10،000 ވަޒީފާ އުފައްދައިދޭނެ، އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފަށަން ތައްޔާރުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: 10،000 ވަޒީފާ އުފައްދައިދޭނެ، އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފަށަން ތައްޔާރުވެއްޖެ ކަމަށް ރައީސް މިރޭ ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އައްޑޫގައި 10،000 ވަޒީފާ އުފައްދައިދޭނެ، އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފަށަން ތައްޔާރުވެއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށާއި ވެފައިވާ ވައުދުތައް ފުއްދަން ބޭނުންވާ ކަމަށެވެ.

އެ މަނިކުފާނު އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާ މަޝްރޫއު ފައްޓަވައިދެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ޝައްކު އުފައްދާ ކަމަށެވެ. އެގޮތުން ހުޅުދޫ ބުރިޖަކީ ހަމައެކަނި 30 ވަރަކަށް މީހުން ސައިކަލް ދުއްވަން އަޅާ ބުރިޖެއް ކަމަށް އިދިކޮޅުން ބުނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަހަލަ ވާހަކަ ރައްޔިތުން ގަބޫލުނުކުރެއްވުން އެދެން. ތަރައްގީގެ ފިކުރުގެ މަތީ ތިބި ބޭފުޅުން ތިބޭފުޅުންނަކީ، އަޅުގަނޑުމެންނަކީ އިރާދަކުރެއްވީތީ ރައްޔިތުންނަށް ތަރައްގީ ގެންނަން ބޭނުންވާ މީހުން. ވައުދުވެފައި އެވައުދު ފުއްދާ މީހުން އަޅުގަނޑުމެންނަކީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހުޅުދޫ ބުރިޖާއެކު، އައްޑޫ ސިޓީގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭވެނެ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ދެކުނަށް ވެސް އެތައް ގުނައެއްގެ ތަރައްގީ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، 6،000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއު ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އައްޑޫގެ އިތުރު މަޝްރޫއުތައް ވެސް އެކުއެކީގައި ކުރިއަށްގެންދާނެ ކަމަށެވެ.

"އެ މަޝްރޫއު ވެސް އެއާޕޯޓުގެ މަސައްކަތާ އެކީގައި، އެއާޕޯޓު ވެސް ތަރައްގީކޮށް ފުޅާކޮށް އިތުރު ހަރުފަތްތަކަށް ގެންދިޔުމަށްޓަކައި، އަބަދުވެސް ދެކެވޭ ވާހަކައެއްގެ ބަދަލުގައި އަމަލީ ގޮތުން އެކަން ކުރުމަށްޓަކައި މިކުރެވޭ މަސައްކަތާ އެކީ، ދެން ވެސް ސީޕްލޭން ޓާމިނަލް ނޫނީ ހަބް އެކަން ވެސް ކުރުމާ ނުކުރުމުގެ މެދުގައި ބޭއްވުމުގެ ބަދަލުގައި މިހުރިހާ ކަމެއް ލާމެހިގެން އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމަށް ޓަކައި މިކުރެވޭ މަސައްކަތް މިކުރަނީ," ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ހަފުތާ 14ގެ ދަށުން އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 22ގައި އިފުތިތާހުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އޭރު ބުނީ، އެ ޕްލޭންގެ މަގުސަދަކީ ހަމައެކަނި ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރި ކުރުވުމެއް ނޫން ކަމަށާއި އައްޑޫ ސިޓީގެ މުއްސަނދި ތަރިކައާއި ގުދުރަތީ ރީތިކަން ދައްކައި ފަތުރުވެރިންނާއި ދިވެހިންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް