ ނަމަދެން ތިބި ޕޭރެންޓުނަށް ވެސް އެނގޭނެ މިކަމުން އުޅެވޭނެކަން،" ޝަމީން ބުންނެވެ.

އޭނާ ބުނީ މިކަމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި ކުރެހުންތެރިންނަށް ނޫންކަމަށެވެ.

"އަސްލު ހަމަ ހުރިހާ ދާއިރާއަކަށް ވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑު އެޑްވާންޓޭޖެން ލިބޭނީ،" ޝަމީން ބުންޏެވެ.

މީގެ އިތުރުން، މިއުޒިކްގެ ދާއިރާގައި ކުރިއަރާފައިވާ ޝަހީދް ލެގަސީ ވެސް ފާހަގަ ކުރީ މިކަމުގެ ސަބަބުން ކުދިންނަށް އިތުރު ފުރުސަތުތަކެއް ފާހަގަ ވެގެން ދާނެކަމެވެ.

ރާއްޖޭގެ އެންޓަޓައިންމަންޓް ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާއްޓޭ ވެސް މިއަދު ވަނީ މިކަމާ ގުޅިގެން އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ.

"އަހަރެމެން ހުރިހާ އާޓިސްޓުން ދެކެމުން އައި ހުވަފެނެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ތި ކޮށްދެއްވި ކަންތަކަށް،" ޝުއޫރު ފާޅުކޮށް ހެދި ވީޑިއޯއެއްގައި ކާއްޓޭ ބުންނެވެ.

އެނާ ބުނީ، އިންސްޓަގްރާމް ޓިކްޓޮކް އަދި ފޭސްބުކް ފަދަ ތަންތަނުގައި އެމީހުން ކުރާ މަސައްކަތުން ފައިސާއެއް ލިބޭގޮތްވުމަކީ އަބަދު ވެސް އެދިއެދި ތިބި ކަމެއް ކަމަށެވެ.

"ބޭރު މީހުން ދޭތެރެއަކުން މެސެޖު ކޮށްލަފަ ބުނޭ، ކަލޭމެން ރާއްޖެއަކަށް ލާރިއެއް ނުލިބޭހޯ ތިކުރާ މަސައްކަތުން. ވިއުވާސްތަކާ ލައިކުތަކާ ވަރަށް ބޮޑަށް މައްޗަށް އަރައިގެން ގޮސް އެކަމަކު ލާރިއެއް ނުލިބޭހޯ،" ކާއްޓޭ ބުންޏެވެ.

އޭނަ ބުނީ، މީގެ ކުރިން އެގޮތަށް ލިބޭ ފައިސާ ހޯދަން ޖެހެނީ ބޭރުގެ އެކައުންޓުތައް ހުޅުވައިގެން ބަޔަކަށް ވަކި ޕަސަންޓެއް ދީގެން ކަމަށެވެ. އެކަމަކު މިހާރު މި އޮތީ ރާއްޖޭގައި ތިބެގެން ކުރަ މަސައްކަތުން ސީދާ މީހާއަށް ފައިސާ ލިބޭގޮތް ހަމަޖެހިފައި ކަމަށް އޭނާ ބުންޏެވެ.

މިއީ ރާއްޖޭގެ ފަންނުވެރި ހުނަރުވެރިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ. ރާއްޖޭގައި އޮތް ތާށި ފިލައި މިއަަދުން ފެށިގެން ބޭރުގެ ގައުމުތަކަށް އުފެއްދުންތައް ވިއްކައިގެން ވެސް ދެން ފައިސާ ހޯދޭނެއެވެ.

comment ކޮމެންޓް