މިސްކިތުން ވައްކަން ކުރުން އިތުރުވެ، ވީޑިއޯ ފުޓޭޖް އާއްމުކޮށްފި

ތަގްވާ މިސްކިތުން ވައްކަން ކުރަނީ --

މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ ބޮޑުވެ، ވައްކަން ކުރާ މީހާގެ ވީޑިއޯ ފޫޓޭޖް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި ވީޑިއޯގައި ފެންނަ ގޮތުގައި ތަގްވާ މިސްކިތަށް ވަދެ އެތަނުގައި ބަހައްޓާފައި ހުރި ފަންކާ ހިފައިގެން މީހަކު ދެއެވެ.

ވީޑިއޯ ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ، ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައި ވާކަމަށެވެ. އަދި މި ވީޑިއޯ މިހާރު ފުލުހުންނާ ހިއްސާކޮށްފައި ވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މި މީހާ ދެނެގަނެވުނުކަމާ މެދު ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މި ރަމަޟާން މަސް ފެށުމާއެކު މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ރޭ ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއް ވެސް ވަނީ ވަގަށް ނަގާފައެވެ. އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާއެއް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ވަގަށް ނަގައިފައެވެ.

އޭގެ ކުރިން، މިމަހުގެ 18ގައި މާލޭގެ ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށާއި ފާހާނަ ތައްޓަށް ގެއްލުންދިން މައްސަލައެއް ފެންމަތިވިއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް